ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް ކްލަބް ކަޕްގައި އިއްޔެ އިންޑިއާގެ މޯހަން ބަގާން އަތުން 2-0 އިން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީސީ މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ޗިޓަގޮން އަބަހާނީ އަތުން ބަލިވީ 4-1 އިންނެވެ. ދެ މެޗުން ވެސް މޮޅުވެގެން ގްރޫޕް އޭގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ޗިޓަގޮން ވަނީ ސެމީ ފައިނަލަށް ގޮސްފަ އެވެ. ދެ ވަނައިގައި އޮތް މޯހަން ބަގާން އާއި ތިން ވަނައިގައި އޮތް ލާއޯސްގެ ޔަންގް އިލެފެންޓަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޓީސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ޓީސީ އަށް ސެމީގެ ފުރުސަތު ލިބެން އޮތީ ގްރޫޕްގެ ފަހު މެޗުގައި މާދަމާ އެ ޓީމުން ޔަންގް އިލެފަންޓް އަތުން ބޮޑު ތަފާތަކުން މޮޅުވެ، އެ ދުވަހު ކުޅޭ އަނެއް މެޗުން ޗިޓަގޮން އިން މޯހަން ބަގާން ބަލިކޮށްފިނަމަ އެވެ.
ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ޓީސީން ނުކުތީ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ނޭޕާލުގެ ބިމަލް ގާތީ މަގަރަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނެވެ. އެހެން ނަމަވެސް ކުރިން މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ޓީސީ އަށް ފެށުން ދިޔައީ ގޯސް ކޮށެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މޯހަން ބަގާން އަށް ކުޅޭ ޓްރިންޑާޑް ގައުމީ ޓީމުގެ ކުޅުންތެރިޔާ ޑެނިއަލް ސައިރަސް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ޓީސީގެ ބިމަލް އާއި އިޝާން އިބްރާހިމް (ސައްޓު) އަދި އިސްމާއިލް އީސަ (މެސީ) ރަނގަޅު އެޓޭކްތަކެއް އުފައްދަން މަސައްކަތްކުރި ނަަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މި މެޗުގައި ޓީސީ އަށް ލަނޑު ޖަަހައިދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ބިމަލް އަށެވެ. އޭނާ ޅިން ހުސްކޮށް ވަދެ ފޮނުވާލި ބޯޅައެއް މޯހަން ބަގާންގެ ކީޕަރު ސަންކަރު ރޯއީ ވަނީ މަތަކޮށްފަ އެވެ.
މޯހަން ބަގާންގެ ދެ ވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކުރިން ވިޔަރެއާލާއި ބާސެލޯނާ ބީ ޓީމަށް ކުޅެފައިވާ ސްޕެއިނުގެ ފޯވާޑް ސަލްވާ ކަމޯރޯ އެވެ.
ޓީސީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) މަގާމުން ވަކިވުމުން އެ ޓީމަށް މި މުބާރާތުގައި އިރުޝާދުދެނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދާއި އާފިއު މުހައްމަދު ހާމިދު (އާފީ) އެވެ. ޓީސީ އަށް މި މުބާރާތް 2017 ވަނަ އަހަރު ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިދިޔަ ސީޒަނަށް ފަހު ޓީސީ ދޫކޮށްލައިފަ އެވެ. ނިޒާމްބެ މި ވަގުތު ހުރީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ.