ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް މަޝްހޫރު ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހާސިލްކޮށްފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މާއްޓޭ ވަނީ 2014 ވަނަ އަހަރު ހަމަ އެ އިންސްޓިޓިއުޓުން، އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން ވެސް މާސްޓާސް ހާސިލްކޮށްފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކޯސް ނިންމުމަށް ފަހު އިއްޔެ ސްޕެއިނުގެ ބާސެލޯނާގައި އޮތް އެ އިންސްޓިޓިއުޓުގެ ގްރެޖުއެޝަންގައި ބައިވެރިވެ މާއްޓޭ ވަނީ ދަސްވެނިވެފަ އެވެ.

މިވަގުތު ފުޓްބޯޅައާ ދުރުގައި ހުރި މާއްޓޭ ބުނީ އެ ކުޅިވަރުގެ ތެރެއަށް އެނބުރި އައުމަށް އުއްމީދުކުރާ ކަމަށާއި އެފްއޭއެމުން ޕްރޮފެޝަނަލީ މަސައްކަތްކުރާނެ ފުރުސަތު ދީފި ނަމަ އިޖާބަ ދީފާނެ ކަމަށެވެ.

"ފުޓްބޯޅަށް ހިދުމަތްކުރުމަކީ ލިބޭ އުފަލެއް،" މިވަގުތު ޔުނައިޓެޑް ނޭޝަންސްގެ ވަޒީފާއެއްގައި ލ. އަތޮޅުގައި މަސައްކަތްކުރާ މާއްޓޭ ބުންޏެވެ.

މާއްޓޭ (ކ) ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ވިކްޓަރީގެ ކުރީގެ ކެޕްޓަން މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާ އެކު.
މާއްޓޭ (ކ) ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ވިކްޓަރީގެ ކުރީގެ ކެޕްޓަން މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާ އެކު.

ގައުމީ ޓީމުން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ގޯލް ބެލެހެއްޓި މާއްޓޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ ފަހުން ކޯޗިން ކެރިއަރު ފަށައި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އަށް 2002 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކޮށްދީފަ އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މާއްޓޭ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރައިފަ އެވެ. ފުޓްބޯޅައިގެ ޓެކްނިކަލް ދާއިރާގައި މިހާތަނަށް މަސައްކަތްކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތުން ފުޓްބޯޅައިގެ މެނޭޖްމަންޓުގެ ދާއިރާ އިން ކުރިއަށް އޮތްތަނުގައި މާއްޓޭ ފެނުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ. އޭނާ ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ތަރައްގީކުރަން ޖެހޭ މުހިއްމު ދާއިރާއެކެވެ.

މާއްޓޭ ބުނީ ރާއްޖޭގެ ކްލަބްތަކާއި ކުޅިވަރުގެ މުއައްސަސާތައް ހިންގާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ވިޔަފާރީީގެ މޮޑެލަށް އެފަދަ ތަންތަން ރި-ސްޓްރަކްޗާ ކުރަން ޖެހޭ ކަމަށެވެ.

"އެކަމަށްޓަކައި އެބަ ބޭނުންވޭ ކުޅިވަރުގެ ބެކްގްރައުންޑް ހުރި ތައުލީމީ ފާސްތައް އޮތް ޕްރޮފެޝަނަލުން،" މާއްޓޭ ބުންޏެވެ. "ލީޑާޝިޕުން އެބަޖެހޭ ސިސްޓަމް ބަދަލުކުރުމަށްޓަކައި، އެފަދަ ފަރާތްތަކަށް އިތުބާރުކޮށް ސަޕޯޓް ދޭން."

މާއްޓޭ (ކ-2) އޭނާ ކޯޗުކޮށްދިން ބައެއް ކުޅުންތެރިން ކަމަށްވާ އިސްމާއިލް މުހައްމަދު (ކ) އަދި ސޮބާ (ވ) އާއި އަނިލްއާ އެކު: ކާމިޔާބު ކޯޗެއް.
މާއްޓޭ (ކ-2) އޭނާ ކޯޗުކޮށްދިން ބައެއް ކުޅުންތެރިން ކަމަށްވާ އިސްމާއިލް މުހައްމަދު (ކ) އަދި ސޮބާ (ވ) އާއި އަނިލްއާ އެކު: ކާމިޔާބު ކޯޗެއް.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ޔޮހާން ކްރައިފްގެ ބޮޑު ހިއްސާއެއް އޮތް ކްރައިފް އިންސްޓިޓިއުޓުގެ ގްރެޖުއެޝަންގައި، މާއްޓޭ އެންމެ ކުރީއްސުރެ އުއްމީދުކޮށްގެން ހުރީ ކްރައިފްއާ ބައްދަލުވާނެ ކަމަށެވެ. އެކަމަކު ކެންސަރާ ހަނގުރާކުރަމުން ދަނިކޮށް ކްރައިފް ވަނީ މި އަހަރުގެ ކުރީކޮޅު މަރުވެފަ އެވެ.

ސްޕޯޓްސް މެނޭޖްމަންޓް، ސްޕޯޓްސް މާކެޓިން، ފުޓްބޯލް ބިޒްނަސް އަދި ކޯޗިންގެ ކޯސްތައް ހިންގާ މި އިންސްޓިޓިއުޓުގެ ގޮފިތައް ބާސެލޯނާގެ އިތުރުން ނެދަލެންޑްސްގެ ވެރިރަށް އެމްސްޓްރެޑަމާއި ޕެރޫގެ ލީމާ އާއި ސްވިޑަންގެ ސްޓޮކްހޯމް އަދި މެކްސިކޯ ސިޓީގައި ހިންގަ އެވެ. މި އިންސްޓިޓިއުޓުން ގްރެޖުއޭޓްވެ، ނެދަލެންޑްސް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ އަންނަނީ އަޔަކްސްގެ މާކެޓިން ޑިޕާޓްމަންޓް ހިންގަމުންނެވެ.