ވަގުތީ ހުއްދައެއްގެ ދަށުން މި ސީޒަނުގައި ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ ގޯލްކީޕަރުން ގެނެވޭ ގޮތްވީ ނަމަވެސް ދިވެހި ކީޕަރުންނަށް ވެސް ފުރުސަތު ދޭން ކުރީގެ އެއް ވަނަ ގޯލްކީޕަރު އަދި ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނިން ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ އިމްރާން މުހައްމަދު ގޮވާލައިފި އެވެ.

އެފްއޭއެމުން ބުނީ ކޮވިޑް-19ގެ ހާލަތާ ހުރެ ބިދޭސީ ކީޕަރުން ގެނެވޭ ގޮތަށް ހެދީ މި ސީޒަނުގެ ތެރެއިން އެ ނިންމުން ރިވިއުކުރާ ގޮތަށް ކަަމަށެވެ. އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ތިން ވަރަކަށް ޓީމު ފިޔަވައި ދެން އެހެން ހުރިހާ ކްލަބެއްގެ ގޯލުން ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ބިދޭސީ ކީޕަރުންނެވެ.

ބިދޭސީ ކީޕަރުން ގެނެވޭ ގޮތަށް އެފްއޭއެމުން ނިންމި ނިންމުމާ ބެހޭގޮތުން "މިހާރު" ގައި ލިޔުނު ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ފަހު އިމްރާން ވަނީ ދިވެހި ކީޕަރުންނަށް އޮތް ފުރުސަތުތައް ކުޑަނުކުރަން އެދިފަ އެވެ.

"މި ހާލަތުގައި ލީގުގެ ކޮންމެ ކްލަބަކުން ވެސް ވަކި ވަރަކަށް ވަގުތު ދިވެހި ކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިއްމު ކަމަށް ދެކެން. ވާދަވެރި މެޗުތަކެއް ދިވެހި ކީޕަރުންނަށް ލިބިގެން ނޫނީ ރަނގަޅު ފެންވަރުގެ ކީޕަރުންތަކެއް އުފެދުމަކީ ދުރުކަމެއް،" 20 އަހަރުވީ ކާމިޔާބު ފުޓްބޯޅަ ކެރިއަރު މިދިޔަ އަހަރު ނިންމާލުމަށް ފަހު ގޯލްކީޕަރުން އުފެއްދުމުގެ މަސައްކަތުގައި މިހާރު ބައިވެރިވަމުން އަންނަ އިމްރާން ބުންޏެވެ.

ސަތާރަ އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން ވަނީ ކެރިއަރުގައި އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ފަހަަކަށް އައިސް ކްލަބްތަކުން ދިވެހި ކީޕަރުންނަށް ލިބޭ ފުރުސަތުތައް މަދުވަމުން އަންނަ މައްސަލައިގައި މީގެ ކުރިން ވެސް އިމްރާން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން އެންމެ ފުރަތަމަ ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު ހާލަތު ބަދަލުވި ގޮތުން މި ސީޒަނުގައި ވެސް ބިދޭސީ ކީޕަރުން ގެންނަން ކްލަބްތަކުން ބޭނުންވީ އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ދެކޭ ގޮތުގައި ކުއްލިއަކަށް ހުރެފައި ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތް ހެދުމުގެ ކުރިން ދުރުރާސްތާ ޕްލޭނެއް ހަދައި އެކަމަށް ތައްޔާރުވާން ޖެހެ އެވެ. އެއީ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ގިނަ އަދަދެއްގެ ގޯލްކީޕަރުން ތަމްރީނު ކުރުމުގެ ވަގުތު ނަގާނެތީ އެވެ. އެގޮތުން ހަތަރެއް ނޫނީ ފަސް އަހަރު ދީފައި މި ފަދަ ގަވައިދެއް ހަދައި އަހަރުން އަހަރަށް ދިވެހި ކީޕަރުންނަށް ދޭ މެޗުގެ އަަދަދު އިތުރުކުރަމުންދާ ގޮތަށް އުސޫލެއް ކްލަބްތަކުން އިސްނަގައިގެން އެކުލަވާލައިފިނަމަ އޭގެ ފައިދާ ޖުމްލަކޮށް ބަލާއިރު ޓީމުތަކާއި ދިވެހި ފުޓްބޯޅަ އަށް ބޮޑަށް ކުރާނެ ކަމަށް ގިނަ ކޯޗުން ގަބޫލުކުރެ އެވެ.

މީގެ ކުރިން "މިހާރު" އިން ވާހަކަ ދެއްކި ބައެއް ކްލަބްތަކުގެ އޮފިޝަލުން ވަނީ ދިވެހި ކީޕަރުން ލައްވައި ކުޅުވުމުގައި ހުރި ބައެއް ކަހަލަ ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން ފެންވަރު ރަނގަޅު ދިވެހި ކީޕަރުން މަދުވުމުގެ މައްސަލަ އާއި ރަނގަޅު ދިވެހި ކީޕަރުން މަދުވުމާ އެކު އެ ކީޕަރުންނަށް ސީޒަނަށް ދޭން ޖެހޭ މުސާރަ އަށް ކުރާ ޑިމާންޑް ވެސް ބޮޑުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އަދި އެހެންވެ އަގާއި އެހެން ކަންކަމަށް ބަލާއިރު ޓީމުގެ ބަޖެޓަށް އެންމެ ރަނގަޅު ގޮތަކީ ބިދޭސީ ކީޕަރެއް ގެނައުން ކަމަށް ބައެއް ކްލަބްތަކުގެ އޮފިޝަލުން ބުނެ އެވެ.

މުސްތަގުބަލަށް ފެންވަރު ރަނގަޅު ގިނަ ދިވެހި ކީޕަރުންތަކެއް އުފެދުމުގެ މަގުސަދުގައި އެފްއޭއެމުން ވަނީ މިދިޔަ އަހަރު ގޯލްކީޕަރުންގެ އެކެޑަމީއެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ.