ބޮރޫޝިއާ ޑޯޓްމަންޑުން މެޗުތައް ކުޅެމުންދާއިރު ފޯނު ބޭނުންނުކުރާ ސަޕޯޓަރުންނަށް އިނާމު ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

"ފޭން މޯޑް" ގެ ނަމުގައި ހިނގާ މި އެޕްލިކޭޝަންގެދަށުން އެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމީ އެ ކްލަބްގެ ސަޕޯޓަރުންގެ މެދުގައި ކުރެވުނު ސާވޭއަކުންނެވެ. 

އެ ސާވޭ ކުރިއަށްގެންދިޔައީ އެ ކްލަބްގެ 1،000 ސަޕޯޓަރަކު ބައިވެރިކޮށްގެންންނެވެ. އެ ސާވޭގައި ބައިވެރިވި ގިނަ އަދަދެއްގެ ސަޕޯޓަރުން ބުނެފައި ވަނީ ބަލަން ގޮސް ތިބޭއިރު ސެލްފީ ނެގުމާއި، ލައިވް ސްޓްރީމް ކުރުމާއި އަދި ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން އުނދަގޫވާކަމަށެވެ. 

މި އެޕްލިކޭޝަން ބޭނުންކުރާ ސަޕޯޓަރުންނަށް މެޗު ކުރިއަށްދާ ވަގުތު ފޯނު އަންލޮކްކުރާ މިންވަރު މޮނިޓަރުކުރެވޭނެ އެވެ. ނަމަވެސް މެޗުގެ ހާފްޓައިމް ބްރޭކް މީގެ ތެރޭގައި ނުހިމެނޭނެ އެވެ. އެޕްލިކޭޝަން ބޭނުންކުރަން ފަށާއިރު ކޮންމެ ސަޕޯޓަރަކަށް ވެސް ވަކި ވަރަކަށް ޕޮއިންޓް ލިބޭނެކަމަށް ޖަރުމަނުގެ ކްލަބުން ބުނޏެވެ.

މެޗުގެ ވަގުތުގައި ފޯނު ބޭނުންކުރާ މިންވަރަކުން މި ޕޮއިންޓްތައް އުނިވަމުންދާނެ އެވެ. ފޯނު ބޭނުންނުކޮށް ޕޮއިންޓްތައް ހިފަހައްޓާ ސަޕޯޓަރުންނަށް ޑޯޓްމަންޑުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖޯޒީ އާއި ކްލަބުގެ ފިހާރައިން ގަންނަން ލިބޭ ހަދިޔާ ކާޑުތައް އިނާމުގެ ގޮތުގައި ލިބޭނެކަމަށް ޑޯޓްމަންޑުން ބުންޏެވެ. 

މިއީ ޖަރުމަނު ފުޓްބޯޅައިގައި މިފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ ހަރަކާތެވެ. ޑޯޓްމަންޑްގެ މައި ސްޕޮންސަރު ވޮޑަފޯންއިން 2023 ވަނަ އަހަރު ހެދި ސަރވޭއަކުން ދެއްކި ގޮތުގައި 63 ޕަސަންޓް ސަޕޯޓަރުން މެޗުތައް ކުރިއަށްދާއިރު ގަވާއިދުން ފޯނު ބޭނުންކުރެ އެވެ.