ސެން ސަބެސްޓިއަން، ސްޕެއިން (އޮގަސްޓް 18) - މެންޗެސްޓާ ސިޓީގެ ތަރި ޑޭވިޑް ސިލްވާ އަށް އިޓަލީގެ ލާޒިއޯ އިން ލިބުނު ހުށަހެޅުން ދޫކޮށްލައި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ސޮއިކޮށްފި އެވެ.

ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކޮށް އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އުމުރުން 34 އަަހަރުގެ ސިލްވާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމާ އެކު އޭނާ އެ ކްލަބް ދޫކޮށްލާނެކަން އޮތީ މާ ކުރިން އިއުލާނުކޮށްފަ އެވެ. ސިލްވާގެ ސޮއި ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅުނީ ލާޒިއޯ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލާޒިއޯ އިން އޮތީ ސިލްވާ އަށް ތިން އަހަރުގެ އެއްބަސްވުމެއްގެ އިތުރުން ބޯނަހެއްގެ ގޮތުގައި ޕްރައިވެޓް ޖެޓެއް ހަދިޔާ ކުރަން ނިންމައިފަ އެވެ. އެކަމަކު ސިލްވާ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ސޮސިއެޑާޑަށް ސޮއިކުރީ އަމިއްލަ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލާޒިއޯގެ އިތުރުން އޭޝިއާ އާއި އެމެރިކާގެ ގިނަ ހުށަހެޅުންތަކެއް ވެސް ލިބިފައިވަނިކޮށް ސިލްވާ ސޮސިއެޑާޑަށް ބަދަލުވީ ކެރިއަރުގެ ފަހު ކޮޅުގައި އުފަން ގައުމުގައި އާއިލާއާ އެކުގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތަށް އެ ފަދަ ފުރުސަތުތަކެއް އޭނާ އަށް ދޭ ކްލަބަކާ ގުޅުމުގެ ގޮތުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ސްޕެއިނަށް އުފަން އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ސިލްވާ ވަނީ އެ ޓީމާ އެކު 10 ތަށި އުފުލާލައިފަ އެވެ. ސިލްވާގެ ފަހު ސީޒަނުގައި އޭނާ އަށް ޓަކައި މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ސިޓީން އަމާޒުހިފިނަމަވެސް ކުއާޓާގައި ފްރާންސްގެ ލިޔޯން އަތުން ވަނީ ކަޓައިފަ އެވެ. ސިލްވާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީ އަށް ސިލްވާ ކޮށްދިން ހިދުމަތް ބަަލައިގަނެ އެ ޓީމުން ވަނީ ދަނޑު ބޭރުގައި ސިލްވާގެ ސްޓެޗޫ އެއް ބަހައްޓަން ނިންމައިފަ އެވެ.

މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަ ވަނައިގައި ނިންމި ސޮސިއެޑާޑް އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅޭނެ އެވެ. ސޮސިއެޑާޑަކީ ސްޕެއިނުގައި ސިލްވާ ކުޅޭނެ ތިން ވަނަ ޓީމެވެ. ސްޕެއިނުގެ ވެލެންސިއާ ދޫކޮށް ސިޓީ އަށް 2010 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ސިލްވާ ވަނީ ސްޕެއިނުގެ ދެ ކްލަބަކަށް ކުޅެފަ އެވެ. އެއީ ވެލެންސިއާގައި ހުރެ ލޯން އެއްބަސްވުމުގެ ދަށުން އެއިބާ އާއި ސެލްޓަ ވިގޯ އަށް ކުޅުނު ދެ އަހަރެެވެ.