އެފްއޭއެމް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ އަހްމަދު އައިހަމް (ފަތޯ) މިރޭ ހޯދައިފި އެވެ. 

އަށް އަހަރަށް ފަހު އެފްއޭއެމުން ބޭއްވި ފުރަތަމަ އެވޯޑް ހަފުލާގައި މިރޭ ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ރީޖަނަލް ކްލަބްގެ އެވޯޑް ވެސް ހޮވައިފަ އެވެ. 

އެފްއެއެމް އެވޯޑްސްގެ މި އަހަރުގެ ޕްރެޒިޑެންޓްސް އެވޯޑް ހާއްސަ ކޮށްފައި ވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިއްސާވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ، މަރްހޫމް މުހައްމަދު އާރިފް (ބަކާ) އާއި ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ) އާއި ކީޕަރު މަރްހޫމް އިބްރާހިމް އިފްރާހު އަރީފްއަށެވެ. 

ސާންތީގެ އާއިލާގެ ފަރާތުން އެވޯޑާ ހަވާލުވީ، އޭނާގެ ކޮއްކޮ އަހުސަން އަބްދުލް ޣަނީ އެވެ. ބަކާގެ އާއިލާގެ ފަރާތުން އެވޯޑާ ހަވާލުވީ ދަރިފުޅު ޔޫސުފް އަލާލީ އާރިފެވެ. އިފްރާހުގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ އަންހެނުން ޝިފާޒާ އާއި ކޮއްކޮ އަބްދުﷲ އައިހަމް މުހައްމަދެވެ. 

އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ކެޓަގަރީގައި ވަނީ ގަދަ ތިނެއް ހޮވައިފަ އެވެ. ތިންވަނަ ނުވަތަ ބްރޯންޒް ޓްރޮފީ ހޯދީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ، ސިލްވާ އެވޯޑް ހޯދީ އަލީ ފާސިރު (ސެންޓޭ) އެވެ. 

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ އޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ. 

އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާއަށް ހޯދައިދިން ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒެވެ.

ޖުމުލަ 22 ގޯލް ޖަހައިގެން ރަން ބޫޓު ހާސިލުކުރީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް އަށް އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅުނު މުހައްމަދު ފައިސަލް އެވެ. 

އެންމެ އުންމީދީ ކުޅުންތެރިޔާ ނުވަތަ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. 

ފޭންސް އެވޯޑް ހޯދީ މިދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުނު، މިހާރު ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

އަހަރުގެ އެންމެ މޮޅު ގޯލްގެ އެވޯޑް، ގެންދިޔައީ މިދިޔަ އަހަރު ވިކްޓަރީއަށް ކުޅުނު ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އެވެ. އެއީ އޭނާ ބައިސްކަލް ކިކަުން ފޮނުވާލި ވޮލީއަކުން ކާމިޔާބު ކުރި ލަނޑެވެ. 

އެފްއޭއެމް އެވޯޑްގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހާސިލު ކުރީ ސިނާން ހުސައިން އެވެ. އޭނާ އެ އެވޯޑް ހޯދީ ޖާވިޒު މުހައްމަދާއި ޝާތިރު އަބްދުﷲއާ ވާދަކޮށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ، މި އަހަރު ބޭއްވި ދެކުނު އޭޝިއާ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމާއި މިދިޔަ އަހަރު ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އަގުވަޒަންކޮށްފަ އެވެ. 

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ ނިއު ރޭޑިއަންޓްގެ ގޯމޭޒް ޑެ ސިލްވާ އެވެ. 

އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ މާޒިޔާ އެވެ. 

އެންމެ މޮޅު ރީޖަނަލް ކްލަބް އެވޯޑްގެ ތިންވަނަ ހޯދީ ދެކުނު ރީޖަންއަށް ނިސްބަތްވާ ގދ. ގައްދޫ ސްޕޯޓްސް ކްލަބެވެ. ދެވަނަ ހޯދީ އުތުރު ރީޖަން އަށް ނިސްބަތްވާ ހއ. ދިއްދޫ ސްޕޯޓްސް ކްލަބެވެ. އެއްވަނަ ހޯދީ މާލެއަށް ނިސްބަތްވާ ބިސްބުރު ސްޕޯޓްސް ކްލަބެވެ.