ބެޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ އޭނާގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން މެދުވެރިކަމެއްތޯ ޖަރުމަނުގެ މީޑިއާތަކުން ސުވާލު އުފައްދައިފި އެވެ.
ޖަރުމަނުގެ "ޓީޒީ" ނޫހުން ބުނިގޮތުގައި، މީގެ ކުރިންވެސް ކޮމްޕެނީ ވަނީ އެޑްމިޓްކޮށްގެން ހޮސްޕިޓަލުގައި އެއް ރޭ ހޭދަކޮށްފަ އެވެ. ސިއްހީ އެ މަރުހަލާގައި އޭނާގެ ބައެއް ޓެސްޓަކެއް ވެސް ހެދި އެވެ. ނަމަވެސް އެފަހަރު ހެދި ޓެސްޓުތަކުގެ ނަތީޖާއިން އެއްވެސް ނުރައްކާތެރި މައްސަލައެއް ފެނިފައެއް ނުވެ އެވެ.
ބަޔާން މިއުނިކްގެ އޮފިޝަލުންނާ ހަވާލާ ދީ ޖަރުމަނުގެ ބައެއް މީޑިއާތަކުން ބުނިގޮތުގައި، ބެލްޖިއަމަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ކޯޗަކީ ރޭގަނޑު ވަރަށް ލަސްވަންދެން މަސައްކަތުގައި ހޭދަކުރާ ކޯޗެކެވެ. އޭގެ ސަބަބުން އޭނާގެ ނިދި މަދުކަން މީޑީއާތަކުން ފާހަގަ ކުރި އެވެ.
ސިއްހީ ގޮތުން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އޭނާގެ މަސައްކަތުގެ ސްޕީޑަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެ އެވެ. މި ހަފުތާގައި ބަޔާންގެ ފުރަތަމަ ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށްފަހު، އެ ކްލަބުގެ ދެވަނަ ޓީމުގެ ފްރެކްޓިސް ބަލަން ހުއްޓައި ކޮމްޕެނީ ވަނީ ދަނޑުމައްޗަށް ވެއްޓިފަ އެވެ. ބަޔާންގެ މެޑިކަލް ޓީމުން ދަނޑުގައި އޭނާ އަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލަށް ގެންދިއުމުން އޭނާ އެޑްމިޓް ކުރި އެވެ.
މި ހާދިސާގެ ކުރިންވެސް ވައިރަލް އިންފެކްޝަނެއްގެ އަސަރު ކޮމްޕެނީއަށް ކުރި އެވެ. އަދި އުނަގަނޑުގެ ތަދެއްގެ ސަބަބުން އޭނާއަށް ވަނީ ޓީމުގެ ބައެއް ޕްރެކްޓިސް ސެޝަންތަކަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވި އެކަހެރިވާން ޖެހިފަ އެވެ.
ކޮމްޕެނީއަށް ދިމާވި މައްސަލައިގެ ސީދާ ސަބަބު ދެނެގަތުމަށް އަދިވެސް އިތުރު ސިއްހީ ޓެސްޓްތައް ކުރިއަށްދާނެ އެވެ. ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އެބާލް ވަނީ އޭނާ އެނބުރި މަސައްކަތަށް އަންނަން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ގިނަ ހަފުތާތަކެއް ނަގާނެކަން ކަށަވަރުކޮށްދިނެވެ.
ކޮމްޕެނީ މުޅިން ރަނގަޅުވާން ފުރުސަތު ދިނުމުގެ ގޮތުން އަރާމުކުރަން ބޭނުންވާ ވަގުތު، އޭނާ ދިނުމަށް ބަޔާނުން ވަނީ ނިންމާފަ އެވެ.