ލިވަޕޫލާ ދެކޮޅަށް ނޭމާ އާއި އެމްބާޕޭ ކުޅޭނެ: ކޯޗު

ޕެރިސް (ނޮވެމްބަރު 28) - ޗެމްޕިއަންސް ލީގުގައި މިރޭ މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލާ ދެކޮޅަށް ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ނޭމާ ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.


މިިދިޔަ ހަފްތާގައި ގައުމީ ޓީމަށް ކުޅެނިކޮށް ނޭމާގެ އުކުޅުވަޅަށް އަދި އެމްބާޕޭގެ ކޮނޑަށް އަނިޔާވެ، ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ ކަމުގެ ބިރުހީވި އެވެ. އެންމެ ފަހުން ފްރެންޗް ލީގުގައި ޓުލޫސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އާއި ނޭމާ ނުކުޅެ އެވެ. އެކަމަކު މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ޕީއެސްޖީ އަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ޕީއެސްޖީ އަށް އޮތް ހިތްހަމަ ޖެހުމަކީ އެ ދެ ކުޅުންތެރިން އެއްކޮށް ފިޓްވެފައިވުމެވެ.

"ނޭމާ އާއި އެމްބާޕޭ ޓީމާ އެކު ފުރިހަމަ އަށް ޕްރެކްޓިހުގައި ބައިވެރިވެއްޖެ. އެއްވެސް މައްސަލައެއް ނެތް. ލިވަޕޫލާ ދެކޮޅަށް ފުރަތަމަ އެގާރައިގައި އެ ދެ ކުޅުންތެރިން ކުޅޭނެ." ޓުޗެލް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އިޓަލީގެ ނަޕޯލީ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި އޮތް ޕީއެސްޖީ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސާބިއާގެ ޗެމްޕިއަން ރެޑްސްޓާ ބެލްގްރޭޑަށް ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ޕީއެސްޖީ މިރޭގެ މެޗުން ބަލިވެ، ނަޕޯލީ މިރޭ ރެޑްސްޓާ އަތުން މޮޅުވެއްޖެނަމަ ޕީއެސްޖީ މުބާރާތުން ކަޓާނެ އެވެ. ލިވަޕޫލް އަތުން މުބާރާތުގެ ފުރަތަމަ މެޗުން ބަލިވީ 3-2 އިންނެވެ. އެންމެ ފަހުން ޕީއެސްޖީ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނީ މެޗަށް ނުކުންނާނީ އިތުބާރާ އެކު އެއްވެސް ޕްރެޝަރެއް ނެތި ކަމަށެވެ.

"ލިވަޕޫލް ބަލިކުރާނަމަ އަހަރެމެން އެބަޖެހޭ ވަރަށް މޮޅަށް ކުޅެން. އެވްރެޖް ކުޅުމެއް ދައްކައިގެން ލިވަޕޫލް ކަހަލަ ޓީމަކާ ދެކޮޅަށް ފަރުޖައްސައެއްނުލެވޭނެ. މިއީ މި ގްރޫޕުގެ ގޮތެއް ކަނޑައެޅޭނެ މެޗެއް. އަހަރެމެން ވަރަށް ވިސްނަން ޖެހޭނެ،" ތިއާގޯ ސިލްވާ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޖޯ ގޯމޭޒް ވަނީ ޓިމުގައި ހިމަނައިފަ އެވެ. ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ވަޓްފޯޑް އަތުން މޮޅުވި މެޗުގައި ގޯމޭޒް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކަމަކު މި މެޗަށް އޭނާ ވަނީ ފިޓްވެފަ އެވެ.

ޕީއެސްޖީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ.