އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގްގައި ރާއްޖޭން 2-0 އިން ބްރޫނައި ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް ކޭ ގެ ކޮލިފައިން ކުރިއަށްދަނީ މިޔަންމާގެ ޔަންގޮންގަ އެވެ.

މެޗު ފެށިގެން ދިވެހި ޓީމުން ވަނީ ކޮންޓްރޯލް ހޯދާފަ އެވެ. އަދި ބްރޫނައިގެ ޑިފެންސަށް ރާއްޖޭން ބާރުބޮޑު ކުރި އެވެ. 

ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރު އަހްމަދު ޝާކިރު (ޝާކިއްޓޭ) ކޯޗުކަމުގެދަށުން ކޮލިފައިން މުބާރާތާ ކުރިމަތިލި ދިވެހި ޓީމުން ބުރުނާއީއާ ދެކޮޅަށް އުފެއްދި ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގައި ލީޑް ނެގި އެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓް ޖަހައި ދިނީ ނިއު ރޭޑިއަންޓްގެ ފޯވާޑް އީތަން އިބްރާހީމް ޒަކީ އެވެ. ގޭމް ކޮންޓްރޯލްކޮށްގެން ކުޅެމުންދަނިކޮށް، ލިބުނު ހުސް ޖާގައެއްގެ ބޭނުންހިފައި އީތަން ވަނީ އޭރިއާ ބޭރުން ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ގޯލުގެ ތެރެއަށް  ބޯޅަ ވައްދާލަފަ އެވެ.

ރާއްޖޭން ކުޅެމުން ދިޔަ ގޭމް ދެމެހެއްޓި އެވެ.  ދެވަނަ ލަނޑު ޖަހައި ދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާނެވެ.

މާޒިޔާގައި އޭނާއާ އެކު ކުޅޭ ނައްސާހް އިބްރާހިމް ނާސިރު ތަނަވަސްކޮށްދިން ފުރުސަތުގައި ބްރޫނައިގެ އޭރިއާ ތެރެއިން އިލާން ވަނީ ހަމަޖެހިލާފައި ފޮނުވާލި ބޯޅައިން ރާއްޖޭގެ ލީޑު ފުޅާކޮށްދީފަ އެވެ. 

ދެވަނަ ހާފުގައި ދެ ގޯލުގެ ލީޑެއް އޮތުމުން ރާއްޖޭގެ ޓީމުން ވަނީ ހިފެހެއްޓުމަށް އިސްކަންދީގެން ކުޅެފަ އެވެ. 

ބްރުނާއީގެ ކެޕްޓަން ހަރުމާން ސުލައިމާން އިސްދައުރެއް އަދާކޮށްގެން އުފައްދަން މަސައްކަތްކުރި ކައުންޓަ އެޓޭކް ހަމަލާތައް ރާއްޖޭގެ ޑިފެންސް ލައިނުން ވަނީ ވަރަށް ހުއްޓުވާފަ އެވެ.

މި ގުރޫޕްގައި، ދެން އޮތީ މިޔަންމާ އާއި ލަންކާ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި އެ ދެ ޓީމު ކުރިމަތިލުން 4-0 ން ކާމިޔާބު ކުރީ މިޔަންމާ އެވެ. ރާއްޖެ އަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.