ހެރީ ކޭންއަކީ އިނގިރޭސި ވިލާތުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފި އެވެ.

އިނގިރޭސި ޤައުމީ ޓީމަށް 125 ވަނަ މެޗު ކުޅެ، ޕީޓާ ޝިލްޓަން ހަދާފައިވާ ރެކޯޑާ، ކޭން ވަނީ އެއްވަރުކޮށްފަ އެވެ. 

ޔޫއެފާ ނޭޝަންސް ލީގުގައި ޗެކިއާ (ޗެކް ރިޕަބްލިކް) އާ ދެކޮޅަށް ކުޅެ 3-0 އިން އިނގިރޭސިން މޮޅުވި މެޗުގައި ކޭން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ތޯމަސް ޓޫހުލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިނގިރޭސި ޓީމުގެ ކެޕްޓަން ކޭން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

ބެލިންހަމް ބުނީ ކޭންއާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން ނުޖެހޭ ކަމަށެވެ. 

"އޭނާއާ ބެހޭގޮތުން އިތުރަށް ދައްކާނެ މާ ބޮޑު ވާހަކައެއް ނެތް. އަހަރެންގެ ނަޒަރުގައި، ކެޕްޓަނެއްގެ ގޮތުންނާއި އިންސާނެއްގެ ގޮތުންވެސް އޭނާއަކީ އާދަޔާހިލާފު މީހެއް. އޭނާއަކީ އިނގިރޭސި ޖޯޒީގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ. އޭނާއާ އެކު ކުޅެން ލިބުމަކީ އަހަންނަށް ލިބޭ ބޮޑު ޝަރަފެއް،" ބެލިންހަމް ބުންޏެވެ. 

އުމުރުން 33 އަހަރުގެ ކޭން ބުނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފު ލިބުމަކީ އޭނާގެ ކެރިއާގެ އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. 

"މިއީ އަހަރެންގެ އެންމެ ބޮޑު އެއް ކާމިޔާބީ. ކެރިއަރުގައި އެތައް ކާމިޔާބީއެއް ލިބުނު ކަމުގައި ވިޔަސް، މިއީ އަހަރެން ހުވަފެނުގައިވެސް ތަޞައްވުރުކުރި ވަރަށްވުރެ ބޮޑު ކަމެއް. 125 މެޗުގެ ރެކޯޑާ ހަމަކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މުޅި ޓީމުގެ މަސައްކަތް،" އޭނާ ބުންޏެވެ. 

އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި ކްރޮއޭޝިއާ ދެކޮޅަށް ކުޅޭ މެޗުން، ކޭން އަށް ފުރުސަތު ދީފިނަމަ ޝިލްޓަންގެ ރެކޯޑް ކޭން އަށް މުގުރާލެވޭނެ އެވެ.