ޔޫއެފާ ނޭޝަންސް ލީގުގައި އަޔަލެންޑް އާއި އިޒްރޭލް ބައްދަލުކުރި މެޗުގެ ތެރެއިން، އިޒްރޭލް ގެ ކުޅުންތެރިޔަކު އަޔަލެންޑްގެ އެސިސްޓެންޓް ކޯޗުގެ ގަޔަށް ކުޅުޖެހިކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.
އަޔަލެންޑްގެ މީޑިއާތަކުން ބުނިގޮތުގައި، އެ ޓީމުގެ ކޯޗިން ޓީމުގެ އޮފިޝަލެއް ކަމަށްވާ، ޑޭމިއަން ޑޮއިލް ވަނީ އިޒްރޭލް ގެ ކުޅުންތެރިޔަކު އޭނާގެ ގަޔަށް ކުޅުޖެހިކަމަށް ތުހުމަތުކޮށްފަ އެވެ. އެކަން ހިނގީ ހާފު ޓައިމްގައި ކަމަށް ބުނެފައިވެ އެވެ.
ސާބިއާގައި ސަޕޯޓަރުން ނުވައްދައި ކުޅުނު އެ މެޗު ނިމުނީ 1-1 އިންއެއްވަރުވެގެންނެވެ.
މި ހާދިސާއާ ބެހޭގޮތުން ސުވާލުކުރުމުން އަޔަލެންޑް ގެ ހެޑް ކޯޗު ހޭމިރް ހާލްގްރިމްސަން ބުނީ އޭނާ އެތަނުގައި ހުރި ކަމަށެވެ. ނަމަވެސް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނެތީ ތަފްސީލު ދެވެން ނެތް ކަމަށް، އައިސްލެންޑަށް ނިސްބަތްވާ ކޯޗު ބުންޏެވެ.
"އަހަރެން އެތަނުގައި ހުރިން. ނަމަވެސް މިކަމާ މެދު އެއްޗެއް ބުނާކަށް ނެތިން. މިއީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ ކަމެއް،" ހާލްގްރިމްސަން ބުންޏެވެ.
އިޒްރޭލް ގެ ކޯޗު ރާން ބެން ޝިމޯން ބުނީ ހާފް ޓައިމަށް މެދުކަނޑާލުމާ އެކު އޭނާ ޗޭންޖިން ރޫމަށް ދިޔަކަމަށެވެ. އެހެންވެ އޭނާ އަށް އެކަމެއް ނުފެނުނު ކަމަށް ބުންޏެވެ.
"ހާފްޓައިމްގައި އަހަރެން ހުރީ ޗޭޏްޖިން ރޫމުގައި. އަހަރެންގެ ކޯޗުން ސްޓާފުންނާ އެކު. އަހަރެން އެއްވެސް ކަމެއް ނުދެކެން. ތިކަން ބަލައި އޮޅުންފިލުވުމަށް އަހަރެން ކަލޭމެންނަށް ޖަވާބެއް ދޭނަން،" ޝިމޯން ބުންޏެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އޫރޫޕާގެ އެއް ގައުމަކީ އަޔަލެންޑެވެ. އިޒްރޭލާ ދެކޮޅަށް މެޗު ނުކުޅެ ބޮއިކޮޓް ކުރުމަށް، އަޔެލްނޑްގެ ސަޕޯޓަރުންނާއި އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ގޮވާލި އެވެ.
އެކަމަކު މެޗު ނުކުޅެއްޖެނަމަ، ޔޫއެފާއިން ކުރިމަތިވެދާނެ އަދަބަކާ ގުޅިގެން އަޔެލެންޑްގެ ޓީމުގެ ކުޅުންތެރިންނާއި ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ މެޗު ކުޅުމަށެވެ. ރޭގައި ކުޅުނީ އަޔަލެންޑްގެ ހޯމެ މެޗެ. އެ މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ.
އިޒްރޭލާ ދެކޮޅަށް ކުޅެން ޖެހުމުން، ކުރިމަތިވި ސިޔާސީ ޕްރެޝަރާ ގުލޭ ގޮތުން އެ ޓީމުގެ ކޯޗު ހާލްގްރިމްސަން ބުނީ އިޒްރޭލާ ދެކޮޅަށް ކުޅުމަކި އޭނާ އަށާއި މުޅި ޓީމަށް ވެސް ތަކުލީފެއް ކަމަށެވެ. އެކަމަކު އެ ކުރިމަތިލުން މިހާރު ނިމިގެން ދިއުމުން އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
"މިކަން ނިމުމުން އަހަރެން ވަރަށް އުފާކުރަން. މިއީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ބޮޑު ތަކުލީފަކަށްވި ކަމެއް. އަހަރެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސާބަސް ދެން. މިފަދަ އުނދަގޫ ވަގުތެއްގައި އެ ކުޅުންތެރިން ދެއްކީ އަޖައިބުކުރުވަނިވި ހިތްވަރެއް. އަދި ފާއިތުވި ދެ ހަފުތާގައި އަހަރެމެން ތަހައްމަލުކުރި ކަންކަން އެއްވެސް ގައުމީ ޓީމަކުން ތަހައްމަލުކުރަން ނޭދެން،" އޭނާ ބުންޏެވެ.
މިދިޔަ ހަފުތާގައި އިޒްރޭލްގެ ހޯމް މެޗުގެ ގޮތުގައި ހަންގޭރީގައި ކުޅުނު މެޗުން އަޔަލެންޑް ވަނީ 3-0 އިން މޮޅުވެފަ އެވެ.