އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް ރާއްޖޭގެ ރައީސުންނަށް، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރެއްވި ޗެލެންޖް، ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ޓްވީޓްކުރައްވާފައިވާ ގޮތުގައި، މަރުޒޫގުގެ ފަރާތުން އެ މައުލޫމާތު ހިއްސާ ކުރެއްވި ވަގުތުން ފެށިގެން އެކަން ރައީސް ވަނީ ގަބޫލުފުޅުކުރައްވައިފަ އެވެ.
ރައީސް ޔާމީނަށް، މަރޭ ދެއްވި ޗެލެންޖަކީ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާ އެކު ތަމްރީން ހެއްދެވުމެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް، ޖެހިވަޑައިގަންނަވާނީ މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލި އަދި ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދާފައިވާ ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު، ތަމްރީން ސެޝަނެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަރުޒޫގުގެ ދައުވަތު އުފަލާ އެކު ގަބޫލުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ލޯ މެޑަލް ހޯދާފައިވާ، ސްޕްރިންޓް، މެދު ރާސްތާ އަދި ދިގު ރާސްތާ ދުވުންތެރިޔާ ސަމްހާ އަހުމަދާ އެކު ޓްރެއިނިން ހައްދަވަން ރައީސް ނަޝީދަށް މަރުޒޫގު ހުށަހެޅުއްވި ހުށަހެޅުން، ނަޝީދު ވަނީ އިއްޔެ ޓްވީޓަކުން، ގަބޫލުފުޅުކުރައްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަރޭ ދެއްވި ޗެލެންޖަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުން މެޑަލް ހޯދާފައިވާ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާ އެކު ޓްރެއިނިން ސެޝަނެއް ފުރިހަމަކުރެއްވުމެވެ. އެކަން އެމަނިކުފާނު ގަބޫލުކުރެއްވިކަން، ރަސްމީކޮށް އަދި ހާމައެއްކުރައްވާފައެއް ނުވެ އެވެ.
މަރުޒޫގުގެ މި އިސްނެގުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި އޭނާ މިހާތަނަށް ނޮމިނޭޓްކުރި ގިނަ ފަރާތްތަކުން ވަނީ ޗެލެންޖް ފުރިހަމަކޮށްފަ އެވެ. އެތުލީޓުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެންމެ ފުރަތަމަ އެތުލީޓުންނާ އެކު ތަމްރީން ހެދީ މަރޭ އެވެ. އޭގެ ފަހުން، ބައެއް ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި މީޑިއާތަކުގެ އިސްވެރިންނާއި މަޝްހޫރު ލަވަކިޔުންތެރިންނާއި އެހެނިހެން ބައެއް ސެލެބްރިޓީންނަށް އެ ފުރުސަތު ދެއްވުމަށް ފަހު، އެންމެ ފަހު ޗެލެންޖް ދެއްވީ ރައީސުންނަށެވެ.
"ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް އަށް ނޮމިނޭޓްކުރި ފަރާތްތަކުން، މިހާތަނަށް ދިން ތަރުހީބާ އެކު ވަރަށް ހިތްހަމަޖެހިއްޖެ. އެހެންވެ، ފަހު ޗެލެންޖުގެ ގޮތުގައި އަނެއްކާ ވެސް ނޮމިނޭޓްކުރަން މި ނިންމީ،" މަރޭ ވިދާޅުވި އެވެ. އެ ބޭފުޅުންނަށް މި ޗެލެންޖް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާ ޕެރެލައިމްޕިކްސް ނުވަތަ ސްޕެޝަލް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.