ރާއްޖެ އަށް މެޑަލްތަކާއި ތަށި ހޯދައިދިން ކެޕްޓަނުން (ކ-ވ) ނޫރައްދީން، ކަލީމް، އަންދަރޭ އަދި އައްސަދު: ދެން އިތުރުވާނީ އަކްރަމް.
16 ސެޕްޓެމްބަރ 2018 - 11:52
އިންޑިއާ އަތުން 2-1 އިން މޮޅުވެ ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ރޭ ދިވެހިރާއްޖެ ހޯދި މެޗު، ދިވެހި ފުޓްބޯޅައިގެ 68 އަހަރުގެ ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ ރަނުން ޖަރީވެގެންނެވެ. ރާއްޖެ އަށް ސަރަހައްދީ ތަށްޓެއްގައި ދެ ވަނަ ފަހަރަށް އަތްލެވުނު މި މެޗަކީ ވަރަށް ގިނަ ކުޅުންތެރިންގެ ކެރިއަރުގެ އެންމެ މުހިއްމު މެޗަށް ވާނެ އެވެ. ދިވެހި ފުޓްބޯޅަ މިއަދު އޮތް ހިސާބަށް އައުމުގައި އެފަދަ އެތައް މެޗެއްގައި އެތައް ކުޅުންތެރިންވީ ގުރުބާނީގެ ދައުރު އެބައޮތެވެ.
ޖޫލޭ (ވ) އާއި މާއްޓޭ ވިކްޓަރީގެ ކާމިޔާބެއްގެ އުފާފާޅުކުރަނީ.
ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ގައުމީ ފުޓްބޯޅަ ޓީމެއް އެންމެ ފުރަތަމަ އެކުލަވާލެވި ރާއްޖޭން ކުޅުނު ވާދަކުރި ފުރަތަމަ މުބާރާތެވެ. ފުރަތަމަ މެޗުން ސީޝެލްސް އަތުން 9-0 އިން ބަލިވެ ލިބުނީ ހިތި ފެށުމެކެވެ. ދެ ވަނަ މެޗުން ކޮމޮރޯސް އަތުން 2-1 އިން ބަލިވި ނަމަވެސް އެ މެޗު ވެގެންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ގޯލް ޖެހި މެޗަށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ލެޖެންޑް މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އެވެ. އިބްރާހިމް އިސްމާއިލްގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ކުޅުނު އެ މެޗަކީ ގައުމީ ޓީމު ދެމި އޮތްހާ ހިނދަކު ހަނދާންކުރަން ޖެހޭނެ މެޗެކެވެ.
ރާއްޖެ އަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ކާމިޔާބެއް ލިބުނީ މި މެޗުންނެވެ. ނޭޕާލުގައި އޮތް އެއް ވަނަ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރާއްޖެ ލޯ މެޑަލް ހޯދި މެޗުން ބޫޓާން އަތުން 1-0 އިން މޮޅުވީ ވިކްޓަރީގެ ފޯވާޑް އިބްރާހިމް ފާއިގް ޖެހި ލަނޑުންނެވެ. އިބްރާހިމް ނޫރައްދީނުގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ހޯދި އެ ކާމިޔާބަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ރާއްޖޭގެ ފެށުން ވެސް މެ އެވެ.
