ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ހުދުމުތާރު ލީޑަރެކޭ ބުނެގެން، އެ ގައުމުގެ ފާޑުކިޔުން އަމާޒުވިޔަސް، ދަނޑުމަތީގައި އޭނާގެ ކުޅުމަށް އަސަރު ކުރިޔަ ނުދީ ކިލިޔަން އެމްބާޕޭ ފޯމުގައި ދަމަހައްޓައިފި އެވެ.
ފްރާންސްގެ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ އޭނާއާ ގުޅުވައި އެންމެ މަޖާ ޕޯސްޓަކަށް ސޯޝަލް މީޑީއާއިން ފެނުނީ ހުދުމުތާރު ލީޑަރެއްގެ މޫނާއި އޭނާގެ މޫނު ގުޅުވައި ހަދާފައިވާ ފޯޓޯ ކަމަށެވެ.
އެ ފޮޓޯގައި ފެންނަނީ ޗައިނާގެ މިޒަމާނުގެ ތަރައްގީގެ ބައްޕަގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ސިފަ ކުރާ މާއޯ އެވެ.
އެ މައްސަލައިގައި ޗައިނާގެ ކުންފުނިތަކުގެ ބްރޭންޑް އެމްބަސެޑަރުކަމުން އެމްބާޕޭ ވަކި ކުރި އެވެ. އަދި އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ލަލީގާ ދެއްކުން ވެސް ހުއްޓާލާފަ އެވެ. އެމްބާޕޭ އާއި ރެއާލް މެޑްރިޑް އަދި ލަލީގާއިން ވެސް ވަނީ މައާފަށް އެދިފަ އެވެ. އެކަމަކު އަދިވެސް ސީސީޓީވީން އޮތީ އެ ލީގުގައި ސަސްޕެންޝަނުގެ ބޯޑް އަޅުވާފަ އެވެ.
ފާޑުކިޔުން އަމާޒުވެފައި ވިޔަސް، އެމްބާޕޭގެ ކުޅުން ދަނޑުމަތީގައި ދަށެއް ނުވި އެވެ.
ރެއާލުން ރޭސިން ސަންޓންޑާއާ ދެކޮޅަށް 3-0 ން މޮޅުވި މެޗުގައި ވެސް އެމްބާޕޭ ވަނީ ލަނޑު ޖަހާފަ އެވެ. އެއީ ލީގުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ. ލީގުގެ ލަނޑު ލިސްޓްގައި އޭނާ އަށް ވުރެ ކުރީގައި އޮތީ ވާދަވެރި ބާސެލޯނާގެ ކެޕްޓަން ރަފީނިއާ އެވެ. ބްރެޒިލްގެ ފޯވާޑް ވަނީ 15 ލަނޑު ޖަހާފަ އެވެ.
ރޭސިންގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްގެ ދެވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ. އެއީ ރެއާލަށް އޭނާ ޖަހައިދިން 50 ވަނަ ލަނޑެވެ.
ސަސްޕެންޝަނުގައި ހުރި ވިނީޝިއުސް ޖޫނިއާ، ނެތްތަން ރަނގަޅަށް ފޫބައްދަމުން އަންނަ ޔޭން ޑިއޮމޮންޑޭ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ.
އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެއަށް ވުރެ ގިނަ ލަނޑު، ރެއާލަށް ޖެހެންޖެހޭނެ ކަމަށެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން ވަރަށް ވަރުގަދަ. އަހަރެމެން ދަނޑަށް ނުކުތީ މޮޅަށް ކުޅެން. ޓީމު އަންނަނީ ކުރިއަރަމުން. މޮޅަށް ކުޅެމުން. އަހަރެމެންނަށް ލިބުނު ފުރުސަތުތައް އަޅާކިޔާއިރު މިއަށްވުރެ ވެސް ގިނަ ގޯލު ޖެހެންޖެހޭނެ ކަމަށް ގަބޫލުކުރަން،" މޮރީނިއޯ ބުންޏެވެ.
ރެއާލުން ވަނީ ހުރިހާ މުބާރާތެއްގައި ވިދިވިދިގެން ހަ މެޗުން މޮޅުވެފަ އެވެ. ތާވަލުގެ ތިންވަނައިގައި އެ ޓީމު އޮތީ، އެއްވަނައިގައި އޮތް ބާސާ އަށްވުރެ ތިން ޕޮއިންޓު ފަހަތުގައެވެ. އަދި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ އެއް ޕޮއިންޓު ފަހަތުގަ އެވެ.