ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި 2021 ގައި އުފަންދަން މަސައްކަތް ކުރި ފުޓްބޯޅަ ލީގުގެ ފުރަތަމަ މަރުހަލާއަށް ހިނގި ހަރަދުތައް ދައްކަން، އެ މުބާރާތް ހިންގަން އެންމެ އިސްކޮށް އުޅުނު ރެއާލް މެޑްރިޑުން އަންގައިފި އެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރަތަކާ ހަވާލާދީ ދި އެތުލެޓިކް ނޫހުން ބުނީ މުބާރާތުން އިނގރޭސ ހަ ކްލަބް ވަކިވި ނަމަވެސް، މުބާރާތުގެ ފުރަތަމަ މަރުހަލާގެ ހަރަދުތަކަށް އެ ކްލަބްތަކުން ޒިންމާވާން ޖެހޭނެކަމަށް ރެއާލުން ގަބޫލު ކުރެ އެވެ. ޔޫރަޕްގެ 12 ކްލަބަކުން ބައިވެރިވެގެން ފަށަން އުޅުނު މުބާރާތް، މަޑުޖައްސާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިނގިރޭސި ހަ ކްލަބުން މުބާރާތުން ވަކިވުމުންނެވެ.
އެ މުބާރާތް އުފެއްދުމުގައި އިނގިރޭސިވިލާތުން ބައިވެރިވި ކްލަބްތަކަކީ އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓްނަމް ހޮޓްސްޕާސް އެވެ.
ފުރަތަމަ މަރުހަލާއަށް ހިނގި މިހަރަދުތައް ޖުމްލަ 80 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67.3 މިލިއަން ޕައުންޑް) އަށް އަރާނެ ކަމަށް އެހެން މަސްދަރަކާ ހަވާލަދީ، ދި އެތުލެޓިކް ނޫހުން ބުންޏެވެ. އެޕްރީލް 2021 މުބާރާތް އިޢުލާންކުރި ފަހުން، މުބާރާތް އިޝްތިހާރުކުރުމަށް ހިނގި ހަރަދުތައް މިހާތަނަށް ބަލަހައްޓާފައިވަނީ ރިއާލް މެޑްރިޑާއި، ބާސެލޯނާ އަދި ޔުވެންޓަސްއިންނެވެ.
އެ ލީގު އުފައްދަން އިސްނެގި، 12 ކްލަބުގެ ތެރެއިން އިނގިރޭސި ހަ ކްލަބާއި، އެތުލެޓިކޯ މެޑްރިޑް، އޭސީ މިލާން އަދި އިންޓަ މިލާން ވަނީ މުބާރާތް އިޢުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަކިވެފަ އެވެ. ޔުވެންޓަސްއިން 2023 ގައި ވަކިވިި އެވެ. ބާސާއިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރަސްމީކޮށް ވަކިވެފަ އެވެ.
ނަމަވެސް، މި ކްލަބްތަކުން ވަނީ ސްޕެއިންގައި ގާއިމުކޮށްފައިވާ އޫރޯޕިއަން ސުޕާ ލީގު ކޮމްޕެނީގެ ހިއްސާދާރުންގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފަ އެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައިވަނީ، ގާނޫނީގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮތުމުން ކްލަބްތަކަށް އެ އެއްބަސްވުމުން ވަކި ނުވެވޭނެ ކަމަށެވެ.
ދި އެތުލެޓިކް ނޫހުން ބުނީ އިނގިރޭސި ކްލަބްތަކުން ފައިސާ ދައްކަންޖެހޭނެތޯ ކަނޑައެޅޭނީ އެއްބަސްވުމުގައިވާ ލަފުޒުތައް މާނަކުރެވޭ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
އެތުލެޓިކުން ބުނިގޮތުގައި ރެއާލް މެޑްރިޑުން އަންނަނީ އީއެސްއެލްގެ ކަންކަން ބަލަހައްޓާ އޭ22 ކުންފުނީގެ ކުރީގެ ސީއީއޯ ބާންޑް ރައިޗާޓް، އެ ކްލަބުގެ ބިޒްނަސް އޮޕަރޭޝަންސްގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސުމަށް ތައްޔާރުވަމުންނެވެ.
ސުޕަ ލީގު ހުއްޓުވި މައްސަލައިގައި ރެއާލުން ޔޫއެފާ ގޮވައިގެން ކޯޓަށް ވެސް ދިޔަ އެވެ. ކޯޓުން ހުކުމް ކުރީ ޔޫއެފާ އަށް އެ މުބާރާތް ހުއްޓުވުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވ.