ބާސެލޯނާ (މެއި 12) - މިދިޔަ ޖެނުއަރީ މަހު ބޮޑު ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ނިންމުމާ މެދު ހުރިހާ ގޮތަކުން ވެސް ހިތްހަމަ ޖެހޭ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް ކުޓީނިއޯ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 160 މިލިއަން ޔޫރޯ އަށެވެ. މި ސީޒަނުގައި ކުޓީނިއޯ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ލީގު ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ރޯމާ އަތުންނެވެ. ކުޓީނިއޯގެ ކުރީގެ ޓީމު ލިވަޕޫލް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
"ބާސެލޯނާ އަށް ބަދަލުވީ ރަނގަޅަށް. ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނުކުރަން. ބާސެލޯނާގައި ކުޅެން މި ޖެހެނީ ތަރިންނާ އެކު. އިނިއެސްޓާ، މެސީ، ސުއަރޭޒް އަދި ޕައުލީނިއޯ ފަދަ ކުޅުންތެރިންނާ އެކު ކުޅުމަކީ ވަރަށް ބޮޑު ފަސޭހައެއް، ބޮޑު ހިތްހަމަ ޖެހުމެއް،" އުމުރުން 25 އަހަރުގެ ކުޓީނިއޯ ބުންޏެވެ.
ބާސެލޯނާ އަށް ބަދަލުވި ނަމަވެސް ޔުއެފާގެ ގަވާއިދު ހުއްދަ ނުދޭތީ މި ފަހަރު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު މެޗުތަކުގައި ކުޓީނިއޯ އަށް ބައިވެރިނުވެވެ އެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކުޅެފައިވުމުންނެވެ.
"އަންނަ ސީޒަނުގައި ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގުގެ ރަނގަޅު ހިސާބަކަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ކުޓީނިއޯ ބުންޏެވެ.
އޭނާ ބުނީ ލިއޮނަލް މެސީއާ އެކު އިތުރު އަހަރުތަކެއް ވަންދެން ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށެވެ.
"10 ނަމްބަރަކީ މެސީގެ ހައްގެއް. އަހަންނަށް މުހިއްމީ ނަމްބަރެއް ނޫން މުޅި ޓީމު. ޓީމުގެ ކާމިޔާބީ. މެސީއާ އެއް ޓީމަކަށް ކުޅުމަކީ ނަސީބެއް. ގިނަ އަހަރުތަކެއް ވަންދެން މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުން." ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު ބުންޏެވެ.