ދެކުނު ކޮރެއާގެ އެތުލީޓުން ވެސް ފުރިހަމަކުރަން ޖެހޭ މަޖުބޫރު އަސްކަރީ ތަމްރީނާއި ހިދުމަތް އުވާލުމާ މެދު އެ ގައުމުގެ ސަރުކާރުން ވިސްނަން ފަށައިފި އެވެ. 

އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ޗޯއީ ހުވީ ޔަންގް، ސަރުކާރުގެ ގައުމީ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ އެތުލީޓުންނާއި އާޓިސްޓުން ވެސް ފުރިހަމަކުރަންޖެހޭ އަސްކަރީ ތަމްރީނާއި ހިދުމަތުގެ ބޮންޑާ މެދު މުރާޖައާ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަސްކަރީ ތަމްރީނުގެ ސަބަބުން އެތުލީޓުންނާއި އާޓިސްޓުންގެ ހުނަރު ދެމެހެއްޓުމަށް އެހީއަކަށް ވެސް ވި ކަމަށެވެ. 

"މި އުސޫލުގެ ސަބަބުން ކުޅަދާނަ އާޓިސްޓުންނާއި އަތުލީޓުންގެ ހުނަރު ދެމެހެއްޓުމަށް އެހީތެރިވެދިން ކަމީ ހަޤީޤަތެއް،" ހުވީ ޔަންގް ވިދާޅުވި އެވެ.

ނަމަވެސް އިންސާފުވެރިކަމުގެ މިންގަނޑުތަކާއި ސިފައިންގެ ޚިދުމަތާމެދު އާންމުން ދެކޭގޮތް މިހާރު ވަނީ ބަދަލުވެފައި. އެހެންކަމުން މި އުޞޫލު މުޅިން އަލުން މުރާޖައާކުރަންޖެހޭ ކަމަށް އަހަރެން އެއްބަސްވަން."

އެކަމަކު އަސްކަރީ ތަމްރީނު މަޖުބޫރުކޮށްފައި އޮތުމުން ބައެއް އެތުލީޓުންގެ ނުރުހުން އަމާޒުވެ އެވެ. މި މައްސަލަ ބޮޑުވީ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ ފައިނަލްގައި ޖަޕާން އަތުން 1-0 އިން ދެކުނު ކޮރެއާ މޮޅުވި މެޗަށްފަހު، އެ ޓީމުގެ ތިން ކުޅުންތެރިއަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މެޗު ކާމިޔާބު ކުރަން ޖެހި ލަނޑަށް ފުރުސަތު ތަނަވަސްކޮށް ދިން ޔަންގް މިން ހްޔުކް ބުނީ އޭޝިއަން ގޭމްސްގެ މެޑަލް ހޯދަން ބޭނުންވީ ކަމަށެވެ.

"މެޑަލް އާއި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ މުހިންމު ކަމެއް ނޫން. އަހަރެން މެޗު ކުޅުނީ ހަމައެކަނި އެންމެ ކަމަކަށް ވިސްނައިގެން. އެއީ ސިފައިންގެ ހިދުމަތުން އިސްތިސްނާވުމުގެ އިނާމު ހޯދުމަށް،" އޭނާ ބުންޏެވެ. 

އެކަމާ ނުރުހުންފާޅުކުރީ އޭނާ އެކަންޏެއް ނޫނެވެ. ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު ޕާކް ސުންގް ސޫ ވަނީ ސިފައިންގެ ހިދުމަތް ނިންމާ މީހުން އަޅާ ތޮއްޕެއް އަޅައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އަދި ޓީމުގެ ކެޕްޓަން ލީ ގީހްޔުކް ރަން މެޑަލްއާ އެކު ފޮޓޯ ނަގައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓާ އެކު ލިޔެފައި ވަނީ އަސްކަރީ ތަމްރީނު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށެވެ.

"ދެން އަހަރެން ސިފައިންގެއަކަށް ނުދާނަން،" އޭނާ ލިޔެފައިވެ އެވެ. 

ފަހުން އެ ކުޅުންތެރިން ވެސް، އެގޮތަށް ވާހަކަ ދެއްކުމަށް ފަހު އެކަމާ މައާފަށް އެދިފަ އެވެ.