ފަހަތުގައި ވިއްދާފައި އޮވެ މާޒިޔާ ދެއްކީ ހިތްވަރު!

މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ކާމިޔާބީ އަށް ފަހު މާޒިޔާ އަށް ތަފާތު ސަބަބުތަކާ ހުރެ، އެ ޓީމު ބޭނުންވާ މިސްރާބަށް ނުދެވުނެވެ. އަހަރުގެ ފަހު ތިން މުބާރާތުގެ ރޭހުން މާޒިޔާ ބޭރުވީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ، ދެން ތިބި ރަނގަޅު ކުޅުންތެރިންގެ ފޯމު ގެއްލިފައިވުމުންނެވެ. މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކީ ވަކިވެ، މާޒިޔާގެ ކޯޗުކަމާ އިސްމާއިލް މަހަފޫޒް (އިންމަ) އަލުން ހަވާލުވެ، އެ ޓީމު ހައްގުވާ މަގާމަށް ގެންދަން މަސައްކަތް ކުރަމުން އަންނަތާ މި މަހު 1 ވަނަ ދުވަހަށް އަހަރު ހަމަވީ އެވެ. ކާމިޔާބު ހޯދުމުގެ ރޭހުގައި އެ ޓީމަށް އަދިވެސް އޮތީ ފަސް ބެލުމެއް ނެތި މަސައްކަތް ކުރުމެވެ.


މާޒިޔާ އަކީ ފާއިތުވި އަހަރުތަކުގައި ކުޅޭ ހުރިހާ މުބާރާތެއްގެ ތަަށްޓައް ވާދަކުރި ޓީމެކެވެ. މާޒިޔާގެ ކޯޗަކަށް ހުރެ ތަކުރާރުކޮށް އިންމަ ވެސް އެ ވާހަކަ ފާހަގަކުރެ އެވެ. މި ފަހަރުގެ މާލޭ ލީގުގައި މާޒިޔާ އެންމެ ބޭނުންވި ކަންތައް ހާސިލްނުވި އެވެ. މާލޭ ލީގު ދިފާއުކުރުމުގެ އަޒުމުގައި ނުކުތް ނަމަވެސް އެ ޓީމަށް ޖެހުނީ ތިން ވަނައިގައި ފަރުޖައްސާލާށެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށިއިރު މާލީ ސަބަބުތަކާ ހުރެ، މި އަހަރުގެ މާލޭ ލީގު ޗެމްޕިއަން ނިއު އަޑިއަޅާލާފައި އޮތްއިރު، އެ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) މުސާރަ ނުލިބޭތީ އެއްބަސްވުން އުވާލުމަށް ފަހު ވަނީ ވާދަވެރި ޓީސީއާ ގުޅިފަ އެވެ.

ދަގަނޑޭ ގެނެސް ވަރުގަދަކުރި ޓީސީގެ އެންމެ ބޮޑު ވާދަވެރިއަކަށް ލީގުގެ ރޭހުގައި ވާނެ ކަމަށް ބެލެވުނީ ނިއު އާއި އީގަލްސް އަދި މާޒިޔާ ތެރެއިން ޓީމެކެވެ. މާލީ ހާލަތުގެ ސަބަބުން އީގަލްސް އާއި ނިއު ބިކަވެގެންދިޔަ މަންޒަރު ފެނުނުއިރު، މާޒިޔާ އޮތީ އެ ހާލަތަށް ދުރާލައި ތައްޔާރުވެގެންނެވެ. އޭގެ ފައިދާ މާޒިޔާ އަށް ކުރާނެ ކަމުގެ އުއްމީދުގަ އެވެ. ނަތީޖާއަކަށްވީ ކުޅުންތެރިން ކުރި މަސައްކަތާ އެކު އެ ތަފާތު ފެންނަން ފެށުމެވެ.

ޖެހިޖެހިގެން 11 މޮޅު، މާޒިޔާގެ އިތުބާރު ބޮޑުވި ސަބަބު!

