28 އޯގަސްޓް 2020 - 12:03
ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވެ، އެކަން އަންގަން އެ ޓީމަށް ފެކުހެއް ފޮނުވުމާ އެކީ ހައިރާންކަން ލިބުނީ ހަމައެކަނި އެ ކްލަބަކަށް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގެ މީހުންގެ ސަމާލުކަން އެ ދިމާލަށް ހުއްޓި އެތައް މިލިއަނަށް ވުރެ ގިނަ މީހުން އެ ވާހަކަ ދައްކަން ފެށި އެވެ. މެސީގެ އެ ނިންމުމާ އެކު ބާސެލޯނާގެ ވެރިންނާ މެދު އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަނުޖެހި ކްލަބްގެ އޮފީހާއި ސްޓޭޑިއަމް ބޭރުގައި އެކި އިރު މުޒާހަރާ ކުރަމުންދާއިރު، މެސީ ގެނައުމުގެ މަސައްކަތުގައި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ކިއޫ ހަދައިފި އެވެ.
ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އުމުރުން 33 އަހަރުގެ މެސީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ޓީމަށް އެންގީ ހިލޭ (އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި) އެހެން ކްލަބަކަށް ބަދަލުވުމަށެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ.
އާންމު ސީޒަނެއްނަމަ ލަސްވެގެން މެއި މަހުގެ ނިޔަލަށް ސީޒަން ނިމެ އެވެ. އެކަމަކު މި ފަހަރު ކޮވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމާ އެކު ފުޓްބޯޅަ ސީޒަން ދިގުލައި ދިއުމާ ގުޅިގެން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ފުރިހަމަކުރީ ޖޫން މަހާއި ޖުލައި އަދި އޮގަސްޓް މަހު ވެސް ކުޅެގެންނެވެ. މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.
ބާސެލޯނާ އިން ގަދަ ހަދައިގެން ވެސް މެސީ މަޑުކުރަން ބޭނުންވާކަން ދާދި ފަހުން އެ ޓީމުގެ އާ ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސް ދެއްކި ވާހަކަތަކުން އެނގެން އެބައޮތެވެ. އޭނާ މި ވާހަަކަ ދެއްކީ މެސީގެ މުސްތަގުބަލާ ގުޅޭގޮތުން ކްލަބްގެ ވެރިންނާ އެކީ ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތްކޮށެވެ. ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި މެސީ ދޫކޮށްލަން ދެކޮޅު ހަދާނަމަ މިހާރު އޮތްގޮތުން މެސީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ އެހެން ޓީމަކާ ގުޅެވޭނީ ކޯޓު މެދުވެރިކޮށެވެ. އެހެން ނޫނީ ކްލަބަކުން ޖެހޭނީ ބޮޑު ޓްރާންސްފާ ފީ އެއް ދީފައި މެސީ ގަންނާށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނާ މެސީ ގަންނަން ފުރުސަތު ލިބިފައިވަނިކޮށް އެ ދޫކޮށްލާނެ ކްލަބެއް ހަގީގަތުގައި ނޯންނާނެ އެވެ. އެކަމަކު ހެދިފައިވާ ގަވާއިދާއި ކްލަބްތަކުގެ މާލީ ހާލަތާއި އެ ފަދަ އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު އުސޫލުތަކުގެ ތެރެއިން މެސީ ފަދަ ކުޅުންތެރިއެއް ގެންދެވޭނެ ފެންވަރު ހުންނާނީ މަދު ކްލަބެއްގަ އެވެ. އަމުދުން ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ އަސަރު ފުޓްބޯޅަ ކްލަބްތަކަށް ވެސް ކޮށްފައިވާއިރު، މި ދަނޑިވަޅުގައި މެސީ އަށް ބޮޑު ހޭދައެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިހާރު ވެސް ބޮޑެތި ކްލަބްތަކުން ވަނީ ބުނެފަ އެވެ. އެ ލިސްޓުގައި ހިމެނޭ ދެ ކްލަބަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.
