ފްރާންސްގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކާއި، ފިހާރަތައް ފަޅާލައި ލޫޓުވުމުގެ ޢަމަލުތައް ހިންގަމުންދާތީ، ޔޫއެފާ ޗެމްޕިއަންސް ލީގު މެޗަށް، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ޕީއެސްޖީން މިރޭ ޕެރިހުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު މެޗަށް ފޯރުވިޔަ ނުދޭން، އިތުރަށް ފިޔަވަޅު އަޅާން، އިންޓީރިއާ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އިންޓީރިއާ މިނިސްޓަރު ލޮރެންޓް ނުނޭޒް ވިދާޅުވީ ކުރިން ރޭވިފައިވާ ބައެއް ހަރަކާތްތަކާއި ފުޓްބޯޅަ މެޗުތައް ފަސްކުރުމާ މެދު ސަރުކާރުގެ މަތީފަންތީގެ ވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގު މެޗު ފަސްނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ އަސަރެއް ޕީއެސްޖީ އާއި އެފްސީ ބާސެލޯނާ ބައްދަލުކުރާ މެޗަކަށް ނުކުރާނެ،" ނުނޭޒް ވިދާޅުވި އެވެ.
މުޅި އެ ގައުމުގައި ހަމަނުޖެހުން ބޮޑުވެ، ސިޓީ ހޯލްތަކަށާއި، އާންމު އިމާރާތްތަކުގެ އިތުރުން 100 އަށް ވުރެ ގިނަ ވިޔަފާރިތަކަށް ގެއްލުންދީފައިވެ އެވެ. އަދި މި މައްސަލަތަކުގައި 2,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ހަމަނުޖެހުން ބޮޑުވެފައިވާ ބައެއް ސިޓީތަކުގައި ވަކި ވަގުތުތަކެއްގައި ކާފިއު ހިންގުމަށް އެ ގައުމުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވަނީ އަންގަވާފަ އެވެ.
ފާއިތުވި ހަފުތާތަކުގައި ފްރާންސްގެ އެކި ސަރަޙައްދުތަކުގައި ދަރިވަރުން ނުކުމެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އުފެދުނު އެ ހަމަނުޖެހުންތައް، މިހާތަނަށް ވެސް ކޮންޓްރޯލް ކުރެވޭގޮތެއް ނުވެއެވެ
ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި ކުރިމަތިވި މައްސަލަތަކާ ގުޅިގެން އިންޓީރިއާ މިނިސްޓަރު ނުނޭޒް އިސްތިއުފާ ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ވަނީ މި ދަނޑިވަޅުގައި މަގާމުގައި ދެމިހުންނެވުމަށް އޭނާއަށް އަންގަވާފަ އެވެ.