1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ،
އަށްޑިހައިގެ އަހަރުތަކުގައި ސަރަހައްދުގެ ބައެއް ޓީމުތަކުން އައީ ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހަމުންނެވެ. ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް ނުފޫޒު ގަދަކޮށްފައި އޮތީ ސަރަހައްދީ ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކަން ބަދަލުވެ ރާއްޖެ ސަރަހައްދީ ބާރަކަށްވެ އަދި ގައުމީ ޓީމުގެ ތާރީހު އަނބުރާލީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ. ފުޓްބޯޅައިގައި ރާއްޖޭގެ އޭރުގެ "މުދައްރިސް" ކަމަށްވާ ސްރީ ލަންކާ، އެ ގައުމުގެ ބިމުގައި 1-0 އިން ބަލިކޮށް ރާއްޖޭން މުބާރާތުގެ ފައިނަލަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ފައިނަލުގައި ޕާކިސްތާން އަތުން 2-0 އިން ބަލިވި ނަމަވެސް ނޫސްތަކުގައި "ރާއްޖެ އަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރިހި މެޑެއްޔެއް ލިބިއްޖެ" ކަމަށް ލިޔުނީ ފަހުރުވެރިކަމާ އެކު އެވެ. އެ މެޗުގެ ހަބަރުގެ، ދިވެހި ކިޔަވާކުދިންގެ ޓެކްޓްސް ފޮތުގައި ޖެހި އެވެ. ދިވެހިން ފުޓްބޯޅައިގައި ހޯދާފައިވާ ހުރިހާ ކާމިޔާބެއްގެ ބިންގަލަކީ އެ މެޑެއްޔެވެ. މުހައްމަދު ކަލީމްގެ ކެޕްޓަންކަމުގެ ދަށުން މޫސާމަނިކު (ކުޑަމޫސަ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ކުޅުންތެރިން ހޯދި އެ ކާމިޔާބީ ގައުމީ ފެންވަރުގައި ވަރަށް ބޮޑަށް ފާހަގަކުރި އެވެ.
2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން ރާއްޖެ ނުކުންނަނީ: އޭރުގެ ކެޕްޓަން ތޮއްޑޫ ނިޒާމަކީ 1997 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ލަންކާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔެއް،
ރާއްޖޭން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލީ ވަރަށް ބޮޑު ވަޅުގަނޑެއްގެ ތެރޭ އޮވެ އެވެ. އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހުމުން ގަތް ލަދާއި ލިބުނު މާޔޫސްކަމާ އެކު ސީނިއާ ބައެއް ކުޅުންތެރިން ޓީމާ ދުރަށް ދިޔަ އެވެ. ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނޭޕާލަށް ރާއްޖެ ދިޔައީ އުއްމީދެއް އޮވެގެނެއް ނޫނެވެ. އެކަމަކު ބަންގްލަދޭޝާއި އިންޑިއާއާ އެއްވަރުކޮށް ރާއްޖެ ސެމީ ފައިނަލަށް ދިޔަ އެވެ. އެކަމަކު އޭގެ ދެ އަހަރު ކުރިން މުބާރާތް ކާމިޔާބުކުރި ލަންކާ އަތުން ރާއްޖެ އަށް މޮޅުވެވިދާނެ ކަމުގެ އުއްމީދެއް ނެތެވެ. އެކަން ބަދަލުކޮށްލީ އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) ގެ ކެޕްޓަންކަމުގެ ދަށުން ކުޅެ ޝާހް އިސްމާއިލް (ސާޔާ) އާއި ތޮއްޑޫ މުހައްމަދު ނިޒާމްގެ ލަނޑުތަކާ އެކު ލަންކާ 2-1 އިން ބަލިކޮށް ފައިނަލަށް ގޮސްގެންނެވެ. އެ ނާކާމިޔާބީ ލަންކާ ކުޅުންތެރިންނަށް ބަލައިގަންނަން އުނދަގޫވެ އެންމެ ފަހުން ނިމިގެން ދިޔައީ މާރާމާރީއަކުންނެވެ. ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަނިޔާވި އެވެ. ފައިނަލުގައި އިންޑިއާ އަތުން 5-1 އިން ބަލިވި ނަމަވެސް، އެ ސެމީ ފައިނަލް ވެގެންދިޔައީ ދިވެހިން ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްލި މެޗަކަށެވެ. އެ ފަހަރު ނާކާމިޔާބުވި ނަމަ، އީރާން އަތުން ބަލިވުމުން ވެއްޓުނު އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރި އެވެ.
ރާއްޖެ އާއި ކޮރެއާ 2004 ވަނަ އަހަރު ސޯލްގައި ކުޅުނު މެޗު.
ސަރަހައްދީ ތަށްޓެއް ހޯދަން ކުރަމުން އައި އުއްމީދު 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ގެއްލުމުން ދިވެހި ފުޓްބޯޅައަށް އަނެއްކާ ވެސް އޮތީ މާޔޫސްކަން ވެރިވެފަ އެވެ. އެކަމަކު އުފާވެރިކަމުގެ އިހުސާސްތަކެއް ވެސް ދިޔައީ ކުރެވެމުންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ފަދަ އާ ހުނަރުވެރި ކުޅުންތެރިންތަކެއް ނުކުތުމުންނެވެ. އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ އަތުން ރާއްޖެ 12-0 އިން މޮޅުވިއިރު ހަތަރު ގޯލް ޖެހި އެވެ. އެ ނަތީޖާއާ އެކު ރާއްޖެ އަށް ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނެވެ. އެ ބުރުގައި ރާއްޖެ ވާދަކުރަން ޖެހުނު އެއް ޓީމަކީ އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ގަދަފަދަ ދެކުނު ކޮރެއާ އެވެ. އެ ވަރުގެ ޓީމަކާ ކުޅެލަން ލިބުމަކީ ނަސީބެއް ކަމަށް އެއް ބަޔަކު ގަބޫލުކުރި އެވެ. އެ ޓީމާ ދެކޮޅަށް ރާއްޖެ އަށް ނަތީޖާއެއް ނެރެވިދާނެ ކަމަށް ހުވަފެނުން ވެސް މީހަކު ދުށް ކަމެއް ނޭގެ އެވެ.
އެކަމަކު މާލޭގައި ކޮރެއާއާ ދެކޮޅަށް ކުޅެ ރާއްޖޭން ލަނޑެއް ނުޖެހި އެއްވަރުކުރި އެވެ. އެއީ އަދި އަދަށް ދާން ދެން ވެސް ދިވެހިން ފަހުރުވެރިވި ނަތީޖާއެއް ނެރުނު ދުވަހެކެވެ. އީރާނުން 17 ލަނޑު ޖެހުމުން ދުނިޔޭގެ މީޑިއާ އިން ކުރި މަލާމާތްތައް ބަދަލުވެގެން ދިޔައީ ކޮރެއާއާ އެއްވަރުކުރި ޓީމުގެ ޝަރަފާ އެކު އެވެ. ގޯލް ކީޕަރު އިމްރާން މުހައްމަދާއި އާ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި އޭނާގެ ކޮއްކޮ އަންވަރު އަބްދުލްގަނީ އާއި ސޮބާހް މުހައްމަދު އިމްރާހީމާއި މުހައްމަދު ޖަމީލާއި މުހައްމަދު ނާސިރު ފަދަ ކުޅުންތެރިން ޑިފެންސުގައި ކުރި މަސައްކަތް އަބަދަށް ހަނދާނުގައި ހުންނާނެ އެވެ. ކުރު މުއްދަތެއްގައި މަސައްކަތްކުރި ނަމަވެސް އެ މެޗުގައި ރާއްޖެ އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ މެނުއަލް ގޯމޭޒް ވެގެންދިޔައީ ދިވެހި ފުޓްބޯޅައިގެ ބަތަލަކަށެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ސިނާން
ދެކުނު އޭޝިއާ ސަރަހައްދުގައި ދިވެހިން ފުޓްބޯޅައިގައި ދައްކަމުން އަންނަ ކުޅުމަށް ހެކިވާނެ ތަށްޓެއް ހޯދާނެ ގޮތަކާ މެދު އަބަދުވެސް ފިކުރުކުރެ އެވެ. ކޮންމެ ފަހަރަކު މޮޅަށް ކުޅެ ފައިނަލުން ބަލިވެ ހުސް އަތާ އަންނަން ޖެހުމުން ސަޕޯޓަރުންނަށް މާޔޫސްކަންލިބެ އެވެ. ޕާކިސްތާނުގައި 2005 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް މޮޅަށް ކުޅުމަށް ފަހު ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވީ އެވެ. އޭގެ ތިން އަހަރު ފަހުން މުބާރާތުގެ އެއް ބައި ރާއްޖޭގައި ބާއްވަން ހަމަޖެހުމުން މިއީ ތަށި ހޯދަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ގަބޫލުކުރެވުނެވެ. އަމުދުން، ރަން ޖީލެއް އޮތުމުންނެވެ.
