ކޯޗުން ޒާތީވުން ކަމަކު ނުދޭ: ކަޕެއްލޯ

މިލާން (ޖެނުއަރީ 12) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން ގޮސް މައްސަލަ ގޮސްފައިވާ ހިސާބާ މެދު އިޓަލީގެ މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.


ފާއިތުވި ދުވަސްތަކުގައި އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޮންޓޭ އާއި މޮރީނިއޯ ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ވަރަށް ބޮޑަށް މާޒީގައި ހިނގާފައިހުރި ކަންތައްތަކާ މެދު ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

"މަސައްކަތުގައި އެބަޖެހޭ ވަކި ހިސާބަކަށް ވާހަކަ ދައްކަން. އަހަރެންގެ ނަޒަރުގައި ކޮންޓޭ މިހާރު އެ އުޅެނީ މޮރީނިއޯ ކުރިން އުޅުން ގޮތަށް. ޓަޗްލައިނަށް އައިސް މޮރީނިއޯ ވެސް އުފާފާޅުކުރި މަންޒަރު ފެނިފައި ހުރި މީހުން މަދެއް ނުވާނެ. އެކަމަކު މަސައްކަތުގެ ވާހަކަ ދައްކަމުން ޒާތީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.

ކަޕެއްލޯ ބުނީ މޮރީނިއޯ ކުރާ ބަހުސެއްގައި އަބަދުވެސް ކުރި ލިބޭނީ އޭނާ އަށް ކަމަށެވެ.

"މޮރީނިއޯ އަކީ މީޑިއާއާ ވަރަށް ރައްޓެހި މީހެއް. މީޑިއާގެ ސަމާލުކަން ހޯދަން ވެސް އޭނާ އަށް އެނގޭނެ. އަހަރެންގެ ނަޒަރުގައި ބަހުސެއް ކޮށްގެން މޮރީނިއޯ ފަހަތަށް ޖައްސާލެވޭނީ މަދު ފަހަރަކު،" ކަޕެއްލޯ ބުންޏެވެ.

ކޮންޓޭ އާއި މޮރީނިއޯގެ މައްސަލަ އެންމެ ފުރަތަމަ ގޯސްވީ މިދިޔަ ސީޒަނުގައި ޗެލްސީ ދަނޑުގައި 4-0 ޔުނައިޓެޑް ބަލިވި މެޗަށް ފަހު ކޮންޓޭ ވަރަށް ބޮޑަށް އުފާފާޅުކުރުމުންނެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކޮންޓޭ އަށް ރައްދުކޮށް މޮރީނިއޯ އައީ ބަސް ބުނަމުންނެވެ.

"އަހަރެން ދެކޭ ގޮތުގައި މި އުޅެނީ ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރުމުގެ ވާދަވެރިކަމެއް. ޗެލްސީގެ ކޯޗުކަމުގެ މަގާމަކީ ޕްރެޝަރު މަގާމެއް. މޮރީނިއޯ އަށް ދެ ފަހަރު ޗެލްސީ ކޯޗުކަން ގެއްލިއްޖެ. އެކަމަކު އަދި މިއީ ކޮންޓޭ އަށް ދެ ވަނަ ސީޒަން. ފުރަތަމަ އަހަރު އޭނާ ލީގު ހޯދައިފި،" ކަޕެއްލޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ޗެލްސީ ކޯޗުކަމުގައި ކޮންޓޭ ދެމިހުރުމުގެ ފުރުސަތު ކުޑަ އެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީއާ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އަދި މި ސީޒަނުގައި ކޮންޓޭ އަށް ޗެލްސީގައި ހުރެ ކާމިޔާބެއް ނުހޯދިއްޖެނަމަ އަލްގެރީއާ އެ ޓީމު ހަވާލުކުރަން އަބްރަމޮވިޗް ބޭނުންވާ ކަމަށްވެ އެވެ.