ޔުނައިޓެޑުން ކޫލިބަލީ އަށް 103 މިލިއަން ޔޫރޯ!

ނޭޕްލްސް (ޑިސެމްބަރު 1) – ނަޕޯލީގެ ސެނެގޯލް ޑިފެންޑަރު ކަލިދޫ ކޫލިބަލީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އޮފާކުރި 103 މިލިއަން ޔޫރޯ އަށް ނަޕޯލީން ދާދި ފަހުން ނޫނެކޭ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވާ ކޫލިބަލީ އަކީ ނަޕޯލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ކުޅުންތެރިޔާ އެވެ. އިސްކޮޅުން ދިގު، ބިޔަ މި ކުޅުންތެރިޔަކީ ހުރިހާ ގޮތަކުން ފުރިހަމަ ޑިފެންޑަރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ބޮޑުވަމުން އަންނަ އަގުތަކުގެ ސަބަބުން މޮޅު ކުޅުންތެރިން ނުލިބޭ ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ދާދި ފަހުން ވާހަކަ ދެއްކީ ކޫލިބަލީ ނުލިބުމުން ކަމަށް ބެލެވެ އެވެ.

މޮރީނިއޯ ބުނީ އާދަޔާހިލާފު ބޮޑު އަގުދީގެން ނޫން ގޮތަކަށް ޓްރާންސްފާ މާކެޓުގައި ފުރުސަތެއް ނެތް ކަމަށާއި ދެ ވަނަ ދަރަޖައިގެ ކުޅުންތެރިން ހޯދަން ބޭނުންވިޔަސް އެހާ ބޮޑު އަގު ދައްކަން ޖެހޭ ކަމަށެވެ.

އެކަމަކު ކުޅުންތެރިންގެ އަގު 100 މިލިއަނަށް އެެރީ 2016 ވަނަ އަހަރު ޔުނައިޓެޑާ މޮރީނިއޯ ހަވާލުވެ ޔުވެންޓަސްގެ ޕައުލް ޕޮގްބާ 105 މިލިއަން ޔޫރޯ އަށް ގެނައި ހިސާބުންނެވެ.