މެސީ އާއި ބާސެލޯނާގެ ވާހަކަތަކަށް މި ވަގުތު ދުނިޔޭގެ ގިނަ ނޫސްތަކެއްގެ ސަމާލުކަން ވަނީ ލިބިފައި.
ބާސެލޯނާގައި މެސީގެ މުސާރަ އަކީ ހަފްތާ އަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރެވެ. ފޯބްސް އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މެސީގެ މިދިޔަ އަހަރުގެ އާމްދަނީ އުޅެނީ 104 މިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރެއިން ބާސެލޯނާ މެދުވެރިކޮށް މެސީ އަށް ލިބުނީ މުސާރަ އާއި ކެޓަލޫނިއާގެ ބައެއް އެކި އިޝްތިހާރު ކުންފުނިތައް މެދުވެރިކޮށް 72 މިލިއަން ޑޮލަރެވެ. އަދި އަމިއްލަ އިމޭޖް ރައިޓްސް ކޮމްޕެނީ މެދުވެރިކޮށް މަޝްހޫރު އެކި ކުންފުނިތަކުން އިސްތިހާރުގެ ގޮތުގައި ލިބިފައިވަނީ 32 މިލިއަން ޑޮލަރެވެ. މަދުވެގެން މި އަދަދަށް ފައިސާ ނުލިބޭ ކްލަބަކަށް މެސީ ދިއުމުގެ ފުރުސަތު ކުޑަ އެވެ. މެސީ އަށް މި އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިދިނުމުގެ ގަސްދުގައި އޭނާ ހޯދުމުގެ ރޭސް ލީޑުކުރަނީ ޔޫއޭއީގެ ވިޔަފާރިތަކުގެ ތެރެއިން ހިންގާ މެންޗެސްޓާ ސިޓީ އާއި ޗައިނާ ވިޔަފާރީގެ ނުފޫޒު ބޮޑު އިންޓަ މިލާނެވެ. އެހެންވެ މިއީ ޔޫއޭއީ އާއި ޗައިނާގެ ވާދަވެރިކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ ވެސް އެބައޮތެވެ.
މީގެ ހަތަރު އަހަރު ކުރިން ސިޓީން ވަނީ މެސީ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު މެސީގެ ވިސްނުމުގައި ކްލަބް ބަދަލުކުރުމުގެ ހިޔާލެއް ނެތެވެ. އެހެން ނަމަވެސް މިހާރު މެސީ ކްލަބް ބަދަލުކުރަން ބޭނުންވާކަން އިއުލާނުކުރުމާ އެކު އެންމެ ފުރަތަމަ އޭނާ ހޯދަން ރޭހަށް ނުކުތް ޓީމަކީ ސިޓީ އެވެ. މެސީގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ކޮންމެ ދަނޑިވަޅެއްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގާތުގައި ތަކުރާރުކޮށް އެކި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވޭ ސުވާލަކީ ބާސެލޯނާ ދޫކޮށްލައިފިނަމަ މެސީ ސިޓީ އަށް ގެންނާނެތޯ އެވެ. ގާޑިއޯލާ އަބަދުވެސް ބުނަމުން އަންނަނީ މެސީ ބާސެލޯނާ ދޫކޮށްލަފާނެކަން އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށެވެ. އޭނާ އެދޭ ގޮތަކީ އަބަދުވެސް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށެވެ. އެކަމަކު އޭރު ވެސް ގާޑިއޯލާ ވާހަކަ ނިންމާލަނީ "ފުޓްބޯޅައިގައި މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގޭ" ކަމަށް ބުނެފަ އެވެ.
