ބަޔާން މިއުނިކްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
25 މާޗް 2020 - 12:39
މިއުނިކް (މާޗް 25) - ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ބަޔާން މިއުނިކްގެ ކުޅުންތެރިން މުސާރަކުޑަކުރަން އެއްބަސްވުމާ އެކު އެގޮތަށް އަމަލުކުރަން ފަށައިފި އެވެ.
ޖަރުމަނުގެ މަޝްހޫރު ކުޅިވަރު މީޑިއާ ބިލްޑް އިން ރިޕޯޓްކުރާގޮތުގައި ބަޔާންގެ ހުރިހާ ކުޅުންތެރިން ވަނީ މުސާރައިގެ 20 ޕަސެންޓް ކުޑަކުރަން އެއްބަސްވެފަ އެވެ. ކުޅުންތެރިންނަށް ދޭ މުސާރައިގެ ގޮތުގައި ބަޔާނުން އަހަރަކު 364 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. މުސާރަކުޑަކުރަން ބަޔާން ކުޅުންތެރިން އެއްބަސްވުމުން އެ ޓީމަށް 73 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖަރުމަނު ލީގު އޮތީ މެދުކަނޑާލައިފަ އެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު އަލުން ފަށަން ކަނޑައަޅާފައިވީ ނަމަވެސް އެ ތާރީހުގައި އަލުން ނުފެށޭނެ ކަމަށް ބެލެވެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޖަރުމަނު އެފްއޭ އިން މަސައްކަތްކުރަނީ މެއި މަހުގެ މެދު ތެރޭގައި އަލުން ލީގު ފަށާށެވެ.
ބަޔާނަކީ މުސާރަ ކުޑަކުރަން އެއްބަސްވި ޖަރުމަނުގެ ދެ ވަނަ ކްލަބެވެ. އެންމެ ފުރަތަމަ މުސާރަކުޑަކުރަން އަމިއްލަ އަށް ހުށަހެޅީ ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ހުށަހެޅީ ކޮވިޑް-19 ގެ ސަބަބުން މި ދިމާވާ މައްސަލަތަކުގެ މުއްދަތަށް މުސާރަ ނުނަގާށެވެ.
މުސާރަ ކުޑަކުރަން ޖަރުމަނުގެ ގިނަ ކްލަބްތަކުގެ ކުޅުންތެރިން އަންނަނީ ޓީމުތަކުގެ މެނޭޖްމަންޓާ މަޝްވަރާކުރަމުންނެވެ. އެ ކްލަބްތަކުގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމަންޑާއި ވާޑާ ބްރެމެން އަދި ޝާލްކާ ހިމެނެ އެވެ. މީގެ ތެރެއިން ޑޯޓްމަންޑްގެ ކުޅުންތެރިންގެ އިތުރުން ކްލަބްގެ ހުރިހާ ސްޓާފުން ވެސް ވަނީ މުސާރަކުޑަކުރަން އެއްބަސްވެފަ އެވެ. އެކަމަކު އެއީ ކިތަށް ޕަސެންޓްކަމެއް އަދި އެ ޓީމުން އިއުލާނެއް ނުކުރެ އެވެ. ޑޯޓްމަންޑްގައި ކުޅުންތެރިން ހިމެނޭ ގޮތަށް 850 ސްޓާފުން މަސައްކަތްކުރެ އެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ 2.5 މިލިއަން ޔޫރޯ ހަދިޔާކޮށްފަ އެވެ. މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ މި ބަލިމަޑުކަމުގެ ނުރައްކާ މި ވަގުތު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. އޭގެ ތެރޭގައި ޖަރުމަނު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy