ޕޮލިޓިކަލް އަދި ކްރިކެޓް ޑިޕްލޮމަސީގައި ވާދަވެރި އިންޑިއާ އާއި ޕާކިސްތާން ފުޓްބޯޅަގައި ކުރިމަތިލާ ފުރަތަމަ ފައިނަލް މެޗަށް ފުރިހަމައަށް ތައްޔާރަށް ތިބިކަން ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ އެ ދެ ގައުމު ވާދަކުރާނެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޤައުމީ ސްޓޭޑިއަމްގައި ކުޅޭ ތާރީހީ ފައިނަލް މެޗަށް ހާއްސަކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންޑިއާގެ ކޯޗު ނައުޝާދު މޫސާ އާއި ޕާކިސްތާންގެ ކޯޗު ނޮލްބަރްޓޯ ސޮލާނޯ ވެސް މެވުގެ ވާދަވެރިކަން ބޮޑުވާނެކަމަށް ބުނެފަ އެވެ.
ގުރޫޕް ސްޓޭޖްގައި އިންޑިއާ އަތުން 3-2 އިން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ ފަސް ކުޅުންތެރިން ޓީމާ ގުޅުމާ އެކު ޕާކިސްތާން މިހާރު މާ ވަރުގަދަވާނެކަން ނައުޝާދު ފާހަގަ ކުރި އެވެ.
އިންޑިއާ ޓީމުގެ ބައެއް ކުޅުންތެރިންނަށް އަނިޔާވެފައި ވީނަމަވެސް ޕާކިސްތާންގެ ފިޒިކަލް ވަރުގަދަ ގޭމާ މެދު ކަންބޮޑުނުވާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ (ޓީމުގެ) ކުދިން [ކުޅުންތެރިން] މާ ހަލުވިވާނެ. އެހެން ޕާކިސްތާނުން ކަންބޮޑުވާންޖެހޭނެ. އަހަރެމެން ތިބީ އެމީހުންނާ ކުރިމަތިލާން ތައްޔާރަށް. އަދި ދަނޑުމަތީގައި ދައްކާ ފެންވަރާ މެދު ވެސް އެ މީހުން ވިސްނަންޖެހޭނެ،" ނައުޝާދު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ތަށި 10 ވަނަ ފަހަރަށް ހޯދަން ނުކުންނަ އިންޑިއާ ޓީމުގެ ކޯޗު ނައުޝާދު ބުނީ އެއްވެސް ނެގެޓިވް ޕްރެޝަރެއް ނެތް ކަމަށެވެ. އޮތީ ހަމައެކަނި މޮޅުވުމުގެ ޕޮޒިޓިވް ޕްރެޝަރެއް ކަމަށް އޭނާ ބުންޏެވެ.
"އެއްވެސް ޕްރެޝަރެއް ނެތް. ހަމައެކަނި އޮތީ މޮޅުވުމުގެ ޕްރެޝަރު. ކުދިން ތިބީ ފައިނަލުގައި ކުޅެން ލިބުނީތީ އުފަލުން. އަދި އަހަރެމެންޖެހޭނީ މެޗުގެ އެންމެ މުހިންމު ވަގުތުތަކުގައި ރަނގަޅު ނިންމުންތައް ނިންމަން،" އޭނާ ބުންޏެވެ.
ޕާކިސްތާންގެ ކޯޗު ނޮލްބަރްޓޯ ސޮލާނޯ ވަނީ އިންޑިއާއަކީ މުބާރާތުގެ ފެވަރިޓުން ކަމަށް ބުނާ ބުނުމަށް ރައްދުދީފަ އެވެ.
ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކޮށް ފުރަތަމަ ފަހަރަށް ސާފްގެ ފައިނަލަށް ދަތުރުކޮށްފައިވާ ޕާކިސްތާންގެ ކޯޗު ސޮލާނޯ ބުނީ ފައިނަލް މެޗެއްގައި ވަކި ފެވަރިޓެއް ނޯންނާނެ ކަމަށެވެ.
"ފައިނަލެއްގައި އެއްވެސް ބަޔަކު ފެވަރިޓަކަށް ނުވާނެ. ދެ ޓީމަށް ވެސް 50 އިން 50 ގެ ފުރުސަތު އެބައޮތް. އަދި ހުރިހާ ކަމެއް ބަރޯސާވެގެންދާނީ ދަނޑުމަތީގައި ދައްކާ ކުޅުމުގެ މައްޗަށް،" ސޮލާނޯ ބުންޏެވެ.
"ފައިނަލަށް ދަތުރުކުރުމަކީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބެއް. ނަމަވެސް މީހުން ހަނދާން ހުންނާނީ ފައިނަލް ކާމިޔާބުކުރާ ޓީމު އެކަނި. މިއީ އަހަރެމެންގެ ކުޅުންތެރިންނަށް ޤައުމަށްޓަކައި ތާރީހެއް ލިޔެލަން ލިޔެލަން ލިބޭނެ ރަނގަޅު ފުރުސަތެއް."
މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 7 ޖަހާއިރު އެވެ.