އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތޯލިބާނުންގެ ސަރުކާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ސަލާމަތްވެގެން ދިޔަ އަންހެން ސައިކަލު ދުއްވުންތެރިޔަކު، އޭޝިއަން ގޭމްސްއިން އެ ގައުމަށް ރިހި މެޑަލް ހޯދައިފި އެވެ.

އުމުރުން 23 އަހަރުގެ ފަރީބާ ހާޝިމީ، ވަނީ ޖަޕާނުގެ އައިޗި ނަގޯޔާގައި މިހާރު ކުރިއަށްދާ ގޭމްސްގެ އަންހެނުންގެ ރޯޑް ރޭސް އިވެންޓްގެ ބައިސްކަލް ދުއްވުމުގެ އިވެންޓުން ދެވަނަ ހޯދާފަ އެވެ. 

"އަހަރެންގެ އިހުސާސްތައް ބުނެދޭން ވެސް ނޭނގެ،"  އޭނާ ބުންޏެވެ.

އޭނާ ބުނީ އުމުރުން ހަގު އިރު ކުޅިވަރުގެ ތެރެއަށް ވަނީ އޭނާގެ އަންހެން ކޮއްކޮ ޔުލްދުޒާ އެކު ފިރިހެނުންގެ ސިފަޖެހިގެން ކަމަށެވެ. އެ ދުވަސްވަރު މީހުންގެ ހަމަލާތަކާ ވެސް ކުރިމަތިލާންޖެހުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އުފަންވީ ހުވަފެން ދެކޭ އަންހެނުންނަށް ހަމަލާދޭ ގައުމަކަށް، އަދި އެކަމާ ދެކޮޅަށް މަސައްކަތް ކުރެވުނީތީ ވަރަށް އުފާކުރަން،" ފަރީބާ ބުންޏެވެ.

"އަހަރެން އުންމީދު ކުރަނީ ދެން އަންނަން އޮތް ޖީލުތަކުން ބިރެއްނެތި ގައުމު ތަމްސީލު ކުރާނެ ކަމަށް." 

އޭނާ ބުނީ ހޯދި މެޑައްޔަކީ އަފްޣާނު އަންހެނުންގެ ހިތްވަރު ދައްކުވައިދޭ މެޑަލެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފަރީބާ އަފްޣާނިސްތާނުން ބޭރުވީ ދުނިޔޭގެ ކުރީގެ އަންހެން ސައިކަލިސްޓް ޗެމްޕިއަން އެލެސަންޑްރާ ކަޕެލޯޓޯގެ އެހީތެރިކަމާ އެކު އެވެ. ފަރީބާ ވަނީ ފްރާންސްގެ ޕެރިހުގައި 2024 ގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. 

އޭނާ ބުނީ 2028 ގައި ލޮސްއެންޖަލިސް އޮލިމްޕިކްސްއިން މެޑައްޔެއް ހޯދުމުގެ އަމާޒުގައި، މިހާރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ތޯލިބާނުން 2021 ގައި އަލުން ވެރިކަމަށް އައިސް އަފްޣާނިސްތާނުގެ އަންހުންނަށް ދީފައި އޮތް ހައްގުތައް ހިފެހެހެއްޓި އެވެ. ސީދާ ޔުނިވަސިޓީއަށް ގޮސް ކިޔެވުމުގެ ފުރުސަތު އަﷲްގާނިސްތާނުގެ އަންހެނުންނަކަށް ނެތެވެ. އަންހެން ދަރިވަރުންގެ ތެރެއިން ސްކޫލަށް ސީދާ ހާޒިރުވެގެން ކިޔެވުމުގެ ހުއްދަ އޮންނާނީ ގްރޭޑް ހަތަކުން ފެށިގެން ދަށުގެ ދަރިވަރުންނަށެވެ.