އޭޝިއާގެ އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗަކަށް، އުތުރު ކޮރެއާގެ ކްލަބް، ނޭގޯހްޔަން މި މަހު ދެކުނު ކޮރެއާއަށް ދަތުރުކުރާނެކަން ކަށަވަރުކޮށްދީފި އެވެ.
މިއީ 2018 ވަނަ އަހަރުގެ ފަހުން އުތުރު ކޮރެއާގެ ކުޅިވަރު ޓީމެއް ދެކުނު ކޮރެއާއަށް ކުރާ ފުރަތަމަ ދަތުރެވެ.
ސިޔާސީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން، ކުޅިވަރާއި ސަގާފީ ގުޅުންތައް ބޭއްވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މި މަހުގެ 20 ވަނަ ދުވަހު ކުޅޭ މި މެޗުގައި ނޭގޯހްޔަން ނުކުންނާނީ ދެކުނު ކޮރެއާގެ ސުވޮން އެފްސީއާ ދެކޮޅަށެވެ.
މި ދަތުރުގައި 27 ކުޅުންތެރިންނާއި 12 އޮފިޝަލުން ހިމެނޭ ސްކޮޑެއް ބައިވެރިވާނެ އެވެ. އެ ޓީމު ބެއިޖިންގް މަގުން ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓަށް ދާނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.
ސުވޮން ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅޭ މި ސެމީ ފައިނަލުން މޮޅުވާ ޓީމެއް، މި މހަު 23 ގައި އޮންނަ ފައިނަލުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާގެ މެލްބަން ސިޓީ ނުވަތަ ޖަޕާނުގެ ޓޯކިޔޯ ވާޑީ ބެލޭޒާ އާއެވެ.
އުތުރު ކޮރެއާގެ އަންހެން ފުޓްބޯޅަ ޓީމަކީ އޭޝިއާގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ބާރެވެ. ހާއްސަކޮށް ޒުވާން އުމުރުފުރާތަކުގައި އެ ގައުމުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.
އެންމެ ފަހުން ބޭއްވި 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ފައިނަލުގައި ނެދަލެންޑްސް 3-0 އިން ބަލިކޮށް އެ ގައުމުން ވަނީ ތަށި އުފުލާލާފަ އެވެ.