މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިން ފެންނަ މަންޒަރަށް ބަލާއިރު އެފްއޭއެމުން ފަށާފައިވާ ގޯލްކީޕަރުންގެ އެކެޑަމީ ރަނގަޅު ގޮތެއްގައި ހިނގައި ކުރިއަށްދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެފްއޭއެމްގެ ގޯލްކީޕަސް ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ކޮވިޑް-19އާ ހެދި ގިނަ ދުވަސްތަކެއް ވަންދެން އެފްއޭއެމްގެ ގޯލްކީޕަރުންގެ އެކެޑަމީގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު މި ހަފްތާގައި ވަނީ މަސައްކަތް ފަށައިފަ އެވެ. އިމްރާން ބުނީ މި ވަގުތު ލީގުގައި ކުޅޭ އަށް ޓީމުގެ ތެރެއިން ހަ ޓީމުގައި ތިބީ ބިދޭސީ ގޯލްކީޕަރުން ކަމަށެވެ. އެންމެ ދެ ޓީމުން ދިވެހި ކީޕަރުންނާ އެކު ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ކުޅޭތީ އޭގެން އެނގެނީ ގޯލްކީޕަރުން އުފައްދަން ޖެހޭ މިންވަރު ބޮޑުވުން ކަމަށް އިމްރާން ދެކެ އެވެ.

"މި އެކެޑަމީ މި އޮތީ ވަރަށް މުހިއްމުވެފައި. މި މަސައްކަތް ކުރިން ނުކުރެވި އޮތީމަ އަޅުގަނޑުމެންނަށް މިހެން ދިމާވެފައި މި އޮތީ. (އެކެޑަމީގެ މަސައްކަތަކީ) ރާއްޖޭގައި ގޯލްކީޕަރުން އުފެއްދުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް،" އެފްއޭއެމް "ލެޓްސް ޓޯކް ފުޓްބޯލް" ޝޯ އަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުންޏެވެ.

ކުރިން އޮތީ މި ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމައިފަ އެވެ. އެ ނިންމުން ކްލަބްތަކުން ބޭނުންވެގެން ބަދަލުކޮށް މި ސީޒަނުގައި ބިދޭސީ ކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދޭން އެފްއޭއެމުން ނިންމީ މި ސީޒަނުގެ ތެރޭގައި ވެސް އެ ނިންމުން އިވަލުއޭޓްކުރާ ގޮތަށެވެ.

ގައުމީ ޓީމުގެ ގޯލު 17 އަހަރު ވަންދެން ބެލެހެއްޓި އިމްރާން ބުނީ ގޯލްކީޕަރުން އުފައްދަން އެކެޑަމީގެ މަސައްކަތް ފެށުމާ އެކު މީގެ ގިނަ ކުދިންތަކެއް ބައިވެރިވުމުން އެނގިގެންދާ ކަމަކީ ފުރުސަތަކަށް ބޭނުންވެފައި ތިބި ކުދިން ވެސް އިތުރުވުން ކަމަށެވެ. ދެން މީގައި އޮތީ ކުރަން ޖެހޭ މަސައްކަތް ކަމަށާއި އެކަން ކުރެވޭނީ ފުޓްބޯޅައިގެ އެންމެންގެ އެއްބާރުލުމާ އެކީގައި ކަމަށް އިމްރާން ބުންޏެވެ.

"ފުރުސަތު ދީގެން ރަނގަޅު ޓްރެއިނިން ދީގެން ދަނޑަށް ނެރެ ވާދަވެރި މެޗުތަކެއް ވެސް ދީގެން މެނުވީ ކީޕަރަކަށް އެންމެ ރަނގަޅަކަށް ނުކުޅެވޭނެ،" އިމްރާން ބުންޏެވެ.

އޭނާ ބުނީ އަމާޒަކީ އުމުރުފުރާގެ ގައުމީ ޓީމުތަކުގެ ގޯލު ބަލަހައްޓަމުން އައިސް ސީނިއާ ގައުމީ ޓީމާ ހަމައަށް ގެންދެވޭ ފެންވަރުގެ ގޯލްކީޕަރުން ތަކެއް ނެރުން ކަމަށާއި އެކަން ކުރެވޭނީ އެކި ލެވަލްގައި ވީހާވެސް ގިނައިން އެ ކީޕަރުންނަށް ވާދަވެރި މެޗުތަކެއް ލިބިގެން ކަމަށެެވެ.

އެފްއޭއެމް ގޯލްކީޕަރުންގެ އެކެޑަމީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ. އޭނާ ބުނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވިސްނުމާ އެކު ފެށި މި މަސައްކަތުގައި ދުރު ނޫން މުސްތަގުބަލެއްގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ތޭރަ އަހަރުން ފެށިގެން 18 އަހަރާ ދެމެދުގެ ކީޕަރުންނަށް އިސްކަންދީގެން ކުރިއަށްދާ މި އެކެޑަމީގެ ތެރެއިން ޓްރެއިންވި ދެ ކީޕަރަކު ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބަކާ ގުޅިފަ އެވެ. އަސްލަމް ބުނީ އެ ދެ ކީޕަރުން ފުލްކޮށް ނުކުޅުނަސް ރަނގަޅު ޓްރެއިނިންތަކެއް ލިބިގެން އިތުރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

"މި އެކެޑަމީ ތެރެއިން ރަނގަޅު ގޯލްކީޕަރުން ތަކެއް ނުކުންނާނެ. މި ވަގުތު ވެސް 20 ގޯލްކީޕަރުންނާ އެކު މި ތިބީ އެކެޑަމީގައި. ކްލަބްތަކަށް އަދި ހުރިހާ ފުޓްބޯޅަ ފޭނުންނަށް ވެސް ގެރެންޓީ ދޭން ބޭނުން ރަނގަޅު ކީޕަރުންތަކެއް (މި އެކެޑަމީ އިން) ނެރޭނެ ކަމުގެ" އަސްލަމް ބުންޏެވެ.

އޭނާ ބުނީ އެކެޑަމީގެ ޓްރެއިނިންތަކުގެ ޕްރޮގްރާމްތައް ހެދިފައިވަނީ މިހާރުގެ ފުޓްބޯޅައިގައި ކީޕަރުން ކުރަން ޖެހޭ ކަންތައްތަކަށް ބަލައިގެން ކަމަށާއި އެ ގޮތުން ކޮންމެ ކީޕަރަކަށް ވެސް ޓްރެއިނިން ދެނީ އުމުރުފުރާއެއްގެ ނިސްބަތުން ދޭން ޖެހޭ އެންމެ ރަނގަޅު ޓްރެއިނިން ކަމަށެވެ.

އެފްއޭއެމުން ގޯލްކީޕަރުންގެ އެކެޑަމީގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ.