ބާސެލޯނާ (އޮކްޓޫބަރު 29) - ދާދި ފަހުން ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާ ދިން ޖޯސެފް ބާޓޮމެއުގެ ފަރާތުން ފާއިތުވި އަހަރެއްހާ ދުވަހު ފެނިގެން ދިޔައީ ގޯހަކަށް ފަހު ގޯހެއް ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
ބާޓޮމެއުގެ އިތުބާރު ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާންމު މެމްބަރުން ތައްޔާރުވަމުން ދިޔަ ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވިތާ ދެ ދުވަސް ވެސް ނުވަނީސް ޕްރެޝަރު ބޮޑުވެ ރައީސްގެ މަގާމުން ބާޓޮމެއު އިސްތިއުފާ ދިނީ އަންގާރަ ދުވަހު އެވެ.
ލަލީގާގެ ރައީސް ޓެބާސް ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ބާސެލޯނާ މިހާރު އެ އޮތް ހާލަތަށް ދިއުމުގައި ވަރަށް ބައިވަރު ކަންތައްތަކެއް ހިންގައިފި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ބާޓޮމެއު އަށް ކަމަށްވުމަކީ ހައިރާންވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ވަރަށް ހިތްދަތި ނިމުމެއް މިއައީ ބާާޓޮމެއު އަށް. އޭނާގެ ފަރާތުން ރަނގަޅު ނިންމުންތަކެއް ވެސް ކުރިން ފެނުނު. އެކަމަކު ފަހަކަށް އައިސް މިދިޔަ އަހަރެއްހާ ދުވަސް ތެރޭ މުޅިން ކަހަލަ ގޮތަކަށް ބާޓޮމެއުގެ ފަރާތުން ފެނުނީ ގޯހަކަށް ފަހު ގޯހެއް،" ޓެބާސް ވިދާޅުވި އެވެ.
ބާޓޮމެއު ގޯސްކޮށް ކުރި ކޮށް ކަންތައްތަކެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން ޓެބާސް ވިދާޅުވީ ސީދާ ވަކި ކަންތައްތަކެއް ފާހަގަނުކުރި ކަމުގައި ވިޔަސް ހަގީގަތް އެނގޭނެ ބަޔަކު ތިބޭނެ ކަމަށެވެ.
ބާޓޮމެއުއާ މެދު ބާސެލޯނާގެ ސަޕޯޓަރުން (އާންމު މެމްބަރުން)ގެ ކެތްތެރިކަން ކޮޅުންލީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމު ދޫކޮށްލަން ނިންމައި ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ހިސާބުންނެވެ. މެސީ ރަސްމީކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަން ހާމަކުރުމުން ވެސް އެގްރީމެންޓުގައި ހުރި ވަކި މާއްދާތަކަކަށް ރިއާޔަތްކޮށް ބާސެލޯނާ އިން ވަނީ މެސީ މަޑުކުރުވައިފަ އެވެ. މެސީ ބުނީ ކްލަބްގައި މަޑުކުރަން ބޭނުންވީ އޭނާ ލޯބިވާ ކްލަބެއް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ. މެސީއާ މެދު ބާސެލޯނާގެ މެނޭޖްމަންޓުން ކަންތައް ކުރި ގޮތުން ކުރީގެ ކުޅުންތެރިންނާއި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްދިޔަ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
މެސީ އަށް ބާސެލޯނާ ދޫކޮށްދިޔަ ނުދޭން ލަލީގާ މެދުވެރިކޮށް ބާސެލޯނާ އިން އެހީތެރިކަން ހޯދި ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބާސެލޯނާ އިން ދެއްކި ވާހަކަތައް ލަލީގާ އިން ވެސް ވަނީ އޭރު ތަކުރާރުކޮށްފަ އެވެ.
މީގެ އިތުރުން ދެން ބާސެލޯނާގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިން ހިތްހަމަނުޖެހުނު ކަންތައްތަކުގެ ތެރޭގައި ބާސެލޯނާ ކޯޗުގެ މަގާމުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ކީކޭ ސެޓިއެން ހަމަޖައްސައި ފަހުން އޭނާ ވެސް ވަކިކުރުމާއި ބާސެލޯނާގެ ކުރީގެ އާއި މިހާރުގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ބާސެލޯނާގެ ބޯޑް މެމްބަރުންގެ އެއްބާރުލުމާ އެކު އެޖެންސީއެއް މަސައްކަތްކުރިކަމަށް ދެކެވުނު ވާހަކަތަކާއި މި އަހަރު ބާސެލޯނާގެ ބޯޑުގައި ތިބި ހަ މެމްބަރުން ކުއްލިއަކަށް އިސްތިއުފާ ދިނުން ހިމެނެ އެވެ.
މިކަންކަން ވެސް ފާހަގަކުރައްވައި ޓެބާސް ވިދާޅުވީ ބާޓޮމެއު ފަހުން ވިސްނީ ފުޓްބޯޅައިގެ ކުރިއެރުމުގައި ކްލަބް ހިންގުމަށް ފަހު ވިޔަފާރީގެ ވިސްނުމަށް ކަމަށެވެ. އޭގެ އަށް އެންމެ ބޮޑަށް ބާރު ލިބޭ ސަބަބަކީ އެންމެ ފަހުން ދުވަހުގައި ވެސް ބާޓޮމެއުގެ ލީޑަޝިޕުން ނިންމި ނިންމުންތައްކަން ޓެބާސް ފާހަގަކުރެއްވި އެވެ.
"އެންމެ ފަހު ދުވަހު ވެސް ބާޓޮމެއު އިއުލާންކުރީ ޔޫރަޕިއަން ސުޕަ ލީގަށް ވަނުމުގެ ޝައުގުވެރިކަން. އެ ލީގަކީ ފުޓްބޯޅައިގެ އުސޫލުތަކުގެ ބޭރުން ވިޔަފާރި އަށް ކުރާ ކަމެއް. އަހަންނަށް އެނގޭ އެ ލީގަކީ ރެއާލްގެ ރައީސް (ފްލޮރެންޓީނޯ ޕެރޭޒް)ގެ ދުވަސްވީ ހުވަފެނެއްކަން. އެކަމަކު އޭނަ ވެސް އަދި ނުކުރާ ފަދަ ގޮތަކަށް ބާޓޮމެއުގެ އަމަލުތައް ހުރީ،" ޓެބާސް ވިދާޅުވި އެވެ.
ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް ފަހު ބާޓޮމެއު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އުއްމީދުކޮށްގެން ހުރީ އަންނަ އަހަރު މާޗް މަހާ ހަމައަށް މަސައްކަތްކޮށް ޓީމުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށާއި އެކަަމަކު ކަންތައްތައް ބަދަލުވެގެންދިޔައީ ހީނިކުރާހާ އަވަސްކޮށް ކަމަށް ވުމުން މި ވަގުތަށް އެންމެ ރަނގަޅީ މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.
ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޮސެލްގެ ގާތް މީހެއްގެ ގޮތުގައި ކްލަބްގެ ނައިބު ރައީސެއްގެ މަގާމަށް 2010 ވަނަ އަހަރު އިންތިހާބުވި ބާޓޮމެއު ކްލަބްގެ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރު ރޮސެލް މަގާމުން އިސްތިއުފާ ދޭން ޖެހުމުންނެވެ.