މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، އޭނާގެ ބަދަލުގައި އެ މަގާމަށް ގެންނާނެ ކޯޗުން ހޯދުމުގެ މަސައްކަތް އެ ކްލަބުން ފަށައިފި އެވެ.

އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގައި ރޭކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބޯންމައުތު އަތުން ޔުނައިޓެޑް ބަލިވުމާ އެކު، ކެރިކަށް އޮތް ޕްރެޝަރު ވަނީ އިތުރަށް ބޮޑަށް ބޮޑުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން 4-1 އިން ބަލިވި މެޗަށްފަހު ފާއިތުވި ފަސް ދުވަސް ތެރޭގައި އެ ޓީމަށް ކުރިމަތިވި ދެވަނަ ހިތްދަތި ނަތީޖާ އެވެ. މިއާއެކު ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް މޮޅެއް ނުލިބި އަށް މެޗު ހަމަކޮށްފި އެވެ.

އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ 16 ވަނައިގައި، ރެލިގޭޝަން ޒޯނަށް ވުރެ އެންމެ ޕޮއިންޓެއް ކުރީގަ އެވެ.

ޔޫނައިޓެޑްގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން ބުނީ އެ ކެރިކް މަގާމުން ވަކިކޮށްފިނަމަ އެ ކްލަބާ ހަވާލުވާނެ ކޯޗުންނަށް ޔުނައިޓެޑުން ބަލަމުންދާ ކަމަށެވެ.

މިވަގުތު އެއްވެސް ޓީމަކާ ހަވާލުނުވެ ތިބި ކޯޗުންގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެޑީ ހޯ އާއި ޖަރުމަނުގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަން ހިމެނެ އެވެ. އެ ދެ ކޯޗުންނަށް ޔުނައިޓެޑުން ފާރަލަމުންދާ ކަމަށް އީއެސްޕީއެންއިން ބުންޏެވެ. 

އޭގެ އިތުރުން، އިޕްސްވިޗް ޓައުންގެ ކުރީގެ ކޯޗު ކިއެރަން މެކެނާ އާއި ނަޕޯލީ ދޫކޮށްލި އެންޓޯނިއޯ ކޮންޓޭ ވެސް ވަނީ ޔުނައިޓެޑްގެ ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް ކުރިން ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާސްއަށް ވެސް އިރުޝާދު ދިން ކޮންޓޭ، ޔުނައިޓެޑާ ހަވާލު ނުވާނެކަމަށް ވަނީ ބުނެފަ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ކެރިކް ބުނީ އޭނާގެ މުސްތަގުބަލާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. މަސައްކަތް ކުރާނީ ހަމައާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާ ގޮތަށް ކަމަށް އޭނާ ބުންޏެވެ. 

"މަޝްރަހު އޮތްގޮތް އަހަންނަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ. ތެދަށް ބުނާނަމަ، ވަކި ހާއްސަ ކަމަކަށް އުންމީދެއް ނުކުރަން. މަސައްކަތް ކުރިއަށްދާނީ އާދައިގެ މަތިން،" ކެރިކް ބުންޏެވެ.