އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ލަންކާގެ މައްަޗަށް 4-0 ނަތީޖާއާ އެކުން ރާއްޖެ މޮޅުވެއްޖެ އެވެ. 

މި މޮޅާއެކު ދިވެހި ޓީމަށް ވަނީ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނި ކޮލިފައިންގެ  އަނެއް މަރުހަލާއިން ޖާގަ ކަށަވަރު ކޮށްފަ އެވެ.

ރާއްޖެ އާއި ލަންކާ މިޔަންމާ އާއި ބުރުނާއީ ހިމެނޭ ގުރޫޕް ކޭ އިން، އަނެއް މަރުހަލާ އަށް ދަތުރު ކުރި އަނެއް ޓީމަކީ މި ގުރޫޕްގެ ކޮލިފައިން މެޗުތައް ބާއްވާ މިޔަންމާ އެވެ. 

އެ ގައުމުގެ ޔަންގޮންގެ ތުވުންނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުން ވަނީ ލަންކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ރާއްޖޭގެ މުހައްމަދު ޝަމްހާން، އަހުޒަމް ރަޝީދު، ކެޕްޓަން މުހައްމަދު އިލާން އިމްރާން އަދި ނައްސާހު އިބްރާހީމް ނާސިރު ފޮނުވާލި ހަމަލާތައް ލަންކާގެ ގޯލްކީޕަރު ޝާތިން ކަތާފީ ޝަހީދު ވަނީ ދިފާއުކޮށްފަ އެވެ.

ދިވެހި ޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގަ އެވެ. ނައްސާހު ފޮނުވާލި ހަމަލާ ކީޕަރު ޝަހީދު ދިފާއުކުރުމުން ރީބައުންސްވި އެވެ. އެ ބޯޅަ ވޮލީއަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ޖަހައިދިނީ ކެޕްޓަން އިލާނެވެ.

ރާއްޖޭގެ އިލާން، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ
ރާއްޖޭގެ އިލާން، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ

މެޗުގެ 60 ވަނަ މިނެޓުގައި ދިވެހި ޓީމުގެ ދެވަނަ ލަނޑު ޖެހީ މުހައްމަދު ޝަމްހާނެވެ. އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ނުރައްކާތެރި ހަމަލާއަކުންނެވެ.

ލަންކާއަށް އިތުރު މައްސަލަތަކާ ކުރިމަތިވީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު ފާރިގު ފާރޫން (މުހައްމަދު ފުއާދު) އަށް ދެއްކި ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުއި ދަނޑުން ފނުވާލުމުންނެވެ.

މެޗުގެ ބާކީ ބައި އެޓީމުން ކުޅެންޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އޭގެ ފައިދާ ދިވެހި ޓީމަށް ނަގައި ދިނީ ނައްސާހެވެ. އޭނާ ވަނީ ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހާފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި ޖެހީ އަހުޒަމް ނަގައިދިން ކޯނަރުން ތަނަވަސްވި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ އިލާން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުގައި މިޔަންމާއިން ވަނީ 7-0 އިން ބްރޫނައި ބަލިކޮށްފަ އެވެ. ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ މަގާމުގައި މިވަގުތު އޮތީ މިޔަންމާ އެވެ.

އެއްވަނަ ޓީމު ކަނޑައެޅޭނީ އާދީއްތަ ދުވަހު މިޔަންމާ އާއި ރާއްޖެ ބައްދަލުކުރާ މެޗުންނެވެ. 

އޭއެފްސީން މިހާރު ތައާރަފުކޮށްފައިވާ އާ އުސޫލުގެ ދަށުން، ކޮލިފައިން ބައިވެެރިވާ ޓީމުތައް ވަނީ ދެ ފޭސްއަކަށް ބަހާލާފަ އެވެ. އެއީ "ކޮލިފިކޭޝަން ފޭސް" އާއި "ޑިވެލޮޕްމަންޓް ފޭސް" އެވެ.

އޭއެފްސީ ޔޫ20 އޭޝިއަން ކަޕް ކޮލިފައިންގްގައި ސްރީލަންކާގެ އަހުމަދު ހިޖާޒީ (6) ކައިރިން ނައްޓާލުމަށްފަހު ރާއްޖޭގެ އައިދު މުހައްމަދު ޖަވީޒް (20) ބޯޅައާއެކު ކުރިއަށްދާން މަސައްކަތްކުރަނީ.  ފޮޓޯ: އޭއެފްސީ
އޭއެފްސީ ޔޫ20 އޭޝިއަން ކަޕް ކޮލިފައިންގްގައި ސްރީލަންކާގެ އަހުމަދު ހިޖާޒީ (6) ކައިރިން ނައްޓާލުމަށްފަހު ރާއްޖޭގެ އައިދު މުހައްމަދު ޖަވީޒް (20) ބޯޅައާއެކު ކުރިއަށްދާން މަސައްކަތްކުރަނީ. ފޮޓޯ: އޭއެފްސީ

ޑިވެލޮޕްމެންޓް ފޭސްގައި ހިމެނޭނީ އޭޝިއާގެ ދަށް ރޭންކުގެ ގައުމުތަކެވެ. މި ފޭސްގެ ގްރޫޕް ކޭގައި ހިމެނޭ ރާއްޖޭން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުން، ދިވެހި ޓީމު ވަނީ ކޮލިފިކޭޝަން ފޭސްއަށް ޕްރޮމޯޓް ވެފަ އެވެ. 

ރާއްޖޭ ދެން ވާދަކުރަން ޖެހޭ، ކޮލިފިކޭޝަން ފޭސްގެ މެޗުތައް ހާއްސަކުރާނީ 2029 ވަނަ އަހަރު ބާއްވާ އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިހާރު ކުރިއަށްދާ މި އަހަރުގެ އަހަރުގެ މައި ކޮލިފިކޭޝަން ފޭސްއިން ގްރޫޕްތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުތައް ކޮލިފައިވާނީ އަންނަ އަހަރު ޗައިނާގައި ބާއްވާ 20 އަހަރުންދަށުގެ އޭޝިއަން ކަޕަށެވެ.