ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ހއ. ދިއްދޫގައި ކުޅޭ ފުރަތަމަ މެޗަށް ނިއު ރޭޑިއަންޓް ރޭ އެ ރަށަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދިއްދޫ އާއި ނިއުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ސްޓޭޑިއަމުގަ އެވެ. މިއީ މި ސީޒަނުން ފެށިގެން ހޯމް އެންޑް އަވޭ އުސޫލުން ލީގު ބާއްވަން ފަށައި، މާލޭން އުތުރުގައި ކުޅޭ ފުރަތަމަ މެޗެވެ.

ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު ވިދާޅުވީ މި މުބާރާތާ އެކު ވަކިން ހާއްސަކޮށް މި މެޗާ ގުޅިގެން އެ ރަށަށް އީދެއް އައިސްފައިވާ ކަމަށެވެ.

"މުޅި ރަށް ޒީނަތްތެރިކޮށް، ދިދަޖަހައި، ގިޑިގެތައް ވަނީ ތައްޔާރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނިއުގެ ލިލީ އަށް ދިއްދޫ ދަރިވަރަކު މަރުހަބާގެ މާ ބޮނޑިއެއް ދެނީ.
ނިއުގެ ލިލީ އަށް ދިއްދޫ ދަރިވަރަކު މަރުހަބާގެ މާ ބޮނޑިއެއް ދެނީ.

ރޭ ނިއު ޓީމަށް މަރުހަބާ ކިޔަން ގިނަ ރައްޔިތުންތަކެއް ބަނދަރަށް އެއްވި އެވެ. އަދި ދަރިވަރުން މަރުހަބާގެ އައިޓަމެއް ހުށަހެޅި އެވެ. އެ ރަށުގެ ޒުވާނުން ވަނީ ކުޅުންތެރިންނާ އެކު، ހާއްސަކޮށް ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ އެކު ފޮޓޯ ނަގައިފަ އެވެ.

މޫސަ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެ ރަށުގައި ބޭއްވުމަކީ ލިބޭ ފަހުރެއް ކަމަށާއި، އެހެންވެ އެ ރަށަށް އަންނަ ކޮންމެ ޓީމަކަށް ވެސް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށެވެ. ނަމަވެސް، ދިއްދޫގައި ގިނަ ބަޔަކު ނިއު އަށް ސަޕޯޓްކުރާތީ އެ ޓީމު އައުން ވަކިން ހާއްސަވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ނިއު ރޭޑިއަންޓް ވީމާ އަންނަ ފޯރި ބޮޑު ވާނެ. ރަށުގައި އެންމެ ގިނަ ވާނީ ނިއުގެ ސަޕޯޓަރުން. މި ރަށުގައި ތިބޭ ނިއުގެ ސަޕޯޓަރުން ވެސް އަންނަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،"

އަނެއްކޮޅުން، ދިއްދޫ ޓީމަށް ސަޕޯޓްކުރުމަށް ބޮޑުތިލަންދުންމަތީގެ ގިނަ ރަށްރަށުން މީހުން އަންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތަމްސީލުކުރަނީ މުޅި ބޮޑުތިލަދުންމަތި،" މޫސަ ވިދާޅުވި އެވެ.

ނިއުގެ ޓީމު ދިއްދޫ ދަރިވަރުން ހުށަހަޅައިދިން މަރުހަބާގެ އައިޓަމް ބަލާލަނީ.
ނިއުގެ ޓީމު ދިއްދޫ ދަރިވަރުން ހުށަހަޅައިދިން މަރުހަބާގެ އައިޓަމް ބަލާލަނީ.

ދިއްދޫ އަކީ ޒަމާނުއްސުރެ ކުޅިވަރާއި، އިޖުތިމާއީ ކަންކަމުގައި ވަރަށް ފޯރި ނަގާ ރަށެކެވެ. މި ފަހަރު ވެސް ދިއްދޫ ޓީމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރިން ޒުވާނެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ލީޑުކުރެއްވި، މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) އެވެ.

ލީގުގައި ދިއްދޫގެ ފުރަތަމަ ދެ މެޗު ކުޅުނީ މާލޭގަ އެވެ. އެގޮތުން ފުރަތަމަ މެޗުން ބުރު ސްޕޯޓްސް އަތުން 1-0 އިން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުން ބިސް ބުރު އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

ބިދޭސީ ކުޅުންތެރިންނާއެކު ދިއްދޫ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. ގައުމީ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިއްދޫ ޓީމުން ލީގުގެ އެހެން ޓީމުތަކާ ދެކޮޅަށް ވެސް ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބުނެފަ އެވެ.

ނިއު ވަނީ ފުރަތަމަ މެޗުގައި ގދ. ގައްދޫގައި އެ ރަށު ޓީމު އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗުގައި މާލޭގައި މާޒިޔާ އަތުން ވަނީ 3-2 އިން މޮޅުވި އެވެ.