މުބާރާތް ފެށީ އެފަދަ އުއްމީދުތަކެއް ދެމުންނެވެ. ފުރަތަމަ މެޗުން ޕާކިސްތާން އަތުން 3-0 އިން އަދި ދެ ވަނަ މެޗުން ނޭޕާލް އަތުން 4-1 އިން މޮޅުވެ ސެމީ ކަށަވަރުކުރީ ފޭވަރިޓުންގެ ގޮތުގަ އެވެ. ސެމީގައި ލަންކާގައި އެ ގައުމު 1-0 އިން ބަލިކޮށް ރާއްޖޭން ފައިނަލަށް ދިޔަ އެވެ. ފައިނަލުގައި ކުޅެން ޖެހުނީ ގްރޫޕް ސްޓޭޖުގައި ރާއްޖެ ބަލިކުރި އިންޑިއާއާ އެވެ. ބައިޗުން ބުޓިއާ އާއި ސުބްރަތާ ޕާލް އާއި ގޯމަންގީ ސިންގާއި ކްލައިމެކްސް ލޯރެންސް އަދި ސުނިލް ޗެތުރީ ފަދަ ކުޅުންތެރިންނާ އެކު އޮތް ގަދަގަދަ އިންޑިއާއާ އެވެ. އެ ޓީމާ ދެކޮޅަށް ރާއްޖޭގެ ތަފާތަކަށްވީ މާލޭން ދިޔަ އެތައް ސަތޭކަ ސަޕޯޓަރުންނާއި ލަންކާގައި ތިބި އެތައް ހާސް ސަޕޯޓަރުންނާއި ދިވެހި ކުޅުންތެރިންގެ ހިތްވަރެވެ. އެންމެ ފަހުން ކާމިޔާބު ލިބިގެން ދިޔައީ މެޗުގެ ފަހުވަގުތު މުޚުތާރު ނަސީރު (ޓޫކިލޯ) އުންޑައެއްގެ ބާރު މިނުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އެ މެޗަކީ ރެޔާ ހަމަޔަށް ދިވެހި ފުޓްބޯޅައިގެ ތާރީހުގެ އެންމެ މުހިއްމު މެޗެވެ. އެ މެޗުގައި ރާއްޖެއަށް ތަށި އުފުލާލަދިން ކެޕްޓަން އައްސަދުގެ ކޮއްކޮ އަކްރަމް އަބްދުލްގަނީ ރޭ ތަށި އުފުލާލައި އަނެއްކާ ވެސް، ސަރަހައްދުގައި ރާއްޖޭގެ ކާމިޔާބު ހެކިކޮށްދޭނެ ތަށްޓެއް ހޯދައިދިނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުސްލިޙު
17 September 2018
މިފަހަރުގެ ކާމިޔާބީ ލިޔުމުގައި ތިޔަވަނީ ފަނޑުކޮށްލެވިފައެވެ. އެކަން އިސްލާހުކޮށްލާށެވެ. އެހެންނޫނީ މިފަހަރުގެ ކާމިޔާބީ ހޯދި ޖީލަށް ރަނގަޅަށް ސާބަސް ނުދެވުނުކަމުގައި ވެދާނެއެވެ.
