ރޭ ނިމިގެން ދިޔަ 15 ވަނަ ސާފް ޗެމްޕިއަންޝިޕްގެ ފެއާޕްލޭ ޓީމުގެ މަގާމު ހޯދުމުން، ރާއްޖެއަށް ދިން ތައްޓާ ހަވާލުވާނެ އެފްއޭއެމްގެ އޮފިޝަލަކު ވެސް އެތަނުގައި ނެތް މައްސަލަ ފެންމަތިވެއްޖެ އެވެ.

ބަންފްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މިފަހަރުގެ މުބާރާތުން، އެންމެ އަވަހަށް ކަޓައިގެން ދިޔައީ ރާއްޖެ އެވެ. މުބާރާތުން ކެޓުމުން ރާއްޖޭގެ ކޮންޓިންޖެންޓްގެ އެއްވެސް އޮފިޝަލަކު ވެސް މުބާރާތް ނިމުމާ ހަމައަށް ދިޔައިރު ޑާކާގައި ނެތެވެ. 

ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗަށް، ސާފްގެ މެންބަރު ގައުމުތަކުގެ ފުޓްބޯޅަ އިދާރާގެ އެކި ފެންވަރުގެ އޮފިޝަލުން ވަޑައިގެންނެވި އެވެ. 

ފެއާޕްލޭ އެވޯޑަށް، ޓްރޮފީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މުހްސިން ގިލާނީ އެވެ. ރާއްޖޭގެ ނަން ގޮވުމުން އެވޯޑާ ހަވާލުވީ މުބާރާތް ކަވަރުކުރަން ގޮސް ހުރި ރާއްޖޭގެ ނޫސްވެރިޔާ އަހުމަދު އައްފާން (އައްޕި) އެވެ.

ޓްރޮފީއާ ހަވާލުވާނެ، އެފްއޭއެމްގެ އޮފިޝަލަކު ނުވި މައްސަލައިގައި އެންމެ ބޮޑަށް ފާޑުކީ، އެފްއޭއެމްގެ ކުރީގެ މީޑިއާ އޮފިސަރު ޝިމާޒު އަލީ އެވެ. 

"އެފްއޭއެމްއޭ ކިޔާ ތަނުގެ ސްޓާފެއް ވެސް ހަމަނެތީ ދޯ، މި [މި ޓްރޮފީ] އާ ހަވާލުވާނެ،" ކުރީގެ ސަރުކާރުގައި ޑެޕިޔުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ޝިމާޒު ސޯޝަލް މީޑިއގައި ލިޔުނެވެ. 

އެވޯޑާ ހަވާލުވާން، އެފްއޭއެމުން ނުދިޔަޔަސް، އެ އެވޯޑް ލިބުމުން އެ އެސޯސިއޭޝަނުން ވަނީ އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް އާންމުކޮށްފަ އެވެ.