އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި މަހު 12 ވަނަ ދުވަހުގެރޭ ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެފްއޭއެމުން ކްލަބް ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް އިންޒާރުދީފި އެވެ.

އެ މެޗުގައި މާޒިޔާ 1-0 އިން ކުރީގައި އޮއްވާ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ސޮބުލް އިލިއާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެންނެވެ. އިލިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ނުދެއްކެނީސް އެ ޓީމުގެ ޝައްފާޒް މުހައްމަދު (ސައްޕޭ) މައްސަލަ ޖައްސަމުން ރެފްރީ މުހައްމަދު ނިއުޝާދު ފަހަތުން ދުވަން ފެށުމުން ރެފްރީ ފަހަތަށް ޖެހެމުން ގޮސް ދަނޑުން ފޭބި އެވެ. އެތަނުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލައިގެން ނުރުހުން ފާޅުކުރިއިރު މެޗު ކުރިއަށްނުގެންދެވޭނެ ކަމަށް މެޗު ކޮމިޝަނަރު ނިންމީ އެގޮތުގައި ތިރީހަކަށް މިނެޓު ދިޔަ ފަހުންނެވެ.

މުބާރާތުގެ ކޮމިޓީ އަށް މެޗުގެ ރެފްރީ އާއި މެޗު ކޮމިޝަނަރު ހާޒިރުކޮށް އެމީހުންގެ ވާހަކަ އާއި މެޗުގެ ރެފްރީސް ރިޕޯޓާއި މެޗު ކޮމިޝަނަރު ރިޕޯޓަށް ބެލުމަށް ފަހު ކޮމިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައިފަ އެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗު ހުއްޓާލަން ޖެހުނީ ގްރީން ސްޓްރީޓްސްގެ އިހުމާލުން ކަމަށާއި އެހެން ކަމުން އެ ޓީމު 25،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަަމަށާއި އެ ފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

އެފްއޭއެމުގެ ބަޔާނުގައި ބުނެފައިވަނީ އެ މެޗުގެ 53 ވަނަ މިނިޓްގައި ހަތަރު ވަނަ އޮފިޝަލްގެ މޭޒު ކައިރީގައި ގްރީން ސްޓްރީޓްސްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ކްލަބްގެ ރައީސް ކުޅިވަރުގެ ރޫހާ ހިލާފުވާފަދަ ގޮތަކަށް އަމަލާއި ބަހުން ރެފްރީ އަށް ނިސްބަތްކޮށް އަޑުގަދަކޮށް މެޗު ހުއްޓާފައިވާ ކަމަށާއި ދެ ކްލަބްގެ މެނޭޖަރުންނާއި މަޝްވަރާކޮށް އަލުން މެޗު ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރުމުން ގްރީން ސްޓްރީޓްސް އިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށާއި މެޗު ހުއްޓާލެވުނުއިރު ރެފްރީކަން ކުރަމުންދިޔަ ނިއުޝާދު މެޗު ފެށިއިރުހުރި ލައިން 2 އަށް ބަދަލުކުރުމަށް ފަހު ރެފްރީ ބަދަލުކޮށްގެން މެޗު ކުރިއަށް ގެންދިއުމަށް އެފްއޭއެމުން އެދުމުން ވެސް ގްރީން ސްޓްރީޓްސްގެ އިލިއާ އަށް ދެއްކި ރީނދޫ ކާޑު ކެންސަލް ނުކުރަނިސް މެޗު ނުފަށާނެ ކަމަށް ބުނެ މެޗު ހުއްޓުވާފައިވާ ކަމަށެވެ.

ގްރީން ސްޓްރީޓްސް އަށް އަދަބުދިންއިރު އެ މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އެ ޓީމުގެ ސައްޕޭ ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ސައްޕޭގެ ސަސްޕެންޝަނުގެ މުއްދަތު އަދި އެފްއޭއެމުން ހާމަކޮށްފައިނުވާއިރު، އެންމެ ފަހުން ލީގުގައި އއ. މާޅޮސް އަތުން ގްރީން ސްޓްރީޓްސް މޮޅުވި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ސައްޕެ ނުކުޅެ އެވެ.

މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ނުކުރުމަށް ބުނެ އިންޒާރުދީފަ އެވެ.

މި މެޗުގައި މައްސަލަ ޖެހުނު ނިއުޝާދުގެ ޝަކުވާ ގްރީން ސްޓްރީޓްސް އިން ވަނީ އެފްއޭއެމަށް މީގެ ކުރިން އެތަކެއް ފަހަރު ހުށަހަޅައިފަ އެވެ. އެފްއޭއެމުން ދާދި ފަހުން ވަނީ ނިއުޝާދު ސަސްޕެންޑް ކޮށްފަ އެވެ. އަދި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.

ރެފްރީންގެ މައްސަލަ ބޮޑުވެފައިވާއިރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބާކީ މެޗުތަކުގައި އޮފިޝަލްކަން ކުރުމަށް އިންޑިއާގެ ރެފްރީން އެފްއޭއެމުން ވަނީ ގެނެސްފަ އެވެ.