ސިލްވާ ސޮސިއެޑާޑަށް ކުޅުނު މެޗެއްގައި، އޭނާ ކުޅުން ހުއްޓާލަން ނިންމީ ޕްރީސީޒަންގައި ކަކުލަށް އަނިޔާ ވެގެން.--
28 ޖުލައި 2023 - 16:35
މެންޗެސްޓާ ސިޓީގެ ލެޖެންޑް ޑޭވިޑް ސިލްވާ، ކަކުލަށް ދިމާވި އަނިޔާއަކާ ގުޅިގެން އުމުރުން 37 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު 2020 ވަނަ އަހަރު އޭނާ ވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ގުޅިފަ އެވެ. އަންނަ ސީޒަނުގައި ވެސް ކުޅުން ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި ހުރި ސިލްވާގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ ޕްރީ ސީޒަންގައި އޭނާގެ އޭސީއެލް އަށް އަނިޔާވެ، އަންނަ ސީޒަން އެއްކޮށް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ އެވެ.
"މިއަދަކީ އަހަރެންނަށް ހިތާމަވެރި ދުވަހެއް. މިއަދަކީ އަހަރެން މުޅި ހަޔާއް އެކަމަކަށްޓަކައި ހާއްސަ ކޮށްފައިވާ ކަންތަކާ އަލްވަދާއު ކިޔާ ދުވަސް،" ރިޓަޔާ ކުރާކަން ހާމަކޮށް ސިލްވާ އޭނާގެ ސޯޝަލްީޑިއާގައި އިއްޔެ ދޫކޮށްލި ވީޑިއޯ ކްލިޕްގައި ބުނެފައި ވެއެވެ.
Muchas gracias…fútbol pic.twitter.com/HoB6TPojAd
— David Silva (@21LVA) July 27, 2023
ސިލްވާ އޭނާގެ ކެރިއަރު ފެށީ ސްޕެއިންގެ ވެލެންސިއާ އިންނެވެ. އެ ކްލަބުގައި 168 މެޗު ކުޅެ އޭނާ ވަނީ ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް އައީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ ގުޅުނު ހިސާބުންނެވެ. އޭނާ 2010 ވަނަ އަހަރު ސިޓީއާ ގުޅި، 10 ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލީ ލެޖެންޑެއްގެ ގޮތުގަ އެވެ.
ސިލްވާ އަކީ 2011/2012 ސީޒަންގައި ސިޓީ އިން ލީގުގެ ފަހު ދުވަހު އެކްލަބުގެ ފުރަތަމަ ޕްރިމިއާ ލީގު ކާމިޔާބު ކުރި ޓީމުގެ ޕްލޭމޭކަރެވެ. އޭގެ ފަހުން ވެސް ތިން ލީގު ތަށި އޭނާ ވަނީ ސިޓީއާ އެކު ކާމިޔާބު ކޮށްފަ އެވެ. ފަހު ދެ ތަށި ނެގީ ކޯޗު ޕެޕް ގާޑިއޯލާ އާއެކު އެވެ.
ޑޭވިޑް ސިލްވާ ވަނީ ސިޓީ އާއެކު ހަތަރު ފަހަރު ލީގު ކާމިޔާބު ކޮށްފައި.--
ހަތަރު ފަހަރު ލީގު ކާމިޔާބު ކުރުމުގެ އިތުރުން ސިލްވާ ވަނީ ސިޓީ އާއެކު ދެ އެފްއޭ ކަޕާއި ފަސް ލީގް ކަޕްގެ އިތުރުން ދެ ކޮމިއުނިޓީ ޝީލްޑް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭނާ ސިޓީ ދޫކޮށްލީ ކްލަބަށް 436 މެޗު ކުޅެދީފަ އެވެ.
ސިޓީ އިން ވަނީ އިއްތިހާދު ސްޓޭޑިއަމްގެ ބޭރުގައި، ކްލަބްގެ ލެޖެންޑުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އަދި ސާޖިއޯ އަގުއެރޯ އާއެކު ސިލްވާގެ ސްޓެޗޫ އެއް ވެސް ހަދައިފަ އެވެ.
އެނބުރި ސްޕެއިން އަށް އައިސް ސިލްވާ ވަނީ ސޮސިއެޑާޑް އާއެކު ވެސް ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ އިތުރުން ސިލްވާ އަކީ ސްޕެއިންގެ ލެޖެންޑަރީ ސްކޮޑްގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްޕެއިން އާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމުން ސިލްވާ ރިޓަޔާ ކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 125 މެޗު ކުޅެދީ، 35 ގޯލު ޖަހައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy