އެންޖަލިކަލް ކްރިސްޓިއަނުންގެ ހަރަކާތްތަކާ ގުޅުން އޮންނާތީ، ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު ފެލިކްސް ނެމެޗާއާ ސުވާލުކޮށް ވާހަކަ ދައްކަން ޖަރުމަނުގެ ފުޓްބޯޅަ އިދާރާއިން ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެލްވާސްބާގް ކޮޅަށް ލަނޑު ޖެހުމަށްފަހު ނެމެޗާ ވަނީ 'ބޯލާސް އިން ގޯޑް' ނަމަކަށް ކިޔާ ކްރިސްޓިއަން ޖަމާއަތަކަށް ނިސްބަތްވާ "ދަ ކިންގްސް ރިޓާން" އިޝާރާތް ކޮށްފަ އެވެ. މިއީ ދީނީ ގަބޫލުކުރުމެއް ރަމްޒުކޮށް ދިނުމަށް އެ ޖަމާއަތުން ބޭނުންކުރާ އިޝާރާތެކެވެ.
ޖަރުމަނުގެ މީޑިއާތަކުން ބުނީ އެ ނެޓްވޯކަކީ އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅު އަދި އެބޯޝަންއާ ދެކޮޅަށް ކެމްޕޭން ކުރާ ހަރަކާތެއް ކަމަށެވެ. ޖަރުމަނުގެ ބައެއް މިޑީއާތަކުން އެ ޖަމައާތް ސިފަކުރަނީ ހައްދުފަހަނައަޅާފައިވާ ދީނީ ހަރަކާތްތެއްގެ ގޮތުގަ އެވެ.
ޖަރުމަނުގެ ބްރޮޑްކާސްޓަރު (އޭއާރްޑީ) އިން ބުނީ "ބޯލާސް އިން ގޯޑް" އަކީ އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު ފާފައެއްގެ ގޮތުގައި ސިފަކުރާ ޖަމާއަތެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި މިފަދަ ބައެއް ޕޯސްޓުތައް ހިއްސާކުރުމުގެ ސަބަބުން ސަޕޯޓަރުންގެ ގުރޫޕްތަކުގެ ފާޑުކިޔުންތަކާ ނެމެޗާ މީގެ ކުރިންވެސް ކުރިމަތިލާންޖެހިފައިވެ އެވެ.
ޑީއެފްބީ އާއި ޑޯޓަމަންޑުން ދަނީ މިކަމުގައި އޭނާއާ ވާހަކަދައްކައި، މައްސަލަ އިތުރަށް ގޯސްނުވަނީސް ހައްލުކުރަން މަސައްކަތްކުރާނެކަމަށް ބުނެފަ އެވެ.
ޖަރުމަނުގެ ފުޓްބޯޅަ އިދާރާ (ޑީއެފްބީ) ގެ ސްޕޯޓިން ޑިރެކްޓަރު ރޫޑީ ފޮލާ ބުނީ ކޮންމެ މީހަކަށްވެސް އަމިއްލަ ދީނަށް އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
ނަމަވެސް ނެމެޗާއާ ގުޅުން އޮތް ކަމަކީ އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައަކަށްވާތީ އޭނާ ވާހަކަދައްކާނެ ކަމަށް ފޮލާ ބުންޏެވެ. ފޮލާ ބުނީ ނެމެޗާއަކީ ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައި މަގުބޫލު، ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ.
ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ބުނީ، ކްލަބާ ގުޅުނު ފަހުން ނެމެޗާގެ ފަރާތުން އެހެން މީހުންނަށް އިހުތިރާމްނުކުރާ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ.
އެކަމަކު ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކޮށް، ގައުމީ ޓީމުގެ ނެމެޗާއާ ވާހަކަދައްކަން ކްލަބުން ވަނީ ނިންމާފަ އެވެ.