ބެޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ވައިރަސް އިންފެކްޝަނެއް ޖެހި، ފަޔަށް އޭގެ އަސަރުކޮށްފައިވާތީ މިރޭގެ މެޗުގައި އޭނާ އަށް ބެންޗުގައި ހުރެވޭނެކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.  

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބެޔާނުން ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. 

މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް، ކޮމްޕެނީގެ ބަދަލުގައި ހާޒިރުވީ އެސިސްޓެންޓް ކޯޗު އެރަން ޑޭންކްސް އެވެ. އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ ކޮމްޕެނީ މުޅިން ރަނގަޅުވުމަށް، ތިން ދުވަސް ހޭދަވާނެ ކަމަށެވެ. ޑޭންކްސް ބުނީ އިއްޔެ ވެސް ކޮމްޕެނީ ހޭދަކުރީ ގޭގައި އަރާމުކުރަން ކަމަށެވެ. 

"ބައެއް ވަގުތުތަކުގައި ފަޔަށް އޭގެ އަސަރުކޮށް، ތަދު އިހުސާސްވާ ކަމަށް އޭނާ ބުނި. މިއީ ހަމައެކަނި ވައިރަހެއް. މެޑިކަލް ޑޮކްޓަރުންނާއި އެކްސްޕާޓުންނަށް އަހަންނަށް ވުރެ މާ ރަނގަޅަށް އެނގޭނެ. އެންމެ މުހިންމު ކަމަކީ އޭނާއަށް އަރާމުކުރަން އަހަރެމެން ވެސް އިރުޝާދު ދިނުން،" ޑޭންކސް ބުންޏެވެ. 

"ކޮންމެ މުއްދަތެއް ނެގިޔަސް، އެ ބޭނުންވާ ވަގުތު އޭނާ ނަގަންޖެހޭ. އެއީ މާދަމާ ކަމުގައިވިޔަސް، ނުވަތަ ދެތިން ދުވަސް ފަހުން ކަމުގައިވިޔަސް އަދި ބުނާކަށް ނޭނގެ. ކޮމްޕެނީ އަރާމުކުރަން ބެހެއްޓުމަކީ ގޮންޖެހުމަކަށް ވެސް ވާނެ." 

މިރޭ މެޗަށް ކޮމްޕެނީއަށް ދަނޑަށް ހާޒިރުނުވެވިއްޖެނަމަ މުއާމަލާތް ކުރާނެ ގޮތަކާމެދު ސުވާލުކުރުމުން ޑޭންކްސް ބުނީ، މިދިޔަ ސީޒަނުގެ ސެމީ ފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮމްޕެނީ ސަސްޕެންޑްވެފައި ހުރުމުން، ދުރުގައި ހުރެގެން ޓީމާ މުއާމަލާތްކުރާނެ ނިޒާމެއް ބަޔާންއިން ހޯދައިދިން ކަމަށެވެ.

ބުންޑެސްލީގާގައި އެންމެ ފަހުން އާރްބީ ލައިޕްޒިގު އަތުން 6-1 އިން ބަޔާން މޮޅުވި މެޗުގައި ވެސް ކޮމްޕެނީ އިނީ ގިނަ ވަގުތު އިށީނދެ އެވެ.

ބަޔާންގެ ސްޕޯޓިންގް ޑިރެކްޓަރު މެކްސް އެބާލް ބުނި ގޮތުގައި، ސިޑިން އަރަން ވެސް އެހީތެރިކަން ބޭނުންވި ކޮމްޕެނީ ދިޔައީ ވައިރަސް އިންފެކްޝަނުގެ އިތުރުން އުނަކަށީގެ އަނިޔާއަކާވެސް ހަނގުރާމަކުރަމުންނެވެ.

ކޮމްޕެނީގެ އިތުރުން އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވެސް ވަނީ މައްސަލަތަކާ ކުރިމަތިލާންޖެހިފަ އެވެ. މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އަމިއްލަ ސަބަބަކާ ހުރެ އިއްޔެ ވެސް ހުރީ ޓީމާ ދުރުގަ އެވެ.  މިރޭގެ މެޗުގައި އޭނާ ކުޅޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ކީޕަރު މެނުއަލް ނޯޔާ އަލުން ފަރިތަކުރުންތަކަށް ވަނީ ނުކުމެފަ އެވެ. ފަޔަށް ލިބުނު އަނިޔާއަކާ ހުރެ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އޭނާ ކުޅެފައި ނުވާތީ، މިރޭގެ މެޗުގައި ވެސް އޭނާ ކުޅޭނެކަމާ މެދު ސުވާލު އުފެދެ އެވެ.