ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ލިލް އަތުން 2-1 އިން ބަލިވެ ޖަރުމަނުގެ ބެޔާން މިއުނިކް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލައިފި އެވެ.
ބެޔާނަކީ ރޭގެ މެޗާ ހަމަޔަށް ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގުގެ ޓީމުތަކުގެ ތެރެއިން އެއްވެސް މުބާރާތެއްގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.
މިއީ ބެޔާނަށް ހިތްދަތި ހަފުތާއެކެވެ. އެކަމަކު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ފޯވާޑް ހެރީ ކޭން އަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފަ އެވެ. މައިކަލް އޮލިސޭ އަށް ވެސް އަނިޔާގެ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ.
ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އަށް ދިމާވެފައިވާ ސިކުނޑީގެ ނާރުގެ މައްސަލަ އަކީ ވެސް އެ ޓީމަށް އޮތް ކަންބޮޑުވުމެކެވެ. އޭނާ އަށް ނުކުޅެވޭތީ މުސާރަ ކުޑަކުރަން ވިސްނާނެ ކަމުގެ އިޝާރާތެއް ކްލަބުގެ އިސްވެރިން ދިނުމުން ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ބެޔާން އޮތީ 8 ޕޮއިންޓާ އެކު ޗެމްޕިއަންސް ލީގުގެ ތާވަލުގެ 15 ވަނައިގަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑެވެ. ދެ ވަނައިގައި 13 ޕޮއިންޓާ އެކު ފްރާންސްގެ ޕީއެސްޖީ އޮތްއިރު ތިން ވަނަ މަގާމުގައި އޮތީ 12 ޕޮއިންޓާ އެކު އިޓަލީގެ ކޯމޯ އެވެ.
ލިލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ބެޔާނުން ވަނީ ޑިފެންޑަރު ޑަޔޯ އުޕަމެކާނޯގެ ގޯލުން ކުރި ހޯދައިފަ އެވެ. ލިލް އިން އެއްވަރުކުރީ 62 ވަނަ މިނެޓުގައި އަޔާސޭ އުއެޑާ ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުވީ 65 ވަނަ މިނެޓުގައި ބެޔާނުގެ އެލެކްސެންޑާ ޕަވްލޮވިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ރޭގެ މެޗުގެ ފަހު 15 މިނެޓަށް މުސިއާލާ ވަނީ ކުޅެން ނުކުމެފަ އެވެ.
ބެޔާނުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ނާކާމިޔާބީގެ ރަހަ ވެސް ދެކެން ޖެހޭނެ ކަމަށާއި، މިއީ އެންމެން އެކަތިގަނޑަކަށް ވެގެން އަލުން ތެދުވަންވީ ވަގުތު ކަމަށެވެ. އޭނާ ބުނީ މި މެޗުން ބަލިވުމަކީ ޗެމްޕިއަންސް ލީގު ގެއްލުމެއް ނޫން ކަމަށާއި އޭގެ ހެއްކަކީ ޕީއެސްޖީ ކަމަށެވެ.
"ޕީއެސްޖީ މިދިޔަ ދެ ސީޒަނުގައި ގަދަ އަށެއްގައެއް ނޫން ލީގު ބުރު ނިންމީ. އެކަމަކު ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދި،" ކޮމްޕެނީ ބުންޏެވެ.