ލަންޑަން (އޮގަސްޓް 7) - އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 1-0 އިން މޮޅުވެ 48 އަހަރަށް ފަހު ވުލްވްސް އިން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ވުލްވްސް އެންމެ ފަހުން ކުއާޓާ ފައިނަލުގައި ކުޅުނީ 1972 ވަނަ އަހަރު އެވެ. އޭރު ޔުއެފާ ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނުއިރު ފައިނަލުގައި ވުލްވްސް ބަލިވީ ޓޮޓެންހަމާ ވާދަކޮށެވެ. ކުއާޓާ ފައިނަލުގައި ވުލްވްސް ބައްދަލުކުރާނީ މި މުބާރާތުގެ ނަން ޔޫރޮޕާ ލީގަށް ބަދަލުކުރި ފަހުން އެންމެ ކާމިޔާބު ޓީމު ސެވިއްޔާއާ ދެކޮޅަށެވެ. ސެވިއްޔާ އިން ކުއާޓާގެ ފުރުސަތު ހޯދީ ރޭ ކުޅުނު ތިން ވަނަ ބުރުގެ މެޗުގައި އިޓަލީގެ ރޯމާގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.
ޔޫރޮޕާ ލީގު މެދުކަނޑާލުމުގެ ކުރިން ގްރީސްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ވަނީ އޮލިމްޕިއާކޯސް އާއި ވުލްވްސް 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ވުލްވްސް އަށް ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން ރައުލް ހިމެނޭޒް އެވެ. މި ޕެނަލްޓީ އަކީ ވުލްވްސްގެ ޑެނިއަލް ޕޮޑެންސް އަށް އޮލިމްޕިއާކޯސްގެ ކީޕަރު ބޮބީ އަލައިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮޑެންސަކީ ޖެނުއަރީ މަހު އޮލިމްޕިއާކޯސް ދޫކޮށް ވުލްވްސްއާ ގުޅުނު ކުޅުންތެރިއެކެވެ.
ފުރަތަމަ ހާފުގައި އޮލިމްޕިއާކޯސްގެ މެޑީ ކަމާރާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ އެ އެޓޭކް ފެށިއިރު އޮލިމްޕިއާކޯސްގެ ފޯވާޑް މޮރޮކޯގެ ޔޫސުފް އެލްއަރާބީ އޮފްސައިޑްގައި ހުރުމުންނެވެ.
ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޑިއޯގޯ ޔޮޓާ އަށް ވަނީ ވުލްވްސް އަށް އިތުރު ލަނޑެއް ޖަހައިދޭން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަދި ބަދަލުތަކެއް ގެނެސްގެން އޮލިމްޕިއާކޯސް އިން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން މިސްރުގެ ފޯވާޑް އަހުމަދު ހަސަން ބޮލުން ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ.
ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މިއީ އެ ޓީމުގެ ތާރީހުގައި ރަނގަޅު ކުރިއެރުމެއް ކަމަށާއި ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވެ ދެ ވަނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމުން މި ޓީމަށް ވެސް ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.
"އަހަރެމެންނަކީ ފަސޭހައިން ދޫދޭނެ ބައެއް ނޫން. ކޮންމެ މެޗެއްގައި ވެސް އެއް އަޒުމެއްގައި ނުކުންނާނީ،" ކުޅުންތެރިއެއްގެ ގޮތުގައި ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ޗެމްޕިއަންކަން ހޯދި ސަންޓޯ ބުންޏެވެ.
ރަނގަޅު ފޯމެއްގައި އޮތް ރޯމާ ކޮޅަށް ސެވިއްޔާ އިން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ލީޑުނަގައިދިނީ ފުލްބެކް ސާޖިއޯ ރެގީލޯން އެވެ. އަދި ދެ ވަނަ ގޯލު ޖެހީ ޑެނިއަލް އޮކަމްޕޯސް ދިން ބޯޅައަކުން ޔޫސުފް އެން-ނަސްރީ އެވެ. ރޯމާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި ސެވިއްޔާގެ ލޫކް ޑި ޔޯން އަށް ކުރި ނުރައްކާތެރި ފައުލަކަށް ޖިއަންލޫކާ މަންޗިނީ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ދެން ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން މެޗުތައް ކުޅެން ދަތިތަކެއް ހުރުމާ އެކު ސެންޓަރަލައިޒްކޮށް ހުރިހާ މެޗެއް ކުރިއަށްގެންދިއުމުގެ ގޮތުންނެވެ.
ކުއާޓާ ފައިނަލް މެޗުތައް:
10 އޮގަސްޓް: މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް) - ކޮޕެންހާގެން (ޑެންމާކް)
10 އޮގަސްޓް: އިންޓަ މިލާން (އިޓަލީ) - ބަޔާ ލެވަކޫސަން (ޖަރުމަނު)
11 އޮގަސްޓް: ޝަހުތަރު ޑޮނެސްކް (ޔޫކްރޭން) - ބަސެލް (ސްވިޒަލެންޑް)
11 އޮގަސްޓް: ވުލްވްސް (އިންގްލެންޑް) - ސެވިއްޔާ (ސްޕެއިން)