އަންނަ މަހު ހަތް ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކުން އަންނަނީ ކުޅުންތެރިން ގެނެސް ޓީމު ވަރަގަދަ ކުރަމުންނެވެ. މިހާތަނަށް ބަލާއިރު ގިނަ ޓްރާންސްފާތަކެއް ވަނީ ހިނގައިފަ އެވެ. އެކަމަކު އަދި ޓީމަކާ ނުގުޅެ މަޝްހޫރު ގިނަ ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވެނީ ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައިވާ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު ފައިސަލް އެވެ.
މިދިޔަ ސީޒަނުގައި މި ދެ ކީޕަރުން ވެސް ކުޅެފައިވަނީ ނިއު ރޭޑިއަންޓަށެވެ. މުސާރަ ނުދޭ މައްސަލައިގައި ސީޒަންގެ ވަކި ހިސާބަކުން އިމްރާން ޓީމުން ވަކިވިއިރު، ފަހުން ގޯލު ބެލެހެއްޓީ ފައިސަލް އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ވަނީ ފުޓްބޯޅަ ހަރަކާތްތަކުން ނިއު ސަސްޕެންޑްކޮށްފަ އެވެ.
އުމުރުން 37 އަހަރުގެ އިމްރާން ވަނީ މި ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަަމަކު މިހާތަނަށް އަދި ޓީމަކަށް ސޮއިކޮށްފައެއްނުވެ އެވެ.
ކުރިން ވިކްޓަރީ އާއ ވީބީ އަދި މާޒިޔާ އަށް ވެސް ކުޅެފައިވާ އިމްރާނަށް ނިއު އިން ދޭން ޖެހޭ މުސާރަ ނުލިބިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 3 ވަނަ ދުވަހު އޭނާ އެފްއޭއެމަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ނިއު އިން ވަނީ އޭނާގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. ނިއު އިން އެއްބަސްވުން ބާތިލްކުރިއިރު، ބުނީ އެކަން އެ ގޮތަށް ކުރީ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން ކަމަށެވެ. މުސާރަ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިދާތީވެ އިމްރާން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ފައިސަލަށް މި އަހަރު ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބޭނެ ކަމަށް ބެލެވުނެވެ. އެއީ 10 އަހަރަށް ފަހު ސަރަހައްދުގެ ރަން ތަށި ރާއްޖެ އަށް ގެނައުމުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ސީޒަން ފެށެން މިހާ ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ގައުމީ ޓީމުގެ އެއް ވަނަ ގޯލުކީޕަރުގެ ގޮތުގައި މި ވަގުތު ހުރި ފައިސަލް ހުރީ އަދި ކްލަބަކާ ނުގުޅި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފައިސަލް ގެންދަން ގިނަ ކްލަބްތަކުން ވަނީ އޭނާއާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ޓީމަކާ ނުގުޅި ހުރީ އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމައި މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކަން އިއުލާނުކޮށްފަ އެވެ. އެ ގޮތުން ބަލާއިރު މި ސީޒަނަކީ ބިދޭސީ ގޯލްކީޕަރުން ލައިގެން ކުޅެވޭނެ ފަހު އަހަރެވެ. އެ ގަވާއިދުގެ ތެރެއަށް ފެތުމުގެ ގޮތުން މި ސީޒަނުގައި ގިނަ ޓީމުތަކުން އެންމެ ފުރަތަމަ މަސައްކަތްކުރީ ދިވެހި ކީޕަރުން ގެންނާށެވެ.
މި ވަގުތަށް ބަލާއިރު ބިދޭސީ ކީޕަރުން ގެންނަން ނިންމާފައިވާ ކްލަބްތަކަކީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. އެ ދެ ޓީމުގެ ގޯލު ބަލަހައްޓާނީ މިދިޔަ އަހަރު ވެސް ފެނުނު ދެ ކީޕަރުންނެވެ. އެއީ އީގަލްސް އަށް ސްރީލަންކާގެ ސުޖަން ޕެރޭރާ އާއި ޓީސީ އަށް ނޭޕާލްގެ ކިރަން ޝެމްޝޮން އެވެ. މިދިޔަ ސީޒަނުގައި ފޯކައިދޫގެ ގޯލު ބެލެހެއްޓީ ޕާކިސްތާންގެ ހަނީފް ސާގިބް އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކުން ދިވެހި ކީޕަރުންނާ އެކު މި ވަގުުތު ޕްރެކްޓިސް ކުރަނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ އަދި ވިކްޓަރީ އެވެ. މާޒިޔާގައި ޒުވާން ކީޕަރު ހުސެއިން ޝަރީފް ހުރިއިރު ގްރީންގެ ގޯލު ބަލަހައްޓަނީ ލަބާން ޝަރީފް އެވެ. އައި ޔުނަައިޓެޑް ވިކްޓަރީގެ ގޯލުން މި އަހަރު ވެސް ފެންނާނީ ހަސަން ތޮލާލް (ޓޮޕްލަކް) އެވެ.
ދިވެހި ކީޕަރުން އުފެއްދުމަށާއި ކީޕަރުން އިތުރަށް ތަރައްގީ ކުރުމަށް އެފްއޭއެމުން ވަނީ ގޯލްކީޕަރު އެކެޑަމީއެއްގެ މަސައްކަތް ފަށައިފަ އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި އެކެޑަމީގެ މަސައްކަތުގެ ތެރެއިން ސީނިއާ ކީޕަރުން ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.