ކާބުލް (ޑިސެމްބަރު 4) - އަފްޣާނިސްތާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެކިއެކި އެހީތައް ދިނުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަކުރި ޖަޕާނުގެ ޑޮކްޓަރު ޓެޓްސޫ ނަކަމޫރާ ގަޔަށް ބަޑިޖަހައި މިއަދު މަރާލައިފި އެވެ.

ނަކަމޫރާ، 73، ގެ ގަޔަށް ބަޑިޖެހީ އަފްޣާނިސްތާނުގެ އިރުމަތީގެ ޕްރޮޖެކްޓެއް ބަލާލުމަށް ކާރުގައި ދުއްވާފައި ދަނިކޮށެވެ. ޖަލާލްއާބާދުގައި ދިން އެ ހަމަލާގައި އަފްޣާނިސްތާނުގެ ފަސް މީހަކު ވެސް މަރުވި އެވެ. ކާރަށް ދިން ހަމަލާގެ ވަޒަންތައް ވަނީ ނަކަމޫރާގެ މެއަށް ވެސް އަރައިފަ އެވެ. އޭނާ މަރުވީ ކާބުލްގެ ހޮސްޕިޓަލަކަށް ގެންދިއުމަށް ޖަލާލްއާބާދުގެ އެއާޕޯޓަށް ގެންދިޔަ ފަހުންނެވެ. މަރުވި ފަސް މީހުންނަކީ ނަކަމޫރާގެ ތިން ބޮޑީގާޑުންނާއި ކާރުގެ ޑްރައިވަރާއި އޭނާގެ ރަހުމަތްތެރިއެކެވެ.

ޑރ. ނަކަމޫރާގެ ކާރުގެ ވިންޑްސްކްރީނަށް ވަޒަން އަރާފައި. --ފޮޓޯ:ރޮއިޓާސް
ޑރ. ނަކަމޫރާގެ ކާރުގެ ވިންޑްސްކްރީނަށް ވަޒަން އަރާފައި. --ފޮޓޯ:ރޮއިޓާސް

އެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ. އަދި ނަކަމޫރާ އަށް ހަމަލާ ދިނީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

އަފްޣާނިސްތާނުގައި ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނަކަމޫރާ އަށް މި އަހަރު ވަނީ އަފްޣާނިސްތާނުގެ އޮނަރަރީ ސިޓިޒަންޝިޕް ވެސް ދީފަ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވަނީ ނަކަމޫރާ މަރާލުމަކީ ލިބިވަޑައިގެންނެވި ޝޮކެއް ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ޓެޓްސޫ ނަކަމޫރާ އަކީ ކާކު؟

ޑރ. ނަކަމޫރާ އުފަންވެފައި ވަނީ 1946 ވަނަ އަހަރުގެ ޖަޕާނުގެ ފުކޯކާގަ އެވެ. ޑޮކްޓަރެއްގެ ގޮތުގައި ކޮލިފައިވުމަށް ފަހު، ބަލި މީހުންނަށް ފަރުވާ ދިނުމަށް ޕާކިސްތާނަށް ބަދަލުވީ 1984 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން ވަނީ އަފްޣާނިސްތާނަށް ބަދަލުވެފަ އެވެ. އަދި އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަރްހާރުގައި ކްލިނިކެއް ހުޅުވައި ފަރުވާދޭން ފެށި އެވެ. އޭގެ ފަހުން ވަނީ ޕީސް ޖަޕާން މެޑިކަލް ސާވިސަސް (ޕީއެމްއެސް)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަ އެވެ. އެ ޖަމިއްޔާ އިން އެއްދުވަސްވަރެއްގައި ވަނީ ލެޕްރޮސީ ބަލި މީހުންނަށް ފަރުވާ ދިނުމަށް 10 ކްލިނިކް ހިންގައިފަ އެވެ.

ޑރ. ނަކަމޫރޫގެ މަަސައްކަތުގެ އަގު ވަޒަންކޮށް އިނާމުދީފައިވޭ. --ފޮޓޯ:އޭއެފްޕީ
ޑރ. ނަކަމޫރޫގެ މަަސައްކަތުގެ އަގު ވަޒަންކޮށް އިނާމުދީފައިވޭ. --ފޮޓޯ:އޭއެފްޕީ

ނަކަމޫރާ ވަނީ އަފްޣާން ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

ނަކަމޫރާ އަށް ވަނީ، އޭޝިއާގެ ނޯބެލް އިނާމުގެ ގޮތުގައި ބެލެވޭ ރޭމޮން އެވޯޑް 2003 ވަނަ އަހަރު ލިބިފަ އެވެ.