މިހާރު ހާލަތު އޮތްގޮތުން ސިޓީން މެސީ ގަތުމުގެ ރޭހުގައި ކުރިހޯދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ފުޓްބޯޅައިގައި ސިޓީ ފުޓްބޯލް ގްރޫޕްގެ ނުފޫޒެވެ. އެކި ބައްރުތަކުގެ އަށް ގައުމެއްގައި މިހާރު ވެސް ސިޓީ ފުޓްބޯލް ގްރޫޕުން ހިންގާ ކްލަބްތައް އެބަހުއްޓެވެ. އަދި މެސީ ބޭނުންވާ އާމްދަނީ އާއި އެހެނިހެން ކަންތައްތައް މި ހުރިހާ ގައުމެއްގައި އެކި އިސްތިހާރު ޑީލުތަކުން ފުރިހަމަ ކުރެވިދާނެ އެވެ. އަދި ގަތަރު ޓޫރިޒަމުން ޕީއެސްޖީގެ ނޭމާ އިޝްތިހާރުކޮށް އަހަރަކު އޭނާ އަށް ދޭ ވަރުގެ ޑީލެއް ސިޓީގެ ފަރާތުން މެސީ އަށް ޔޫއޭއީ މެދުވެރިކޮށް ހޯދައިދެވޭނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ވެރިންނާ އެކު މިހާރު ވެސް މެސީގެ ބައްޕަ އަންނަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް މަޝްވަރާކުރަމުންނެވެ. އެ މުއްދަތު ހަމަވުމަށް ފަހު މެސީ ބޭނުންނަމަ އިތުރު ކޮންޓްރެކްޓެއްގައި ސިޓީ ފުޓްބޯލް ގްރޫޕުން އެމެރިކާ ލީގުގައި ހިންގާ ޓީމު ނިއު ޔޯކް ސިޓީ އަށް ބަދަލުވެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީ ފުޓްބޯލް ގްރޫޕުން މެސީ އަށް ހުށަހަޅަން ތައްޔާރުވަނީ އެ ގްރޫޕް މެދުވެރިކޮށް މެސީ އަކީ ކުރިއަށް އޮތް ފަސް އަހަރު ވެސް ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅިވަރު އެތުލީޓަށް ހެދުމަށެވެ. އެ ގޮތަށް ވެއްޖެނަމަ މުޅި ޖުމްލަ އެއްކޮށް އަހަރަކު މެސީގެ އާމްދަނީ އުޅޭނެ ކަމަށް ރިޕޯޓްތައް ބުނަނީ 120 މިލިއަން ޑޮލަރުގަ އެވެ.
ބާސެލޯނާގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރުން ފެށިގެން މެސީ ހޯދުމުގެ ރޭހުގައި އިންޓަ މިލާނުގެ ވާހަކަތައް ދެކެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ދެން އެންމެ ފެނުން ގާތީ އިންޓަ އިންނެވެ. އިންޓަ ހިންގަމުން އަންނަ ޗައިނާގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ގްރޫޕް ސަނިން ހޯލްޑިންގްސް ގްރޫޕަކީ ދުނިޔޭގެ ވިޔަފާރި ބާޒާރުގައި ނުފޫޒުގަދަ ބައެކެވެ. މެސީ އިންޓަ އަށް ގަންނަން އެ މީހުން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އިންޓަ އިން ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކުރުމުގެ އިތުރުން އެ މީހުންގެ ބޮޑު ހިއްސާއެއް އޮންނަ އެކި ވިޔަފާރިތައް ވެސް މެސީ ލައްވައި އިޝްތިހާރު ކުރުވުމެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ އަށް ބާސެލޯނާ އިން މިހާރު ދޭ ވަރަށް ވުރެން ބޮޑު މުސާރައެއް އިންޓަ އިން ދޭނެކަން އޮތީ އޭނާ އަށް މާ ކުރިން ވެސް އަންގައިފަ އެވެ. ކެރިއަރުގެ ފަހު ކޮޅުގައި ގިނަ ފުޓްބޯޅަ ތަރިން ބޮޑު މުސާރަ ލިބޭ ގޮތަށް އިޓާލިއަން ލީގުގައި ކުޅެންދާއިރު، އެ ވިސްނުމުގައި މެސީ ވެސް ގެންދެވޭނެކަމަށް އިންޓަ އިން ގަބޫލުކުރެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް މެސީގެ ރޭހަށް ވަންނަން ބޭނުންވެ އެވެ. މެސީ ގަނެވޭނެ މާލީ ތަަނަވަސްކަން އެ ދެ ޓީމުގެ ކިބައިގައި ހުރި ނަމަވެސް މި ވަގުތު އެއް ކުޅުންތެރިއަކަށް އެ ވަރުގެ ހޭދައެއް ކުރަން އެ ދެ ކްލަބުން ބޭނުންނުވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން ބްރެކްސިޓް (ޔޫރަޕިއަން ޔޫނިއަން އިން އިންގްލެންޑް ވަކިވުން) ގެ ސަބަބުން އައި ބަދަލުތަކުން އިންގްލެންޑްގައި ކުޅޭ އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ބޮޑު އާމްދަނީއެއް ހޯދުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. ދާދި ފަހުން ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ކޮންޓްރެކްޓް އާ ކުރުމުގައި ލިވަޕޫލަށް ވެސް އެ މައްސަލަތައް ދިމާވި އެވެ. އެހެންވެ މެސީ ގެނެސްގެން އަހަރެއްގެ މައްޗަށް އޭނާ ބޭނުންވާ ވަރުގެ އާމްދަނީއެއް ހޯދައިނުދެވިދާނެ ކަމުގެ ބިރު ޔުނައިޓެޑާއި ޗެލްސީ އަށް އެބައޮތެވެ.
ސިޓީ އަށް އެ ބިރު ކުޑައީ ސިޓީގެ ވެރިން ހިންގާ އެހެން ކްލަބްތައް އެކި ގައުމުތަކުގައި އޮވެ، ޔޫއޭއީގެ ޓުއަރިޒަމް ފަދަ އެހެނިހެން ވިޔަފާރިތަކުން އެންޑޯސްމަންޓް ޑީލުތަކެއް ހޯދައިދީގެން މެސީގެ އާމްދަނީ ބޮޑު ކުރެވޭނެ ފުރުސަތު އެ ޓީމަށް އޮތުމުންނެވެ. އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވަނީ ސިޓީ އަށް މަޝްހޫރު ކުޅުންތެރިން ހޯދުމުގައި މި ފަދަ ފައިދާތައް ކުރިއަށް އޮތްތަނުގައި ނެގޭނެކަމަށް 2014 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
ބާސެލޯނާގެ ސީނިއާ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މެސީ މީގެ ކުރިން ވެސް ވަނީ އެ ޓީމު ދޫކޮށްލަން ވިސްނައިފަ އެވެ. އެއީ 2017 ވަނަ އަހަރު ބެލި މެސީ ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން އޭނާއާ މެދު ނާއިންސާފުން ގިނަ ކަންތައްތަކެއް ކުރަމުންދާތީ އޭގެ ސަބަބުން އެހެން ގައުމަކަށް ބަދަލުވާން ބޭނުންވުމެވެ. މެސީ ބުނީ އެ ފަހަރު އޭނާ އަށް ރަސްމީކޮށް އެއްވެސް ކްލަބެއްގެ ހުށަހެޅުމެއް ނުލިބޭ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާ ބާސެލޯނާ ދޫކޮށްލަފާނެކަން އެއްވެސް ބަޔަކަށް ގަބޫލުނުކުރެވުން ކަމަށެވެ. އެހެންވެ ރަސްމީކޮށް ކްލަބް ބަދަލުކުރަން އޭނާ ހުށަނާޅަ އެވެ. އެކަމަކު މި ފަހަރު ކްލަބް ބަދަލުކުރަން ރަސްމީކޮށް ހުށަހެޅުމުން އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ބޮޑަށް ބެލެވެ އެވެ.
2014 ވަނަ އަހަރު މެސީ ބާސެލޯނާއާ އެކު ކޮންޓްރެކްޓް އާ ކުރުމުގެ ތެރެއިން: ރައީސް ބާޓޮމެއު (ކ) އާއި މެސީ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ ފައިލް ފޮޓޯ
ބާސެލޯނާ މެނޭޖްމަންޓުން މިހާރު ވެސް މަސައްކަތްކުރަމުން އަންނަނީ މެސީ އެ ޓީމުގައި މަޑުކުރުވާށެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން މިހާރު އޮތް ކްލަބްގެ މެނޭޖްމަންޓް ގްރޫޕާ އެކު ކުރިއަށްދާން މެސީ ބޭނުމެއް ނުވެ އެވެ. ސްޕެއިނުގެ ރޭޑިއޯ އާރްއޭސީ އިން ރިޕޯޓްކުރާގޮތުގައި މެސީ މަޑުކުރާނަމަ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ހުރީ މަގާމުން އިސްތިއުފާދޭން ތައްޔާރަށެވެ. އެކަމަކު އެ ކްލަބްގެ އެހެން އޮފިޝަލަކު ވަނީ މިއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އަށް މައުލޫމާތު ދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކެއް އައިސްފައިހުރީ ކްލަބް ހިންގުމުގެ ގޯސް ނިންމުންތަކެއްގެ ސަބަބުންނެވެ. އެ ގޮތުން ޕީއެސްޖީ އަށް ނޭމާ ވިއްކާލުމާއި ކްލަބްގެ ނިންމުންތަކުގައި މެސީގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ހުއްޓުވަން ކްލަބްގެ ބޯޑުން އަޅައިނުލުމާއި ކްލަބްގެ ރައީސް ބާޓޮމެއު އާއި ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތްކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ބާސެލޯނާ ކޯޗުކަމުން ވަކިކުރި އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިވުމުގައި ބައެއް ކުޅުންތެރިންގެ ނުފޫޒު އޮތްކަމަށް ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު އެރިކް އަބިދާލް ބުނުމުން އޭނާ އާއި މެސީއާ ދެމެދު ބަހުގެ ހަމަލާ ބަދަލުކުރެވުނުއިރު، އެކަން ރަނގަޅަށް ހައްލުކުރަން ކްލަބްގެ ބޯޑުން މަސައްކަތް ނުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ބާސެލޯނާ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ނެދަލެންޑްސްގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަން ވަނީ މިދިޔަ ހަފްތާގައި މެސީއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކްލަބުން ބޭނުންވާ ކަންތައްތައް މެސީ އަށް ހުށަހެޅުމުން އޭނާ ވަނީ ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސްޕެއިނުގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ބައްދަލުވުމުގައި ކޫމަން ވަނީ ކްލަބްގެ ބައެއް ކަންތައްތަކުގައި މެސީ އަށް ބަސްބުނުމުގެ ހާއްސަ އިހުތިޔާރެއް ދެން ނުލިބޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މެސީގެ ގާތް ފަރާތްތަކުން ވަނީ އާޖެންޓީނާ މީޑިއާ މެދުވެރިކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ބާސެލޯނާގައި މެސީ މަޑުކޮށް މިހާރުގެ ލީޑަޝިޕް އިސްތިއުފާ ދިނުމަށް ގޮވާލައި ކެޓަލޫނިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މުޒާހަރާކުރަމުން.-- ފޮޓޯ: އޭއެފްޕީ
ބާސެލޯނާގެ ވިސްނުމަކީ މެސީ ކްލަބް ބަދަލުކުރަން ފުރުސަތު ދޭނަމަ ޓްރާންސްފާ ފީއެއް ނެގުމަށް ފަހު އެކަން ކުރުމަށެވެ. އެ ގޮތުން ކޮންޓްރެކްޓްގައިވާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކްލަބް ބަދަލުކުރެވޭ މާއްދާ އަށް އަމަލުކުރެވޭ މުއްދަތު މިހާރު ފަހަނައަަޅައި ގޮސްފައިވާތީ ބާސެލޯނާ އިން ބޭނުންވަނީ މެސީ ގެންދާ ޓީމެއްގެ އަތުން އޭނާ ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯ ހޯދާށެވެ. އެކަމަކު އެ ވަރުގެ އަގެއް ދައްކައިގެން މެސީ ގެންދާނެ އެއްވެސް ޓީމެއް މި ވަގުތު ނެތެވެ.
