މެޑްރިޑް (މާޗް 25) - އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސްޕެއިން ޓީމުން ވީއްލައިފި އެވެ.
އުމުރުން 32 އަހަރުގެ ސިލްވާ އަށް ދާދި ފަހުން ފިރިހެން ދަރިއަކު ލިބުނުއިރު އޭނާގެ އަންހެނުން ވިހެއީ ދުވަސް ނުފުރަ އެވެ. އެހެންވެ ދަރިފުޅުގެ ބަލިހާލަތު ހުރި ގޮތުން އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ވީއްލައިދޭން ސިލްވާ އެދުނީ އެވެ.
ސިލްވާ ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ޖާމަނީ އާއި 1-1 އިން ސްޕެއިން އެއްވަރުވި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އޭނާ ބަދަލުކުރީ އެ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. ބަދަލުގައި އެރީ ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ލޫކަސް ވަޒްކޭސް އެވެ.
ސިލްވާ އަށް ޓީމުން ރިލީސްދިން އިރު އަންގާރަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ސްޕެއިން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.
ދާދި ފަހުން ސިޓީ ކުޅުނު ގިނަ މެޗުތަކުގައި ވެސް ސިލްވާ ނުފެނިދިޔަ އެވެ. އޭރު ސިޓީ އަށް މުހިއްމު މެޗުތަކެއް އޮއްވައި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ސިލްވާ އަށް އެ ޓީމުން ވެސް ރިލީސްދީފަ އެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ ފުޓްބޯޅަ ކުޅުންތެރިޔަކަށް އޭނާގެ އެންމެ ފުރިހަމަ ކުޅުން ދެއްކޭނީ މެޗަކަށް އެރުމުގެ ކުރިން އޭނާ އަށް މުހިއްމުވާ ހުރިހާ ކަމެއް އެ ވަގުތަކަށް ފުރިހަމަ ވެފައި ހުރުމުން ކަމަށާއި އެހެންވެ ކުޅުންތެރިންގެ އެދުމަށް ކޮންމެ ހާލަތެއްގައި ވެސް ވަކި ކަންތައްތަކެއް ފުރިހަމަ ކޮށްދޭން ޖެހޭ ކަމަށެވެ.
ސިޓީ އަށް ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް އޮތީ އެވަޓަންއާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗެވެ.