ކޮލޯން (އޮގަސްޓް 12) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ސެވިއްޔާ އާއި ޝަހުތަރު ޑޮނެސްކުން ހޯދައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް މިނީ ޓޯނަމެންޓެއްގެ ގޮތުގައި ބާއްވަނީ ޖަރުމަނުގަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ސެވިއްޔާ ރޭ މޮޅުވީ އިންގްލެންޑުގެ ވުލްވްސްއާ ވާދަކޮށް 1-0 އިންނެވެ. ސްވިޒަލެންޑްގެ ބަސެލްގެ މައްޗަށް 2009 ވަަނަ އަހަރުގެ ޗެމްޕިއަން ޝަހުތަރުން ކުރިހޯދީ 4-1 އިންނެވެ.

ފުރަތަމަ ސެމީގައި އަންނަ އާދިއްތަ ދުވަހުގެރޭ ސެވިއްޔާ ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އަދި ދެ ވަނަ ސެމީގައި ޔޫކްރޭނުގެ ޗެމްޕިއަން ޝަހުތަރު ބައްދަލުކުރާނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ މިލާންއާ އެވެ.

ރޭގެ މެޗުގައި ލީޑުނަގަން ވުލްވްސް އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގެ 13 ވަަނަ މިނިޓްގައި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ފޮނުވާލި ޕެނަލްޓީ ސެވިއްޔާ ގޯލްކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ ވުލްވްސްގެ އެޑަމާ ޓްރައޯރޭ އަށް އޭރިއާތެރެއިން ސެވިއްޔާގެ ޑިއޭގޯ ކާލޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސެވިއްޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު މި މެޗުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ އާޖެންޓީނާގެ ލޫކަސް އޮކަމްޕޯސް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި އެވާ ބަނޭގާ ނަގައިދިން ހުރަހަކުން އޮކަމްޕޯސް މި ގޯލު ޖެހީ ބޮލުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 17 ވަނަ ގޯލެވެ.

އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް ބަލިވެފައިނުވާ ސެވިއްޔާ ޓީމުގެ ކޯޗަކީ ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ކުރިން ކޯޗުކޮށްދިން ހުލެން ލޮޕެޓެގީ އެވެ. ރޭގެ މެޗަށް ފަހު ލޮޕެޓެގީ ބުނީ މި މޮޅުގެ ހުރިހާ ކްރެޑިޓެއް ހައްގުވާނީ ކުޅުންތެރިންނަށް ކަމަށެވެ. ޔޫރޮޕާ ލީގުން ކެޓުމާ އެކު އަންނަ ސީޒަނުގައި ވުލްވްސް އަށް ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ އެވެ. މިއީ ޖުމްލަ ގޮތެއްގައި މި ފަހަރުގެ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ވުލްވްސް އަށް ލިބުނު ދެރައެއް ކަމަށް އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ބުނެފަ އެވެ.

ޝަހުތަރަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޖޫނިއާ މޮރާއެސް، ޓައިސަން، އެލާން ޕެޓްރިކް އަދި ޑޯޑޯ އެވެ. ބަސެލްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ރިކީ ވޯލްފްސްވިންކަލް އެވެ. ރޭގެ މެޗުގައި ޝަހުތަރަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ޓައިސަން އެވެ.