އަންނަ އަހަރު މާޗް މަހަށް ތާވަލުކޮށްފައިވާ ބާސެލޯނާ ރައީސަކު ހޮވާ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ވެސް މެސީގެ ޓްރާންސްފާ ވާހަކަތައް ވަނީ ގަދަވެފަ އެވެ. އެ ގޮތުން ކުރީގެ ރައީސް ޔޮއާން ލަޕޯޓާއި އާއި ކުރިއަށް އޮތް އިންތިހާބަށް އެންމެ ބޮޑަށް ކެމްޕެއިން ކުރާ ވިކްޓަ ފޮންޓް ވަނީ މެސީގެ މުސްތަގުބަލާ މެދު ކްލަބުން ގޮތެއް ނިންމޭނީ އަވަސް އިންތިހާބަކަށް ފަހު ކަމަށް ބުނެ ބާސެލޯނާގެ މިހާރުގެ މެނޭޖްމަންޓް ވަގުތުން އިސްތިއުފާ ދޭން ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަމައްދު
31 August 2020
މެސީ ގުޅޭނެހެން ހީވަނީ މެންޗެސްޓާ ސިޓީ އާ
މެސީގެ ބައްޕަ..
29 August 2020
ހީވަނީ އިންޓަރ މިލާން އާއިހެން.
ރުޒައިނާ
29 August 2020
މުސާރަ ބޮޑުކުރަން ޖައްސާ ގޭމް. އެހެންނޫނީ މެސީ ރަނގަޅުވާނެ ނިއުރޭޑިއަންޓާ ގުޅެން
ދަރަނި ދަންތުރަ
28 August 2020
މެސީ ބާސާގަ މަޑުކުރާނެ ބަލަން ތިބޭ
ކޯޗް
28 August 2020
އަހަރުމެންގެ ޓީމަށް މެސީ ގެންނަށްވެގެން ފެކޮހެއް ފޮނުވައިފިން. މެސީގެ ޖަވާބަކަށް މި އިންތިޒާރުކުރަނީ.
ދޮންވެލި
28 August 2020
މެސީ އަކީ އޮއްސެމުންދާ ތަރި އެކެވެ. އެއް އަހަރު ނޫނީ ދެ އަހަރު އަދި ކުޅެވިދާނެ އެވެ.
ކަޅުވެލި
28 August 2020
ތިޔަނޯއްސޭ ތަރި ދެންދާންވީނު
ސަލާހު
28 August 2020
ދެން މެސީ އަންނާނީ އަހަރެމެންގެ ނިއުއަށް.
ސަމަރޭ
28 August 2020
މެސީހޯދަން މަސައްކަތްކުރާ ކްލަބްތަކައްވެސް އެނގޭ މެސީގެ ސޮއި ހޯދިއްޖެނަމަ އަންނާނީ ހަމައެކަނި އޭނަނޫންކަން، މެސީގެ ފަހަތުން އެތައް އަހަރުތަކަކައް ދެމިގެންދާ ބޮޑު ފޭންބޭސްއެއް ގޮވައިގެންކަން އަންނާނި ، މިކަމުގެ ސަބަބުން އެކްލަބެއްގެ މާލީހާލަތު އެތައް ގުނައަކައް އިތުރުވޭ
ަަާއަރީފް
28 August 2020
އަޅުގަނޑަކީ މެންޔުނައިޓެޑްގެ ޑައި ހާޑް ފޭންއެއް. އަޅުގަނޑު ބޭނުންވަނީ ގޯޓް މެސީ މެންޔުނައިޓެޑްއަށް ކުޅޭތަން ބަލަން. އެއީ އަޅުގަނޑުގެ ހުވަފެނެއް
މުމފެންފުށި މުހައްމަދު އަހުމަ
28 August 2020
ނިއުރޭޑިއަންޓް