މެޑްރިޑް (އޮގަސްޓް 14) - މެންޗެސްޓާ ސިޓީ އަށް ކުޅޭ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އުމުރުން 32 އަހަރުގެ ސިލްވާ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާންކުރިއިރު، ދާދި ފަހުން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އުމުރުން 31 އަހަރުގެ ޕީކޭ ގައުމީ ޓީމާ ވަކިވީ ސްޕެއިނުގެ އާ ކޯޗު ލުއިޒް އެންރީކޭއާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
ސްޕެއިންގެ އުމުރުފުރާ ގައުމީ ޓީމުތަކުން ވިދާލި ސިލްވާ ސީނިއާ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ސިލްވާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗުން 35 ލަނޑު ޖަހައިފަ އެވެ.
ސިލްވާ ބުނީ އޭނާ މި ނިންމުން ނިންމީ ވަރަށް ގިނަ ދުވަސްވަންދެން ވިސްނުމަށް ފަހު ކަމަށެވެ.
"ވަރަށް ފަހުރުވެރިވަން ސްޕެއިންގައި ހޭދަކުރެވުނު ދުވަސްތައް މަތިން. މިއީ އަހަރެން ވަރަށް ގިނަ ދުވަސް އަދި ވަރަށް ގިނަ ހަފްތާ ވަންދެން ވިސްނުމަށް ފަހު ނިންމި ނިންމުމެއް. ގައުމީ ޓީމުން އަހަންނަށް ހުރިހާ އުފަލެއް ދިން. އަހަރެން ޓީމާ މި ވަކިވަނީ ވަރަށް ގިނަ ހަނދާންތަކާ އެކު،" ސިލްވާ ބުނެފައިވެ އެވެ.
ސިލްވާގެ ވިދުން ގަދަވާން ފެށީ ސްޕެއިނުން 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ހިސާބުންނެވެ. ސިލްވާ ބުނީ އޭރު ސްޕެއިން ކޯޗަކަށް ހުރި ލުއިސް އަރަގޯނޭސް އަށް އަބަދުވެސް އޭނާ ޝުކުރުވެރިވާނެ ކަމަށެވެ. އަރަގޯނޭސް މަރުވީ 2014 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 75 އަހަރެވެ.
"އަރަގޯނޭސް އަކީ އަހަރެންގެ ފުޓްބޯޅައިގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ފަރާތެއް. އޭނާ މަތިން އަބަދުވެސް ހަނދާން ހުންނާނެ،" ސިލްވާ ބުނެފައިވެ އެވެ.
ސްޕެއިނުން 2008-2012 އަށް ދުނިޔޭގެ ފުޓްބޯޅައިގައި ނުފޫޒު ގަދަކޮށް އޮތްއިރު ސިލްވާ ވަނީ އެ ގައުމުން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ސްޕެއިނާ އެކު ސިލްވާ ވަނީ ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރޯ ދެ ފަހަރު އުފުލާލައިފަ އެވެ.