މި އަހަރު މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެއް ފެންވަރެއްގައި ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކުމެވެ. އާދައިގެ މެޗުތަކުން ޕޮއިންޓް ގެއްލުމަކީ ވެސް ސީޒަނުގެ ކުރީކޮޅުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވާން ފެށީ ޕްރިމިއާ ލީގުގެ މެދުތެރެއިންނެވެ. ޖެހިޖެހިގެން 11 މެޗުން މިހާރު އެ ޓީމުން މޮޅުވިއިރު، މިއީ އެ ކްލަބް ލީގުގެ ރޭހުގައި އޮވެވުނު އެންމެ ބޮޑު ސަބަބެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހެން މެޗުތަކުން މޮޅުވަމުންދާނަމަ އަޅުގަނޑުމެން ސީޒަން ނިންމާލާނީ ވަރަށް ވަރުގަދަކޮށް. އެއީ މެޗަކަށް ފަހު މެޗެއް ކޮންފިޑެންސް އިތުރުވަމުން މި އަންނަނީ،" ލީގުގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗަށް ފަހު ލީގުގެ ރޭހުގައި މާޒިޔާ އަށް ކުރިހޯދޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް އިންމަ ޖަވާބު ދިނެވެ.

ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ފެނުނީ މާޒިޔާގެ ހިތްވަރެވެ. ޓީސީ ދެ ގޯލު ޖަހާފައި އޮއްވައި މާޒިޔާ ފަހަރުން އަރައި 4-2 އިން މޮޅުވިއިރު، މިއީ މިދިޔަ އަހަރުގެ މެއި 12 ވަނަ ދުވަހަށް ފަހު ޓީސީ އަތުން މާޒިޔާ އަށް ލިބުނު ފުރަތަމަ މޮޅެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ޓީސީ މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގެ ފަހު މެޗުތަކަށް މިއަދު ޓީމުތައް ނުކުންނައިރު ބޮޑު ދެ މެޗު އޮތީ މާދަމާ އެވެ. މާދަމާ ހަވީރު ނިއު ބައްދަލުކުރާނީ މާޒިޔާއާ އެވެ. މާދަމާރޭ ޓީސީ ބައްދަލުކުރީ އީގަލްސްއާ އެވެ. މާދަމާ ހަވީރު ނިއު އަތުން މާޒިޔާ މޮޅުވެ، މާދަމާރޭ އީގަލްސް އަތުން ޓީސީ ބަލިވެއްޖެނަމަ މާޒިޔާ އަށް އެއް އަހަރު ފަހުން އަލުން ލީގު ލިބޭނެ އެވެ. އެކަމަކު މާޒިޔާ ނިއު އަތުން މޮޅުނުވެވިއްޖެނަމަ ޓީސީ މެޗަށް ނުކުންނައިރު ވެސް އެ ޓީމަށް އޮންނާނީ ޗެމްޕިއަންކަން ޔަގީންވެފަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަމާޒުހިފާފައިވަނީ ބޮޑު މޮޅަކާ އެކު ލީގު ތަށި ފުރަތަމަ ފަހަރަށް އުފުލާލުމަށެވެ.

ތިން އަހަރަށް ފަހު އެނބުރި އާއިލާ އަށް އައިސް އިންމަ އަށް މި ވޭތުވީ އެއް އަހަރު ތެރޭގައި މާޒިޔާ ގޮވައިގެން އެކި ތަޖުރިބާތަކެއް ކޮށްފި އެވެ. މި ފަހަރުގެ ލީގުގެ ރޭހުގައި މާޒިޔާ އޮތުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ހިތްވަރު އެލުވާނުލައި ފުރުސަތަކަށް ބަލަބަލައި ފަހަތުގައި ވިއްދާފައި އޮތުމެވެ. ލީގުގެ ފަހު ދުވަހުގައި ވެސް މާޒިޔާ އަށް އޮތީ އެކަމެވެ.

ލީގުގެ ފަހު މެޗުތައް:

ފ. ނިލަންދޫ - ށ. ފޯކައިދޫ (މިއަދު، 15:45)

ގްރީން ސްޓްރީޓްސް - ވިކްޓަރީ (މިރޭ. 21:00)

ނިއު ރޭޑިއަންޓް - މާޒިޔާ (މާދަމާ، 15:45)

ޓީސީ - އީގަލްސް (މާދަމާ، 21:00)