"ކުޅުންތެރިން ބިނާކުރީމޭ؟ ނެތް ފެންނާކަށް!"

ކުޅުންތެރިން އުފައްދައި ބިނާކުރީމޭ ބުނުމުގެ ފުރުސަތު އޭނާ އަށް އެބައޮތް ކަމަށާއި އެކަމަކު ބައެއް ކޯޗުން އެ ވާހަކަ ދައްކަނީ އެފަދަ އެއްވެސް ކަމެއް ނުކޮށް، ހަމަ ތިބެލާފައި ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވިކްޓަރީ އާއި މާޒިޔާއާ އެކު ގިނަ ތަށިތަކެއް ހޯދާފައިވާ ސުޒޭން މިދިޔަ އަހަރު ކޯޗުކޮށްދިން ވިކްޓަރީ އާއި ގދ. ތިނަދޫ ވެސް އަދި މި އަހަރު ކޯޗުކޮށްދޭ ގްރީންގައި ވެސް އޮތީ އެވްރެޖް ސްކޮޑެކެވެ. ތަށި ހޯދާ ކޯޗެއްގެ ގޮތުގައި ހުރެފައި، މުޅިން އަލަށް ބިނާކުރާ ޓީމަކާ ހަވާލުވުމަކީ އުނދަގުލެއްތޯ ސުވާލުކުރުމުން ސުޒޭން ބުނީ ރަނގަޅަށް ކްލަބެއް ބިނާކޮށް އެ ކްލަބް ރަނގަޅު އެއްޗަކަށް ހެދުމަކީ ތަށިތަކެއް ހޯދުމަށް ވުރެ ވަކި ކުޑަކަމެއް ނޫން ކަމަށެވެ.

"އެއްގޮތަކަށް ނުވޭ އިނގޭތޯ އުނދަގުލަކަށް. އެއީ ފުޓްބޯޅައިގައި ކުރަން ހުރި މަސައްކަތްތައް، އެކި ގޮތްގޮތަށް ބަދަލުވެގެން އެ މަސައްކަތްތައް ކުރުން އެއީ މާބޮޑު ހިތްހަމަޖެހުމެއް. މިސާލަކަށް އަޅުގަނޑު ގްރީންގައި ދެ އަހަރެއްހާ ދުވަހު ދެމިހުރެއްޖެއްޔާ ގްރީން ވެސް ހަމަ ނުފޫޒު ގަދަ ޓީމަކަށް ހަދާނަން. ހަމަ ބައިވަރު ކަންތައްތަކެއް ކުރެވޭނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އޭގެ އެންމެ ރަނގަޅު މިސާލަކީ ޓީސީ ސްޕޯޓްސް ކްލަބް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ނަގައިގެން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކުރި މަސައްކަތް ކަމަށެވެ. އެގޮތުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ގަދަކޮށް އޮތް ދުވަސްވަރެއްގައި ޓީސީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެގެން އައިސް އެ ދެ ޓީމާ ވާދަކުރެވޭ ރަނގަޅު ނަތީޖާތަކެއް ނެރުމުން އެކަމަށް އިހުތިރާމް އަދާކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެއް ބައި މީހުން ހަމައެކަނި އިންޓަވިއުތަކުގައި ތިމަންނާ ކުޅުންތެރިން އުފައްދައިފީމޭ ބުނާއިރުގައި އުފެއްދުނު އެއްވެސް އެއްޗެއް ނަތީޖާއަކުން ނުދެއްކޭ. ޓީސީ އަށް ބުނެވިދާނެ ތިމަންނަމެން ކޮންމެވެސް މަސައްކަތެއްކޮށްފީމޭ. އެއީ ޕްރިމިއާ ލީގުގައި ޖައްސަޖައްސައިގެން ދެ އަހަރު، ތިން އަހަރު ދެ ވަނަ ހޯދާފައި އަދި އޭއެފްސީ ކަޕުގެ ވެސް ކޮލިފިކޭޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި، މިކަހަލަ ބައިވަރު ކަންތައްތަކެއް ތަފާސް ހިސާބުން ދެއްކޭނެ ކަންތައްތަކެއްކޮށްފައި (އޮތުމުން)،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ "ތިމަންނާމެން ފުޓްބޯޅައިގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފީމޭ، ކުޅުންތެރިން ބިނާކޮށްފީމޭ، ކުޅުންތެރިން ބިނާކުރަމޭ" އެއީ ވަރަށް ގިނައިން ބުނާ ވާހަކައެއް ކަމަށެވެ. އެކަމަކު އެފަދަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ހަމައެކަނި އިންޓަވިއުގައި ބުނި ނަމަވެސް އެ މަސައްކަތަކެއް ތަފާސް ހިސާބަކުން ވެސް، ވީޑިއޯއަކުން ވެސް ނުވަތަ އެހެން ގޮތަކަށް ވެސް ފެންނަން ނުހުންނަ ކަމަށެވެ.

ސުޒޭން ބުނީ އޭނާ އަށް އެ ވާހަކަ ދެއްކެން އެބައޮތް ކަމަށާއި ކަމަށާއި ގައުމީ ޓީމުން ބާރަކަށް، ސާދަ ވަރަކަށް ދުވަހު ޕްރެކްޓިސްކޮށްލާފައި ގޮސް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދައިގެން އައިއިރު އޭރު އޭނާ ކޯޗުކޮށްދިން ވިކްޓަރީގެ އަށް ކުޅުންތެރިޔަ ދިޔަ ކަމަށެވެ.

"އެހެންވީމާ އެކަހަލަ ބިނާކުރުން ބިނާކޮށްފައި އެ ވާހަކަ ދައްކަންވާނީ. ކުއްލިއަކަށް 22 ކުޅުންތެރިންގެ ސްކޮޑަކުން ނަގާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ބައެއް ފަހަރު 11 ގެ ތެރެއަށް އެރީމާ އެ އަދި މަސައްކަތަކެއް ކުރެވުނީކީ ނޫން. މަސައްކަތެއް ކުރެވުނު ކަމަށް އަޅުގަނޑު ބަލާނީ ދާއިމީކޮށް ޓީމެއްގެ ތެރޭގައި ތިން ހަތަރު ކުޅުންތެރިން، އާ ކުޅުންތެރިން ނެރެވުނީމާ. އަޅުގަނޑު މި ފާހަގަކުރަނީ 2008 ހިސާބުގައ އޭރުގައި އަޅުގަނޑު ވިކްޓަރީގައި މަސައްކަތްކުރި އިރު އެކަން ސާބިތުކޮށްދިފީފައި އޮންނާނީ ވަރަށް ރީއްޗަށް. ގައުމީ ޓީމަށް ވެސް ނަގާ ކުޅުންތެރިންނަކީ އެ ޓީމުގައި ނުފޫޒު ގަދަ ކުޅުންތެރިންނަށް ވާނެ ލީޑާޝިޕް ވެސް ހުންނާނެ. އެ ޕާފޯމަންސް ވެސް ދައްކާފައި ހުންނާނީ،" ސުޒޭން ބުންޏެވެ.

އޭނާ އެ ފާހަގަކުރި ކުޅުންތެރިންގެ ތެރޭގައި އެ ފަހަރު މޮޅު ކުޅުމެއް ދެއްކި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ސައީދު (އައްމަޓީ) ހިމެނެ އެވެ.

އެސްޓީއޯ މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗާ ނިޒާމްބެއާ ޖެހިގެން ހުރެ ވާހަކަދައްކަމުން ސުޒޭން ބުނީ މި ވާހަކަތައް ދައްކާއިރު ނިޒާމްބެ ހުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސަބަބަކީ ނިޒާމްބެ އަކީ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ކުޅުންތެރިންނަށް ހާސިލްކޮށްދިން ކޯޗަކަށް ވުން ކަމަށެވެ. އަދި އެފަދަ އެވޯޑްތަކަކީ ކުޅުންތެރިންނަށް ކޯޗުން ހޯދައިދޭ ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

"ސެންޓޭ އެތަންމިތާ އުޅެފައި ޓީސީ އަށް ދިޔައިރު ޓީސީން އޭނާ އަށް އެ ހޯދައިދެވުނީ. (އެވޯޑް). ދެން އަޅުގަނޑު ވެސް ރަންބޫޓް ތިން ހަތަރު އަހަރެއްގައި (ހޯދައިދިނިން). ޑިފެންޑަރަކަށް ކުޅުނު ކުއްޖެއް އުމެއިރަކީ. އުމެއިރު ވެސް ރަންބޫޓް ހޯދި. ރާއްޖޭގެ މޮޅު ކުޅުންތެރިޔާ ވެސް ހޯދި. އެހެންވީމާ މިކަހަލަ ކޮންމެވެސް ކަމެއް ކޮށްލާފައި ބިނާކުރި ކަމަށް ވާހަކަދައްކަން ޖެހޭނީ. ހަމައެކަނި އިންޓަވިއުއެއްގައި ނޫނީ ރަށްޓެއްސަކާ ކޮފީއެއްގައި ވާހަކަދައްކާލައިރު ނޫން ކަންނޭގެ އެ ވާހަކަ ދައްކަން ޖެހޭނީ،" ސުޒޭން ބުންޏެވެ.