ޢަންދާ ގާނޫނު
17 September 2018
ރައީސް ވިދާލުވި 6 މަސްވަންދެން އިބްޓެލިޖެންސް ރިޕޯރޓް ނުލިބޭ ކަމަށް އެވެސް ޕޮލިހުންނާއި މނޑފ ތެރެއިން ފޯރުކޮށްދިނީ އަދީބަށް ކަމަށް. ހަފްތާޔަކު 1 ފަހަރު ސީދާ ރއަީސަށް ލިބެބްޖެހޭ ގައުމީ ސަލާމަތާ ބެހޭ އެއްޗެއް ނުލިބި މިހާ ދުވަސްވެގެން ދިޔަ އިރު ރައީސްގެ ޒިއްމާޔަކީ ކޮބާ ؟
ޢަޒީ
17 September 2018
މިކަމާ ގުލުން ހުރި ކޮމަނއޓް ދީބަލަ ކޮންމެކަމެއް ސިއާސީ ނުކޮށްބަލަ ތީ ބޮޑުވަރު
ކާފަބޭ
16 September 2018
އިބޫބުނީ ކުނިއަޅައިގެންފުރާލާވާހަކަ. އެކަމު އެކުނިގޮނޑު ވެމްކޯއިން ހުސްކޮށްލައިފި ވީމާ ދެން އެތަންއެންމެއަވަހަށްފުރާލެވޭނީ ސަހަރާތަކަކަށް ބަދަލުކޮށްގެން
މޮޓްސް
16 September 2018
ހަމައިގަތޯ؟
އިއްސޭ
16 September 2018
ވަރަށް ފުރިހަމަ އާޓިކަލެއް. ފުޓުބޯޅައިގެ އިދާރާތަކަށް ދެން ކުރަންއޮތް އެންމެ ބޮޑު މަސައްކަތަކީ، ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ކުރަންޖެހޭ މަސައްކަތް. 2008 ވަނަ އަހަރު މިފުރުސަތު ލިބުނުނަމަވެސް، އެކަންދިޔައީ ބޭކާރުވެގެން. މާޒީގައި ހެދުނު ގޯސްތަކާމެދުވެސް ވިސްނަންޖެހޭ. އަންނަ އަހަރު ޖޫންމަހު އެބައޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް. މިމުބާރާތަކީ ރާއްޖެއަށް އަބަދުވެސް ބަދުނަސީބު މުބާރާތެއް. އެއަށް ކުރިއާލައި ތައްޔާރުވަމާ.
ފުންއަސަރު
16 September 2018
އެންމެން އެކަތިގަނޑަކަށްވެ ކަންކަން ކުރާނަމަ އަދި މިއައްވުރެ މާގިނަ ކާމިޔާބީތައް ލިބޭނެ. ފަހުގެ ތާރީޚެއްގާ ރާއްޖެއަށް މިއައި ޑިމޮކްރަސީއޭ ކިޔާ އެއްޗެއްގެ ސަބަބުން މުޅި ގައުމުގެ އެކުވެރިކަންވަނީ ގެއްލި ނިމިފަ. މައިންބަފައިން އެއްގަލަކަށްނާރަ. އާއިލާއެންމެން އެކައްޗެއްނުކިޔާ. ފައިނަލެއް އޮންނަންޏާ ގަލޮޅުދަނޑު ފުރިގެން ބަންޑުންދިޔަ ޒަމާން މާޒީވެގޮސް ހިލޭސާބަހަށް ޓިކެޓްދިނަސް ވަންނާނޭ މީހަކުނުވޭ. މިކަން ބަދަލުކުރެވޭނޭ ގޮތެއްވެސް މިހާރަކު ނޭނގޭ.
ޢެދުރު
16 September 2018
އަހައްނަ އެގޭ މިކަން ބަދަލު ކުރެވޭނެ ގޮއް ހުރިހާ އެންމެން އިބޫ އައް ވޯޓް ދީ ސަލާމް
ކާޕޫރު
16 September 2018
ޝައްކެއްނެތް. ތިބުނީ ހައްޤު ތެދު ވާހަކައެއް.
ހިތިއަސަރު
16 September 2018
ދެން އަޅެ ތިޔަ އެދޭ ރަސްކަން ނިކަންގެނެސްބަލަ ދެންވާގޮތްވެސްބަލާލަން. މައްސަލައަކީ ޑިމޮކްރެސީއެއްނޫން ވާނުވާނުވާ ނޭނގޭ މީހުން ރާއްޖޭގަ މާ ގިނައީ. ހުރިހާ ނުބައިކަމެއް ދެލޮލަށް ފެނުނަސް އެއީ ނުބައިކަމެއްކަންވެސް ވަކިކުރަން ނޭގެނީ ކިޔާހާ އެއްޗަކަށް ހެއްލެނީ ދެތިން ރުފިޔާއަށްވެސް ވިކެނީ.
ދޮން ބަބުރު ސޮރު
16 September 2018
ސިއާސަތާއި ކުޅިވަރު އެކައްޗަކަށް ހަދާގެން، ޕީޕީއެމް ޓީމަކާއި އެމްޑީޕީގެ ޓީމެއް ދަނޑު މައްޗައް ނެރުނު ދުވަހަކުން ނޫނީ ދަނޑަށް މީހުން ވަންނާނެ ގޮތެއް ނުވާނެ!