މިއުނިކް (މާޗް 22) - މި ސީޒަން ނިމުމުން ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ޖަރުމަނުގެ ކްލަބް ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.

ކުރިން ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކަށް ކުޅުނު އަލޮންސޯ މި ވަގުތު ހުރީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ރެއާލް ސޮސިއެޑާޑްގެ ބީ ޓީމާ ހަވާލުވެ އެވެ. އެކަމަކު ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޫން މަހު ރަސްމީކޮށް މުންޗެންގްލަޑްބެކާ ހަވާލުވާން އަލޮންސޯ ވަނީ ނިންމައިފަ އެވެ.

މުންޗެންގްލަޑްބެކް އިން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މާކޯ ރޯސްގެ އެއްބަސްވުން މި ސީޒަނުގެ ނިމުމުން އުވާލަން ނިންމައިފަ އެވެ. އެއީ މިދިޔަ މަހު އޭނާ އެ ކްލަބާ އެކު ސޮއިކުރި ކޮންޓްރެކްޓްގައިވާ ވަކި މާއްދާއަކަށް ބެލުމަށް ފަހު އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު މުންޗެންގްލަޑްބެކް ވަނީ ފަހަކަށް އައިސް ކުޅުން ދަށްވެ، ލީގުގެ 10 ވަނަ އަށް ވެއްޓީފަ އެެވެ. މުންޗެންގްލަޑްބެކް އިން އަލޮންސޯ ގެންނަން ބޭނުންވީ އަންނަ ސީޒަނުން ފެށިގެން ރަނގަޅު ހިސާބަކަށް ދާން ރަނގަޅު ޕްރޮޖެކްޓެއް ފެށުމުގެ ވިސްނުމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އަލޮންސޯ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭން މުންޗެންގްލަޑްބެކުން ވަނީ ނިންމައިފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި މިހާރު އުމުރުން 39 އަހަރުގެ އަލޮންސޯ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ރެއާލްގެ 14 އަހަރުން ދަށުގެ ޓީމުންނެވެ. އެކަމަކު 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ މަސައްކަތްކުރަމުން އަންނަނީ ސޮސިއެޑާޑްގެ ބީ ޓީމުގަ އެވެ. އެ ޓީމުގައި އޭނާގެ މަސައްކަތް ރަނގަޅުވުމުން ބަޔާނާއި އާސެނަލްގެ ޔޫތު ޓީމުގައި ކޯޗިންގެ މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އަލޮންސޯ ވަނީ އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފަ އެވެ.

ކުޅުމުގެ ކެރިއަރުގައި ޖަރުމަނު ލީގުގައި އަލޮންސޯގެ ތަޖުރިބާ ރަނގެޅެވެ. އޭނާ ވަނީ ބަޔާނަށް ކުޅުނުއިރު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ތިން ފަހަރު ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ.