ބަންގްލަދޭޝްގައި އިއްޔެ ފެށި ޝެއިހް ކަމާލް ކްލަބް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުން ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވެއްޖެ އެވެ.
ޗިޓަގޮން އަބަހާނީ އަކީ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވި ފަހަރު ކަމަށްވާ 2015 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ. ޓީސީން މި މުބާރާތުގެ ތަށި އުފުލާލީ 2017 ވަނަ އަހަރު އެވެ.
ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޗިޓަގޮން އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ޓީސީގެ ޑިފެންޑަރުންނަށް އޭރިއާ ތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ އަށް ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް ޗިނޭޑޫ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޗިޓަގޮން އިން ލީޑުފުޅާކުރިއިރު މި ލަނޑު ޖެހީ ޒުވާން ޑިފެންޑަރު ޔާސިން އަރަފާތު އެވެ. އަރަފާތު ނެގި ހުރަސް ގޯލަށް ވަނީ ޓީސީގެ ގޯލުގައި ހުރި އިބްރާހިމް ނަދީމް (ރިކޫ) ބޯމަތިން ގޮހެވެ.
އަބަހާނީން ލީޑުނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި އިޝާން އިބްރާހިމް (ސައްޓު) އާއި އިސްމާއިލް އީސާ (މެސީ) އަދި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ގުޅިގެން އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްކުރި އެވެ. އޭގެ ތެރެއިން އީސަ ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ޗިޓަގޮން ކީޕަރު މުހައްމަދު ވަނީ މަތަކޮށްފަ އެވެ.
ބަންގްލަދޭޝް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަޝްރަފުލް ހައްގުގެ އިރުޝާދުގެ ދަށުން ކުޅޭ ޗިޓަގޮން އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ޗިނޭޑޫ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގައި ކުޅެން ނުކުމެ ޓީސީން ކުޅުން ރަނގަޅުކޮށް އެޓޭކް ވަރުގަދަކުރި އެވެ. ސައްޓު އާއި އީސަގެ އިތުރުން މުހައްމަދު ސާމިރު އެޓޭކުގައި ބައިވެރިވެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އޭގެ ތެެރެއިން އޭރިއާ ތެރެއިން ސައްޓު ފޮނުވާލި ބޯޅައެއް ކީޕަރު މުހައްމަދު ވަނީ ހުއްޓުވައިފަ އެވެ.
ޗިޓަގޮންގެ ފަހު ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ މޮންޓެނެގްރޯގެ ފޯވާޑް ލޫކަ ރޮޓްކޮވިޗް އެވެ. ޗިޓަގޮން ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ކުރި ހުރަހެއްގައި ބޯޅަ ހިފުމަށް ފަހު ކީޕަރު ރިކޫ އަތުން ދޫވި ވަގުތު ރޮޓްކޮވިޗް ވަނީ ހަމަޖެހިލާފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޓީސީގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އީސަ އެވެ. މެޗު ދެ މިނިޓަށް ވެފައިވަނިކޮށް ސާމިރު ނަގައިދިން ހުރަހަކުން އީސަ މި ގޯލު ޖެހީ ބޮލުންނެވެ.
ޓީސީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) މަގާމުން ވަކިވުމުން އެ ޓީމަށް މި މުބާރާތުގައި އިރުޝާދުދެނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދާއި އާފިއު މުހައްމަދު ހާމިދު (އާފީ) އެވެ. ޓީސީ އަށް މި މުބާރާތް ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިދިޔަ ސީޒަނަށް ފަހު ޓީސީ ދޫކޮށްލައިފަ އެވެ. ނިޒާމްބެ މި ވަގުތު ހުރީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ.
އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ދެން ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅެން ޖެހޭ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. އެ އަށް ފަހު ބުރާސްފަތި ދުވަހު ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ލާއޯސްގެ ޔަންގް އިލެފަންޓާ އެވެ.