އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލައި، ރިޕަބްލިކް އޮފް އަޔަލެންޑުގެ ގައުމީ ކޯޗު ހެއިމިރް ހާލްގްރިމްސަން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު ހާލްގްރިމްސަން ބުނީ، އަޔަލެންޑު ޓީމު މެޗަށް ނުކުންނަނީ އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ ބޮޑު ޖަރީމާ އާއި ގަތުލްއާންމުގެ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށެވެ.
"އަހަރެމެން މެޗަށް ނުކުންނަނީ ނަސްލުނައްތާލުމަށް އިޒްރޭލުން ހިންގާ ގަތުލްއާންމާ ދެކޮޅަށް،" ހާލްގްރިމްސަން ބުންޏެވެ.
"އަހަރެމެން ކުޅެނީ އިޒްރޭލާ ދެކޮޅަށް. އަހަރެމެން އިޒްރޭލާ އެކު ކުޅެނީއެއް ނޫން."
އޭނާ ބުނީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކުގެ ސަބަބުން އެ ޓީމާ ދެކޮޅަށް ކުޅެން އަޔަލެންޑްގެ އެއްވެސް ކުޅުންތެރިއަކު އަދި ހުދު އޭނާ ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
ޔޫކްރޭނަށް ހަމަލާދިނުމުން ރަޝިއާ ސަސްޕެންޑްކުރި ގޮތަށް އިޒްރޭލް ސަސްޕެންޑް ނުކޮށް، ވަކި ގޮތަކަށް އަމަލުކުރާތީ ޔޫއެފާއަށް ވެސް އޭނާ ވަނީ ފާޑުކިޔާފަ އެވެ.
އޭނާގެ ވާހަކަތަކާ ގުޅިގެން އިޒްރޭލްގެ އެފްއޭއިން ތިބީ ވަރަށް ނުރުހުން ވެފަ އެވެ. އެ އިދާރާއިން ރުޅިވެރިކަމާ އެކު ހާލްގްރިމްސަންއަށް ރައްދު ދެމުން ބުނީ އޭނާގެ ކިބައިގައި ހުރީ "ޖާހިލުކަމާއި މޮޔަކަން" ކަމަށެވެ.
"އަހަރެމެން ކުޅެނީ ޖާހިލުކަމާ މޮޔަކަމާ މަކަރުވެރިކަމާ އެކު އެއް ނޫން. އަހަރެމެން ކުޅެނީ އެ ސިފަތައް ހުރި ކޯޗާ ދެކޮޅަށް،" އިޒްރޭލްގެ އެފްއޭއިން ބުންޏެވެ.
މިދިޔަ 78 އަހަރުތެރޭ ފަލަސްތީނުގައި ހިންގި ޖަރީމާތަކުގައި، އިޒްރޭލުން ވަނީ 200،000 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ރަށުން ނެރެލި އެވެ. އޭގެ ތެރެއިން 70،000 އަށް ވުރެ ގިނަ މީހުން މަރާލީ އޮކްޓޯބަރު 2023 ފެށިގެން ހިންގަމުންދާ ގަތުލްއާންމުގަ އެވެ. އެ ގަތުލްއާންމުގައި
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނު މައްސަލައިގައި އިޒްރޭލާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލާ ގައުމަކީ އަޔަލެންޑެވެ. އަޔަލެންޑްގެ ކްލަބްތަކުން ވެސް މީގެ ކުރިން ވެސް ވަނީ ފަލަސްތީނަށް ތާއީދުކޮށް އެކި ހަރަކަތްތައް ހިންގާފަ އެވެ.
އިޒްރޭލްގައި ރައްކާތެރިކަން ނެތުމުން އިޒްރޭލްގެ ހޯމް މެޗު ކުޅޭނީ ހަންގޭރީގަ އެވެ. އަދި ޔޫއެފާއިން ވަނީ އަޔަލެންޑުން އިޒްރޭލާ ދެކޮޅަށް އަޔަލެންޑްގެ ހޯމް މެޗު ވެސް ސާބިއާއަށް ބަދަލުކޮށްފަ އެވެ.