ބާލިން (މާޗް 20) - ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޖަރުމަނުގެ ކްލަބް ބޮރޫޝިއާ މޮންޗެންގްލަޑްބެކުން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމުގެ ގޮތުން އެ ކްލަބްގެ ކުޅުންތެރިން މުސާރަނުނަގާ ގޮތަށް ނިންމައިފި އެވެ.
ޖަރުމަނު ލީގުގެ ހަތަރު ވަނައިގައި މި ވަގުތު އޮތް މޮންޗެންގްލަޑްބެކްގެ ކުޅުންތެރިން މި ގޮތަށް ނިންމީ މިހާރު ލީގު ހުއްޓާލާފައި އޮތުމުން ކްލަބަށް އެކި ގޮތްގޮތުން މާލީގޮތުން ގެއްލުން ވަމުން އަންނާތީ އެވެ. ޖަރުމަނު ލީގު މި ވަގުތު އޮތީ އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފަ އެވެ. ބެލެވޭ ގޮތުގައި މެދުކަނޑާލާފައިވާ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރިޕޯޓްތައް ބުނާގޮތުން ޖަރުމަނުގެ ކްލަބްތަކުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ މެޗުތައް ދައްކައިގެން ލިބޭ ބްރޯޑްކާސްޓިން ފައިސާ އާއި ސްޕޮންސަރުން މެދުވެރިކޮށް ލިބޭ ފައިސާގެ އިތުރުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އަށެވެ. އެކަމަކު މި ވަގުތަށް ބަލާއިރު އާމްދަނީ ލިބޭނެ މި ތިން މަގު ވެސް އޮތީ ބަންދުވެފަ އެވެ.
އެ ސަބަބުތަކަށްޓަކައި މޮންޗެންގްލަޑްބެކްގެ ކުޅުންތެރިން ނިންމީ މި މުއްދަތުގައި ކްލަބުން އެ ކުޅުންތެރިންނަށް ދޭން ޖެހޭ އެއްވެސް މުސާރައެއް ނުނެގުމަށެވެ. މި ކަމަށް އިސް ނެގި ކުޅުންތެރިންނަކީ ކްލަބްގެ ކެޕްޓަން ލާސް ސްޓިންޑަލް، ފޯވާޑް އަލެސާނޭ ޕްލެއާ އަދި ގޯލްކީޕަރު ޔޭން ސޮމާ އެވެ. މި ކަމުގައި ކްލަބްގެ ކޯޗު މާކޯ ރޯސް ވެސް ބައިވެރިވާނެ އެވެ.
މޮންޗެންގްލަޑްބެކްގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އެބާލް ބުނީ ކްލަބްގެ މާލީ ހާތަލު ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ދިމާވެގެން އުޅޭ ކަންތައްތައް ކުޅުންތެރިންނާ ހިއްސާ ނުކުރަނިސް އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ޕްރޮފެޝަނަލް ނިންމުމެއް ކަމަށެވެ.
"ކުޅުންތެރިން ތިބީ ކްލަބަށް އެހީވާން. އަހަރެމެން ކުޅުމުގައި ވެސް އޮންނަނީ ހުރިހާ ކަމެއް ޓީމެއްގެ ގޮތުގައި ކުރުން. މި އުނދަގޫ ވަގުތުގައި ވެސް މުޅި ކްލަބް މި އޮތީ ޓީމެއްގެ ގޮތުގައި،" އެބާލް ބުންޏެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ 2.5 މިލިއަން ޔޫރޯ ހަދިޔާކޮށްފަ އެވެ. މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ މި ބަލިމަޑުކަމުގެ ނުރައްކާ މި ވަގުތު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. އޭގެ ތެރޭގައި ޖަރުމަނު ވެސް ހިމެނެ އެވެ.
ޖަރުމަނުގެ ގިނަ ކްލަބްތަކެއްގެ އޮފިޝަލުން އަންނަނީ ޓީމުތަކަށް ދިމާވާ މާލީ އުނދަގޫތަކުން އަރައިގަންނަން ޖަރުމަނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނަމުންނެވެ.