ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް ކްލަބް ކަޕްގައި މިއަދު ކުޅުނު މެޗުން ލާއޯސްގެ ޔަންގް އިލެފަންޓް އެފްސީ އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުން ކަޓައިފި އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ޓީސީން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެވެ. ފުރަތަމަ މެޗުން 2015 ވަނަ އަހަރުގެ ޗެމްޕިއަން ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އިންޑިއާގެ މޯހަން ބަގާން އަތުން 2-0 އިން ބަލިވެފަ އެވެ.

ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ޓީސީން ނުކުތީ ބަދަލުތަކަކާ އެކު އެވެ. ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު ޔަޒްދާން (ޔަޒޭ) އާއި ނިޝާމް ރަޝީދު (ޕޮގްބާ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު، ކުރިން ދެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) ފެށީ ބެންޗުންނެވެ. ދެ ވަނަ ހާފްގައި އެ ދެ ކުޅުންތެރިން ކުޅެން އެރި އެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ކުޅެމުން ދިޔައީ ނޭޕާލްގެ ބިމަލް ގާތީ މަގަރް އާ އެކު އެންމެ ކުރިއަށެވެ.

މެޗު ފަށައިގެން ޓީސީ ހާފް ތެރޭގައި ކުޅެ އިލެފަންޓުން ލީޑުނެގީ މެޗުގެ ބޫންޕަޗާން ބޫކޮން އެވެ. އޭރިއާތެރެއިން މެޗުގެ 17 ވަނަ މިނިޓްގައި ބޫކޮން ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫބެ) އަތްދަށުން ގޮހެވެ. ފުރަތަމަ ހާފުގައި ޓީސީ އަށް އެއްވަރުކޮށްދޭން ބިމަލް އާއި ޝަފްލޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޓީސީ އަށް އެއްވަރުކޮށްދޭން ބިމަލް އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޝަފްލޭ މުޅިން ހުސްކޮށްލާފައި ބިމަލް އަށް ޖައްސާލި ބޯޅަ ހިފައިގެން އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އިލެފަންޓްގެ ކީޕަރު މަތަކުރުމުން ދެ ވަނަ ފަހަރަށް ލިބުމުން ބިމަލް ޖެހި ބޯޅަ ހުއްޓުވީ އެ ޓީމުގެ ޑިފެންޑަރެވެ.

ޓީސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 59 ވަނަ މިނިޓްގައި ބޫކޮންގެ މޮޅު ގޯލަކުން އިލެފަންޓުން ލީޑުފުޅާކުރުމެވެ. އޭރިއާތެރެއިން ބޫކޮން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. މެޗުގައި ޓީސީގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ސާމިރު އެވެ. ކައުންޓަ އެޓޭކެއްގައި އީސަ ހުސްކޮށްލާފައި ސާމިރަށް ޖައްސާލި ބޯޅަ އޭނާ ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ދާދި ފަހުން ޓީސީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) މަގާމުން ވަކިވިއިރު، އެ ޓީމަށް މި މުބާރާތުގައި އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދާއި އާފިއު މުހައްމަދު ހާމިދު (އާފީ) އެވެ. ޓީސީ އަށް މި މުބާރާތް 2017 ވަނަ އަހަރު ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިދިޔަ ސީޒަނަށް ފަހު ޓީސީ ދޫކޮށްލައިފަ އެވެ. ނިޒާމްބެ މި ވަގުތު ހުރީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ.