ނުވަ ގޯލު ފެނިގެން ދިޔަ ފޯރިގަދަ މެޗުން ޖަރުމަނުގެ ބެޔާން މިއުނިކް 5-4 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ޕެރިހުގައި ކުޅުނު މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ސެމީ ފައިނަލުގެ އެއް ލެގެއްގައި އެންމެ ގިނަ މެޗު ގޯލު ފެނިގެން ދިޔަ މެޗެވެ. މީގެ ކުރިން މި އަދަދަށް ގޯލު ފެނުނީ މުބާރާތް ޔޫރަޕިއަން ކަޕުގެ ނަމުގައި ތަފާތު ފޯމެޓެއްގައި ބޭއްވި އިރު 1960 ގަ އެވެ. އެއީ އެ ފަހަރު ސެމީ ފައިނުގައި ސްކޮޓްލެންޑުގެ ރޭންޖާސް އަތުން 6-3 އިން ޖަރުމަނުގައި އެއިންޓްރެކްޓް ފްރެންކްފަޓް މޮޅުވި މެޗުގަ އެވެ.

މި ނަތީޖާއާ އެކު، އަންނަ ހަފުތާގައި މިއުނިކުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ޕީއެސްޖީ އަށް ފައިނަލަށް ދެވޭނެ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ އެ މެޗުގައި ވެސް ގިނަ ގޯލުތަކެއް ޖަހަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަހަރެން އެހިން ހުރިހާ ސްޓާފުން ކައިރީ އަންނަ ހަފުތާގައި ކިތަށް ގޯލު ޖަހަން ޖެހޭނެހޭ؟ އަހަރެމެން އެންމެންނަށް ވެސް ވިސްނުނީ މަދުވެގެން ތިން ގޯލު ޖަހަން ޖެހޭނެ ކަމަށް،" އެންރީކޭ ބުންޏެވެ.

"ބެޔާނުން އަމިއްލަ ދަނޑުގައި، ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު މާބޮޑަށް ވެސް ވަރުގަދަވާނެ."

އެންރީކޭ ބުނީ ދެއްކި ކުޅުމާއި، ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު މިއަށް ވުރެ ތަފާތު ބޮޑުކޮށް މޮޅުވެވެން އޮތް ކަމަށާއި އެހެންވި ނަމަ މާ އުފާވީސް ކަމަށެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ބެޔާނުންނެވެ. އެ ޓީމުން މޮޅަށް ކުޅުނު ވަގުތެއްގައި ލިބުނު ޕެނަލްޓީއަކުން 17 ވަނަ މިނެޓުގައި ގޯލު ވައްދާލީ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. ޕީއެސްޖީން އެއްވަރުކުރީ 24 ވަނަ މިނެޓުގައި ކިވިޗާ ކްވަރަޓްސްހޭލިއޭ ޖެހި ގޯލުންނެވެ. އަދި 33 ވަނަ މިނެޓުގައި ޔޮއާ ނެވެސް އެ ޓީމަށް ލީޑު ނަގައިދިނެވެ. ބެޔާނުން 41 ވަނަ މިނެޓުގައި މައިކަލް އޮލިސޭގެ ލަނޑުން އެއްވަރުކޮށްފައިވަނިކޮށް ހާފުގެ އިތުރު ވަގުތު ޕީއެސްޖީ އަށް އަލުން ކުރި ހޯދައިދިނީ ޕެނަލްޓީއަކުން އޮސްމާނޭ ޑެމްބެލޭ އެވެ.

ދެ ވަނަ ހާފުގައި ކްވަރަޓްސްހޭލިއޭ އާއި ޑެމްބެލޭގެ އިތުރު ގޯލުތަކާ އެކު ޕީއެސްޖީ 5-2 އިން ލީޑު ބޮޑުކުރި އެވެ. އެކަމަކު ކައިރިކައިރީގައި ޑަޔޯ އުޕެމަކާނޯ އާއި ލުއިޒް ޑިއާޒް ޖެހި ގޯލުތަކުން ބެޔާން ތަފާތުކުޑަކުރި އެވެ.

ބެޔާނުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ 5-2 ގައި އޮއްވާ ކުޅުންތެރިން ހިތްވަރުކޮށް ތަފާތު ކުޑަކުރީތީ ވަރަށް އުފާވާ ކަމަށެވެ.